މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ "ހުނަވަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމް" އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްޓީސީސީން "ހުނަވަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމު" އިފްތިތާހް ކޮށްފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިދިޔަ މާޗް މަހުގެ އަށްވަނަ ދުވަހުއެވެ.

އެމްޓީސީސީން މިއަދުކުރި އިއުލާނެއްގައި ބުނީ ބަސް ޑްރައިވަރުން ތިން މަސް ތެރޭގައި ތަމްރީނުކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ތަމްރީނަށް ހޭދަވާ ތިން މަހުގައި 5،000 ރުފިޔާގެ އެލަވެންސެއް ވެސް ދޭނެ ކަމަށެވެ.

ހުނަވަރު ޕްރޮގްރާމްގެ ދަށުން މިފަހަރު ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ 35 ބަސް ޑްރައިވަރުން ކަމަށް އެމްޓީސީސީން ބުންޏެވެ. ތަމްރީނުގައި ދުވާލަކު ހަ ގަޑިއިރާއި އަށް ގަޑިއިރު ހޭދަވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހުނަވަރު ޕްރޮގްރާމްގެ ދަށުން ބަސް ޑްރައިވަރުންގެ ގޮތުގައި ތަމްރީނުވުމަށް ބެނުންވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެމްޓީސީސީގެ އޮންލައިން ޖޮބް ޕޯޓަލް https://mtcc.mv/careers މެދުވެރިކޮށެވެ.

އެމްޓީސީސީން ބުނީ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވޭނީ B1 ނުވަތަ B2 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވާ ދިވެހި ރައްޔިތުންނަށް އެކަނި ކަމަށެވެ. އަދި 18 އަހަރު ފުރިފައިވާ، ސިއްހަތު ރަނގަޅު މީހަކަށް ވާން ޖެހޭނެއެވެ.

އާދިއްތަ ދުވަހު އެމްޓީސީސީން ވަނީ އެ ކުންފުންޏަށް 35 ބަސް ޑްރައިވަރުން ހޯދަން ވެސް އިއުލާންކޮށްފައެވެ.

އެމްޓީސީސީން ފޯރުކޮށްދޭ ބަހުގެ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކައް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.