ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ގުޅިގެން މާދަމާ ބާއްވާ ޔޯގާ ހަރަކާތަށް ރަސްފަންނު ދޫނުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމުމުން ގަލޮޅު ދަނޑުގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ރަސްފަންނުގައި ހަރަކާތެއް ބާއްވަން ނިންމައި، ރަޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން މިމަހުގެ 12 ވަނަ ދުވަހު ހުޅުވާލުމާއެކު ބައެއް ފަރާތްތަކުން ދަނީ އެކަމާ ނުހުރުން ފާޅުކުރަމުންނެވެ.

އެހެންވެ މާލޭ ސިޓީ ކައުންސިލުން ވަނީ މާދަމާ ހެނދުނު 6:39 ގައި ބާއްވަން ރޭވި ހަރަކާތަށް ރަސްފަންނު ދޫނުކުރަން ނިންމައިފައެވެ.

ޔޫތް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ރަސްފަންނުގައި އެ ހަރަކާތް ބޭއްވުމުގެ ހުއްދަ ކުރިން ދީފައި އޮތް ނަމަވެސް އެ ހުއްދަ ނުދޭން ނިންމައި ކައުންސިލުން ސިޓީއެއް ފޮނުވުމުން އެ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަަން ނިންމާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހަރަކާތުގެ ބައިވެރިންނަށް ޔޯގާ މެޓް ދޫކުރާނީ ދަނޑުންނެވެ.