ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ މަތިވެރި ލޯބި ބޭނުން ކޮށްގެން ނަފުރަތާއި ރުޅިވެރިކަން އުފައްދަން ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގަލޯލު ސްޓޭޑިއަމްގައި ދައުލަތުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބެވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް އަމާޒުކޮށް މުންކަރާތް ނަހީ ކުރުމުގެ ނަމުގައި ހިންގާފައި ވަނީ ވަރަށް ނާތަހުޒީބު އަދި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރި ކަމަށް ގޮވާލައި މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ އެފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށްދިން ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއް ކަމަށެވެ.
އިސްލާމްދީނާއި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ދާހިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން ބައެއް ފަރާތްތަކުން ހަރަކާތްތަކެއް ހިންގަމުންދާ ކަަމަށާއި އެކަމުގެ މަޅީގައި ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާލައިފައެވެ. އެއީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ސިޔާސީ މަންފާއަށް ހިންގާ ހަރަކާތްތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ބައެއް ފަަރާތްތަކުން ދިވެހީންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުން ކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުން ދާކަން ހަނދުމަކޮށްދެމެވެ. އެހެން ކަމުން މިފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރަން އިލްތިމާސް ކުރަން،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.
ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވަނީ އެކަމުގައި ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތްތަކާއި ޖަމިއްޔަތުލް ސަލަފުގެ ބައިވެރިކަން އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމުންނާއި ސަލަފުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ފުލުހުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުންދާއިރު، ހަމަނުޖެހުން ހިންގުމުގައި ބޭނުންކުރި ބައެއް އާލާތްތަށް ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އިލެކްޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު "ވަން" އަށް ވިދާޅުވީ، ޕީޕީއެމަށް ކުރާ ތުހުމަތު ސާބިތުވެއްޖެނަމަ އެޕާޓީއަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު