ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގަލޮޅު ދަނޑުގައި މިއަދު ހިންގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ. އަދި އެކަމުގައި ޒިންމާވާ މީހުން އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދިނެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.
ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު