Close
ޚަބަރު

ގަވައިދާ ހިލާފަށް އެންޑީއޭގެ ކުރީގެ ސީއީއޯ ވަކިކުރުމުން ބަދަލުގެ ގޮތުގައި 94،000 ރުފިޔާ ދޭން އަންގައިފި

މުހައްމަދު އިޝާން

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ މުހައްމަދު ހަބީބު އެ މަގާމުން ވަކިކުރާ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 94،420.84 ރުފިޔާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އެންޑީއޭގެ ސީއީއޯގެ މަގާމު މުހަމަދު ހަބީބު އަދާކުރަމުންދަނިކޮށް ޕްރޮބޭޝަންގެ މުއްދަތު ހަވަވުމާ ގުޅިގެން އެ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ސީއީއޯގެ މަގާމުން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައި ވާތީ ވަޒީފާގައި ދެމިހުރެވުނު ނަމަ އެއްބަސްވުމުގެ މުއްދަތަށް ލިބޭނެ މުސާރަ އާއި އިނާޔަތްތަކާ އެއްވަރުގެ ބަދަލެއް ނަގައި ދިނުމަށް އެދި ހަބީބު ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލަ ބެއްލެވުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ ހުކުމުގައި ވަނީ ހަބީބުގެ ޕްރޮބޭޝަންގެ މުއްދަތު ހަމަވުމާ ގުޅިގެން އެންޑީއޭ ބޯޑުގެ ފަރާތުން އެޕްރެއިސްކޮށް ޕްރޮގްރެސް ރިވިއުކުރުމަށްފަހު ހަބީބު ސީއީއޯގެ ބެހެއްޓުމަށް ނުފެންނަ ކަމަށް ނިންމާފައި ވަނީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ނޯޓިސްގެ ބަދަލުގައި މުސާރަދޭގޮތަށް ވަޒީފާއިން ވަކިކުރުމަށް ކަމަށެވެ. ނަމަވެސް ހަބީބު ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށެވެ.

ހަބީބު ސީއީއޯގެ މަގާމުން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި ހަބީބު ވަޒީފާއިން ވަކިކޮށްފައި ވަނީ ޕްރޮބޭޝަން މުއްދަތު ހަމަވުމާ ގުޅިގެން ކަމަށް އެންޑީއޭގެ ފަރާތުން ފާހަގަކުރިޔަސް، ވަޒީފާއާބެހޭ ގާނޫނާއި ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، ޕްރޮބޭޝަނާ ގުޅިގެން ވަޒީފާއިން ވަކިކުރާ ނަމަ، ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިކުރަންޖެހޭނެ ކަމަށް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ ހަބީބު ވަޒީފާއިން ވަކިކޮށްފައި ވަނީ ޕްރޮބޭޝަންގެ މުއްދަތު ހަމަވިފަހުން ކަމަށާއި މަތީ މަރުހަލާ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ޕްރޮބޭޝަންއާ ގުޅިގެން ވަޒީފާއިން ވަކިކުރާނަމަ ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިކުރަންޖެހޭނެކަން އެނގެން އޮންނަ ކަމަށެވެ.

އެންޑީއޭއިން ހަބީބުގެ ޕާފޯމަންސް އެޕްރެއިސްކޮށްފައިވާ ކަމަށް ބުނާއިރު، އެކަމާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތެއް ހަބީބަށް ދީފައިނުވާ ކަމަށާއި އަދި މައްސަލަ ހުށަހެޅި ފަރާތުގެ ޕާފޯމަންސްގައި ވަޒީފާއިން ވަކިކުރަންޖެހޭފަދަ ކަމަކަށް ދިމާވި ކަމަކީ ކޮބައިކަން އެންޑީއޭއަށް ބުނެދެވިފައިނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެންޑީއޭގެ ސީއީއޯގެ މުސާރަ އާއި ހުރިހާ އެލެވެންސެއް ހިމަނައިގެން މަހަކު 31،579 ރުފިޔާ ލިބެއެވެ. ހަބީބުގެ ފަރާތުން އެދުނީ ވަޒީފާއިން ވަކިކުރުމުގެ ބަދަލުގެ ގޮތުގައި 189،000 ރުފިޔާ ނަގައިދިނުމަށެވެ.

ނަމަވެސް ޓްރައިބުއުނަލްގެ ހުކުމްގައި ވަނީ ހަބީބަކީ ވަޒީފާއަބެހޭ ޓްރައިބިއުނަލްގެ ޑިރެކްޓަރުގެ މަގާމު 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަދާކުރަމުންދާ ފަރާތެއް ކަމަށެވެ. އެ ވަޒީފާއިން އޭނާއަށް މަހަކު 17،225 ރުފިޔާ އެލެވެންސްއާއެކު ލިބެމުންދާ ކަމަށެވެ. އެހެންކަމުން ހަބީބު އެދުނު އެގޮތަށް 189،000 ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަކީ ހަބީބަށް ހޯދައިދެވޭ ނުހައްގު މަންފާއެއް ކަމަށެވެ.

ޓްރައިބުއުނަލުން ހުކުމް ކުރީ ހަބީބަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 94،420.84 ރުފިޔާ ނަގައި ދިނުމަށެވެ. އެއީ ހަބީބު އެދުނު އަދަދުގެ ދެބައިކުޅަ އެއްބައެވެ.

ހަބީބު ފަރާތުން އެދިފައިވަނީ ހަ މަސް ދުވަހުގެ ފުލް މުސާރަ ނަގައި ދިނުމަށެވެ. ނަމަވެސް ޓްރައިބިނަލުން ނިންމީ ތިން މަހުގެ މުސާރަ ނަގައި ދިނުމަށެވެ.