މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އެދުނު ގޮތަށް، އެ އިމްތިހާން ފަސްކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

ބާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ބާ އިމްތިހާނު ފަރުމާކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މާލީ އަދި އިދާރީ ގޮތުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެއީ ކުއްލިއަކަށް އައި އިމްތިހާނެއް ކަމަށް ބައެއް މީހުން ބުނަމުންދިޔަ ނަމަވެސް އެ އިމްތިހާނާ ގުޅޭ ގޮތުން މިހާތަނަށް ދިޔައީ މައުލޫމާތު ފޯރުކޮށްދެމުން ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އެހެންކަމުން ކުރިން ރާވައިފައިވާ ގޮތަށް ބާ ކައުންސިލްގެ ބާ އިމްތިހާނު ކުރިއަަށް ގެންދާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ އިމްތިހާނު ފަސް ނުކުރުން އެކައުންސިލުން ނިންމި އިރު، ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ބާ އިމްތިހާނު ފާސްކޮށްދިނުމަށް އެ ކައުންސިލަށް ދަންނަވަން ބުދަ ދުވަސް ފާސްކޮށްފައެވެ.

ބާ ކައުންސިލުން އިމްތިހާނު ފަސް ނުކުރަން ނިންމިއިރު، އެ ކައުންސިލްގެ އިންތިހާބީ އެކްސްކޯއިން ވަނީ އެ ކައުންސިލްގެ ފުރަތަމަ އިމްތިހާނަށް ގިނަ ވަކީލުންތަކެއް ޝަރުތުހަމަނުވާތީ، ރަޖިސްޓްރީ ނުކުރެވިފައިވާތީ ވެސް އިމްތިހާނު ފާސްކޮށް ދިނުމަށް އެދިފައެވެ.

މީގެ އިތުރުން ބައެއް ވަކީލުން ދަނީ ބާ އިމްތިހާބުގެ ފީ އަގުބޮޑުވުމުގެ ކަންބޮނޑުވުން ވެސް ފާޅު ކުރަމުންނެވެ.

އެ އިމްތިހާނުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10،000 ރުފިޔާގެ ފީ އެކެވެ. އެ ފީ ކުޑަކޮށްދޭން އެދި މީގެ ކުރިން ދަރިވަރުން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައާ މެދު ކޯޓުން ގޮތެއް ނިމެންދެން އިމްތިހާން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކޯޓަކުން އެ އަމުރެއް ނުނެރުނެވެ.