ރާއްޖެއިން އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާއާއެކު ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއް ރުވާންޑާއަށް ވަޑައިގެން ހުންނެވި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލްއެވެ. ރުވާންޑާ ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިންސެންޓް ބިރޫޓާއެވެ.
ދެ ގައުމުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކާއި ކަނޑުދަތުރުފަތުރާ ގުޅޭ އެއްބަސްވުމަކާއި ވިޔަފާރި އާއި ޓޫރިޒަމް ދާއިރާގެ އެއްބަސްވުމަކާއި މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ޖެނެރަލް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުމެކެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ރުވާންޑާއާ އެކު ސޮއި ކުރި އެއްބަސްވުންތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއަށް ލިބޭނެ ފައިދާތަކެއް އިތުވާނެ ކަމަށެވެ.
ދިވެހި ސަރުކާރުން ރުވާންޑާއާ އެކު ސިޔާސީ ގުޅުން ގާއިމުކުރީ 2019 ވަނަ އަހަރުގެ ސެފްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.