ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒު އައްޔަންކޮށްފިއެވެ.
ޕެންޝަން އޮފީހުން މިއަދުކުރި ޓުވީޓެއްގައި ވަނީ އެ އޮފީހުގެ ޗެއާޕާސަންގެ މަގާމަށް މިއަދު ޑރ. އިނާޒު އައްޔަންކޮށްފައިވާ ކަމަށެވެ.
ޑރ. އިނާޒު އެ މަގާމަށް އައްޔަންކުރީ ކުރިން އެމަގާމުގައި ހުންނެވި އާތިފާ އަލީގެ ދައުރު ހަވަމުންނެވެ. ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ. ޕެންޝަން އޮފީހުގެ ބޯޑް އެކުލެވިގެން ވަނީ އަށް މެންބަރުންގެ މައްޗަށެވެ.
ޑރ. އިނާޒްއަކީ އަމަނާތަކަފުލް އިންޝުއަރެންސްގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ބެފުޅެކެވެ. އޭނާއަކީ އަމާނަޓަކަފުލް އިންޝުއަރެންސްގެ އިންޑިޕެންޑެންޓް ޑައިރެކްޓާއެވެ.
މާލީ ދާއިރާއިން އެންމެ ފުރަތަމަ ޑރ. އިނާޒު ވަޒީފާ އަދާކުރައްވައިފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި 1997 ވަނަ އަހަރުއެވެ. އޭނާ ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުގެ އިތުރުން ވޯލްޑް ޓްރޭޑް އޯގަނިޒޭޝަން (ޑަބްލިޔުޓީއޯ) ނޭޝަނަލް ޓްރޭޑް ޕޮލިސީ ކޯޑިނޭޓަރާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
މިދިޔަ މަހު ފަހުކޮޅު ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލް ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އޭނާ އެ މަގާމުން ވަކިކުރީ ސްލޫލީ މައްސަލައާ ގުޅިގެންނެވެ.
ސީއީއޯގެ މަގާމުން ވަކިކުރި މައްސަލަ ޖޯން ގްރިންޑަލް ވަނީ ވަޒީފާޔާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު