މޯލްޑިވްސް ކޮވިޑް-19 ހެލްތް ފެސިލިޓީ ޕްރޮޖެކްޓް އަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި 18.4 މިލިއަން ޔޫރޯ (302،348،800 ދިވެހި ރުފިޔާ)ގެ ލޯނު އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޔޫރަޕިއަން އިންވެސްޓުމެންޓް ބޭންކް (އީއައިބީ) އާ ދެމެދު ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، އެ ލޯނަކީ މިދިޔަ ވަނަ އަހަރު އީއައިބީން ތައާރަފުކުރި ސައުތު އޭޝިއާ ޕަބްލިކް ހެލްތްކެއާ ކޮވިޑް-19 ޕްރޮގްރާމް ލޯންގެ ދަށުން ރާއްޖެއިން ނެގި ލޯނެއް ކަމަށެވެ.
އެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރެއްވި އިރު، އީއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ގްލޯބަލް ޕާޓްނާސް ޑައިރެކްޓާ މާރިއާ ޝޯ އެވެ. އެ ލޯނުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބެލެޖިއަމްގެ ބްރަސެލްސް ގައި ކުރިއަށްދާ ޔޫރަޕިއަން ޑިވެލޮޕްމެންޓް ޑޭސް އިވެންޓުގައެވެ.
ފިނޭންސުން ބުނީ އީއައިބީ ބޭންކު ނެގި ލޯނަކީ ވަރަށް ކޮންސެޝަނަލް ޓާމްތަކެއްގައި ދިގު މުއްދަތަކަށް ބަހާލައިގެން ދައްކާ ގޮތަށް ނަގާފައިވާ ލޯނެއް ކަމަށެވެ. އަދި އެ ލޯނު ބޭނުން ކުރާނީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށް ޒަމާނީ ވަސީލަތްތަކާއެކު ނެޝަނަލް ހެލްތް ލެބޯޓްރީއެއް ގާއިމް ކުރުމަށާއި އަތޮޅު ތެރޭގައި ޑިޒީޒް ވޯޑުތައް ގާއިމްކުރަން ކަމަށް ފިނޭންސުން ބުންޏެވެ.
އެގޮތުން 18 ރަށެއްގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު އިތުރަށް ޒަމާނީކޮށް ލާމަރުކަޒީ ކުރެވިގެންދާނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.