ގައްދޫ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް ސަރުކާރުން ހުއްޓުވާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ގައްދޫ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ބުނެ އެކަމާބެހޭ މައުލޫމާތު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ މައްސަލައިގައި ލިޔުމުން މިނިސްޓަރާ ސުވާލުކުރެއްވީ ގައްދޫ ދާއިރާގެ މެމްބަދު އަހުމަދު ޒާހިރެވެ.

ޒާހިރު ވިދާޅުވީ ގައްދޫގައި ގޭދޮށު މަސްފެކްޓްރީ ހަދައި ހިންގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ކުރި އިއުލާނާ ގުޅިގެން އެ މަސައްކަތް ކުރުމަށް ބޭރުގެ ފަރާތަކުން ތައްޔާރަށް ތިބި ކަމަށް ބުނުމާއެކު އެކަން ވިޔަނުދީ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށާއި އެކަމުގެ ސަބަބު އޮޅުން ފިލުވައިދިނުމަށް އެދޭ ކަަމަށެވެ.

އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ޕްރޮކިއުމެންޓެއްގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނަމަ އެކަމެއް، ކުރުމުގެ ހުއްދަ ދޭނީ ނެޝަނަލް ޓެންޑަރު ބޯޑަށް ހުށަހަޅައި، އެ ބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގައްދޫގައި ގޭދޮށު މަސްޕްލާންޓެއް ހަދައި ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ޕްރޮކިއުމެންޓް މަރުހަލާ އަދި އެކަމާބެހޭ އެއްވެސް ކަމެއް ފިނޭންސް މިނިސްޓްރީން ކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.