ޚަބަރު

ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުން: ފުލުހުން

މުހައްމަދު ޖަމްޝަތް ވަހީދު

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބޭރުގެ ޑިޕްލޮމެޓުންނާއި ސަފީރުންނާއި އާއްމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް ދަނޑަށް ވަދެ ހަމަލާދީ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނަައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ބަލަން ފަށާފައިވާ ކަމަށެވެ.

އަދި ހަމަނުޖެހުން ހިންގުމުގައި ބޭނުންކުރި ބައެއް އާލާތްތަށް ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށާއި އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ފުލުހުން އެހެން ބުނެފައިވާ އިރު، ހަމަނުޖެހުމުގައި ބައިވެރިވި މީހުން ހިފައިގެން ތިބި ދިދަތަކާއި ސައުންޑް ސިސްޓަމްތައް ޕީޕީއެމްގެ އޮފީހުން ނެރޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އެކަމުގައި ޒިންމާވާ މީހުން އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.