ޚަބަރު

ޕާކިސްތާން މީހަކަށް ވަގު ޑޮލަރު ވިއްކި ދެ މީހަކު 28،800 ރުފިޔާއިން ޖޫރިމަނާކޮށްފި

އަލީ ޔާމިން

ޕާކިސްތާނު މީހަކަށް އޮޅުވާލައިގެން ވަގު ޑޮލަރު ވިއްކި ދެ މީހަކު 28،800 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ، މުހައްމަދު ނައުފަލް އިބްރާހިމް ޒާހިރު، ހ. ގާޑްންބިއުޓީ، އަހުމަދު ނައުފަލް، ގ. ސައްލިގޯތި އާއެކު މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހުގެ 20:40 ހާއިރު، ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މިރުޖާ އަހުމަދު މާޒްއަށް، 900 ޑޮލަރު ވިއްކި އިރު، އޭގެ ތެރެއިން 800 ޑޮލަރަކީ ސައްހަ ނޫން ޑޮލަރުތަކެއްކަން އެނގިހުރެ، އެ ޑޮލަރަށްވާ 13،200 ރުފިޔާ މަކަރާއި ހީލަތުން އެ ދެމީހުން އޭނާގެ އަތުން ނެގި މައްސަލައެވެ.

އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އެ ދެމީހުންވެސް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންވެ، މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެ ދެމީހުންނާ މެދު ވެފައިވާ އިއުތިރާފު އެއްބަސްވުން ކޯޓަށް ހުށަހަޅައިފައެވެ.

ދައުވާ ލިބޭ ދެމީހުންވެސް ކުށަށް އިއުތިރާފުވެފައިވާތީ، މި މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާއެއް އިއްވާ ގޮތަށެވެ. އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އެ ދެމީހުން ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންވެ، ދައުލަތުން އެދުނީ އެ ދެމީހުންނަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައިދިނުމަށެވެ.

ދައުވާ ލިބޭ ދެމީހުންވެސް ވަނީ، އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައަޅައިދިނުމަށް އެދޭ ކަމަށާއި ޖަލު އަދަބު ނޫން އެހެން އަދަބެއް ކަނޑައަޅައިދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ގާޒީ މުހައްމަދު މިސްބާހު މިދިޔަ އަންގާރަ ދުވަހު ކުރެއްވީ، އެ ދެމީހުން މަކަރާއި ހީލަތް ހެދުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށާއި އެކަމުގެ އަދަބެއްގެ ގޮތުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް، އެމީހުންގެ މައްޗަށް އިއްވި ޖަލު ހުކުމް ގާޒީ ވަނީ، ގާނޫނީ އުގޫބާތުގެ 1005 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 1202 ވަނަ މާއްދާގެ ދަށުން 28،800 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކޮށް އެ ފައިސާ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގައިފައެވެ.