(13 ޖޫންގެ އަދަދާ ގުޅޭ)
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސަރުކާރަށް ތަންޤީދުކޮށް ސަރުކާރުންކުރާ ކަންކަމަށް އިޢުތިރާޟުކުރުމުގެ ވަރަށްގިނަ މިސާލުތައް އިސްލާމީ ތާރީޚުގެ ޞަފުޙާތަކުން ފެންނާން އެބަހުއްޓެވެ. ރަންފެންކޮށްގެން ރިހިފަތްތަކުގައި ލިޔުން އެކަށީގެންވާފަދަ އެތަކެއް ހާދިސާތަކެއްވެސް މިރޮނގުން ފާހަގަކުރެވެއެވެ. إمــام أبـــو يــوسف އެކަލޭގެފާނުގެ ކިތާބުލްޚަރާޖުގައި ލިޔުއްވައިފައިވެއެވެ. أميـــرالمـؤمـنــيـن عـمــر بـــن الخطّــاب رضـى اللّــه عــنـــه ގެ މަޖިލީހެއްގައި ކޮންމެވެސް މީހެއް ތަކުރާރުކޮށް عـمــر ގެފާނަށް ދެންނެވިއެވެ. "އޭ عـمــر އެވެ! اللّــه އަށް ބިރުވެތިވެވަޑައިގަންނަވާށެވެ!" އެމީހާ ތަކުރާރުކޮށް އެހެން ބުނާންފެށުމުން ކޮންމެވެސް އެހެންމީހެއް ތެދުވެ އެކަން މަނާކުރާންވެގެން ވާހަކަ ދައްކާންފެށިއެވެ. އެހެން ބުނިމީހާއާ ދިމާޔަށް އެއްޗެހިކިޔާން ފެށިއެވެ. عـمــر ގެފާނު އެކަން މަނާކުރާން އުޅުނު މީހާއަށް ވިދާޅުވިއެވެ. "އޭނާ ވާހަކަ ދެއްކިޔަދޭށެވެ! އެހެނީ އިޢުތިރާޟުކޮށް ތަންޤީދުކޮށްނަހަދާ މީހުންގެ ކިބައިގައި ކުޑަވެސް ހެޔޮކަމެއް ނުވެއެވެ. އެވާހަކަތައް އަޑުއަހައި ޤަބޫލުކޮށްނަހަދާ ކަމުގައިވާނަމަ އަހަރެމެންގެ ކިބައިގައިވެސް ހެޔޮކަމެއް ނުވެއެވެ."
ވިސްނައި ފިކުރު ހިންގައި ރައުޔުތައް ޤާއިމުކުރުމާއި އެކަންކަން ފާޅުކުރުމުގެ މިނިވަންކަން އެންމެފުރަތަމަ ދިނީ އިސްލާމްދީނެވެ. އިސްލާމްދީން އެޙައްޤު ދިނީ ޔޫރަޕަށްވުރެ މާކުރީންނެވެ. އިސްލާމްދީން ކަނޑައަޅައިފައިވާ ގޮތުގައި ބައެއް ޙާލަތްތަކުގައި ޚިޔާލުފާޅުކުރުމަކީ ލާޒިމުކަމެކެވެ. ކުރާންޖެހޭ ކަމެކެވެ. ހެޔޮރަނގަޅު ކަންކަމުގެ ވާހަކަ ޢާންމުކޮށް ފަތުރާންޖެހޭނެއެވެ. މުންކަރާތްތައް މަނާކުރާން ވާހަކަ ދެއްކުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޚިޔާލުފާޅުކުރުމަކީ ހެޔޮކަންކަން ފެތުރުމުގެ ވަސީލަތެކެވެ. މުންކަރާތް ނަހީކުރެވޭ ކަމެކެވެ. އަނިޔާވެރި ވެރިޔެއްގެ ކުރިމަތީގައި ޙައްޤު ބަހެއް ބުނުމަކީ ވަރަށް ޚާއްޞަ މުހިންމު ކަމެކެވެ. އެންމެ މަތިވެރި ޖިހާދެވެ. އާދެ، އިންސާނީ ދޫތައް ބަންދުކުރެވޭ މާހޫލުތަކުގައި ޚިޔާލުފާޅުކުރުމުގެ މުހިންމުކަން އިތުރުވެއެވެ. އަނިޔާވެރި ރަހުންނާއި ޑިކްޓޭޓަރުންގެ ކުރިމަތީގައި ޙައްޤުބަސް ބުނުމަކީ ދަރުމައާއި ސަވާބުހުރި ކަމެއްކަމުގައި އިސްލާމްދީންވަނީ ކަނޑައަޅައިފައެވެ. އެފަދަކަމަކާ ވިދިގެން ފުރާނަ ޤުރްބާންކުރާން ޖެހިދާނެކަމުގެ ބިރު އޮތްކަމުގައިވާނަމަ އެއީ އެންމެ މަތިވެރި ޖިހާދު ކަމުގައިވަނީ ކަނޑައަޅައިފައެވެ.
މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށް ދީން ބާރުއަޅާ އެއްދާއިރާއަކީ އަނިޔާވެރިކަމުގެ ދާއިރާއެވެ. އަނިޔާ ލިބިފައިވާ މީހުން އަނިޔާއާ ދެކޮޅަށް ބަޔާންދިނުމާއި ޢާންމު ވިސްނުން އެއްގާނިކުރުވުމަށާއި އަނިޔާއާ ދެކޮޅުހަދަން ވެށި ތައްޔާރުކުރުވަން މަސައްކަތްކުރުމުގެ ދާއިރާއެވެ. އެ މަސައްކަތްކުރުމަކީ ނުރަނގަޅު ކަމެއްކަމުގައި ބަލައިގެން ނުވާނެއެވެ. މިއީ ޖުމްހޫރީ އަގުތަކުގެ ތެރެއިން ހިމެނޭ މުހިންމު ކަމެކެވެ. ވެރިކަން ކުރުމުގެ އިސްލާމީ ނިޒާމުގައި އެންމެންނަށްވެސްވަނީ އަނިޔާއާ ދެކޮޅުހެދުމާއި އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ޙައްޤު ދީފައެވެ. އަރަހުށި މާތް اللّــه ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
އަނިޔާއެއް ލިބިގެންވާ މީހާ މެނުވީ، ބުނާބުނުމުން ނުބައިކަން ފާޅުކުރުމަށް މާތް اللّــه ލޯބިވެވޮޑިގެނެއް ނުވެތެވެ. (އެބަހީ: އެކިގޮތްގޮތުން އެކިތަންތާނގައި ހިނގާ ނުބައިކަންތަކުގެ ވާހަކަ ދައްކައި، ފާޅުކޮށް އުޅުމަކީ މީސްތަކުންގެ ތެރޭގައި ނުބައިކަން ފެތުރުމަށް ދެވޭ ބާރަކަށްވާތީ، މާތް اللّــه ރުހިވޮޑިގެންނުވާ ކަމެކެވެ. ނަމަވެސް އަނިޔާއެއް ލިބިއްޖެ މީހާ އެ އަނިޔާގެ ވާހަކައިން، ޝަކުވާކުރާންވީ ފަރާތްފަރާތުގައި ޝަކުވާކޮށް އުޅުމަކީ އެންމެރަނގަޅު ކަމެކެވެ.) އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللّــه ވޮޑިގެންވެއެވެ." (ســورة الـنّسـاء: 148)
މިމާތް އާޔަތުން އެނގެނީ ޢާންމު ޙާލަތުގައި މީހުންކުރާ ނުބައިކަންކަމުގެ ވާހަކަތައް ފަތުރައި ޢާންމުކޮށް މަޝްހޫރު ކުރުމަކީ ރަނގަޅުކަމެއް ނޫންކަމެވެ. އެކަމަކު އަނިޔާއެއް ކަމުގައިވާނަމަ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަކީ އެންމެރަނގަޅު ކަމެއްކަމެވެ. އަނިޔާ ލިބިފައިވަނީ ނުވަތަ ލިބެމުންދަނީ ފަރުދަކަށް ކަމުގައިވެސް ވެދާނެއެވެ. ޖަމާޢަތަކަށް ކަމުގައިވެސް ވެދާނެއެވެ. މުޅި ޤައުމަށް ކަމުގައިވެސް ވެދާނެއެވެ. ޢާންމުކޮށް އެންމެންނަށްކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން އަނިޔާވެރިކަމުގެ ނިޒާމު ނިމުމަކަށް ގެނައުމަށްޓަކައި ތެދުވުމާއި އަނިޔާ ހުއްޓުވުމާއި އަނިޔާވެރިޔާގެ އަތުގައި ހިފެހެއްޓުމާއި އެކަމަށްޓަކައި ޙަރަކާތްތައް ހިންގުމަކީ ޖުމްހޫރީ އަގުތަކާ ގުޅޭކަމެކެވެ. އިސްލާމްދީން އެކަން މަނައެއް ނުކުރެއެވެ. އަދި ކީއްތޯއެވެ؟ އެކަންވަނީ ހުއްދަކޮށްފައެވެ. އެހެންމީހުން ކީއްކުރަންތޯއެވެ. ޚުދު މާތް اللّــه ގެ ރަސޫލާ صـلّــى اللّــه عـلـيــه وسـلّـــم ވެސް ވަނީ އެކަލޭގެފާނުގެ ފަރާތްޕުޅުން ލިބެންވާ ޙައްޤެއް އޮތްކަމުގައިވާނަމަ މީސްތަކުންނަށް އެކަމަކަށް އެދުމުގެ މިނިވަންކަން ދެއްވައިފައެވެ.
އެއްފަހަރަކު ޔަހޫދީންގެ މީހެއް، ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ އަރިހަށް އައެވެ. އޭނާއަށް ލިބޭންވާ ދަރަންޏެއް އަދާކޮށްދެއްވުންއެދި ދެންނެވުމަށްޓަކައެވެ. ޞަޙާބީންގެ އެތައް ބޭކަލުންނެއްވެސް އޭރު އަރިހުގައި ތިއްބެވިއެވެ. ޔަހޫދީންގެ މީހާ ވާހަކަ ދެއްކީ ވަރަށް ހުތުރުކޮށެވެ. އަދަބު ކުޑަކޮށެވެ. ހަރުކަށިކޮށެވެ. އޭނާ ވާހަކަ ދެއްކިލެއް ހުތުރުކަމުން عــمــر الــفــاروق رضـى اللّــه عــنـــه ވަރަށްބޮޑަށް ކޯފާއިސްވިއެވެ. ވިދާޅުވިއެވެ. "ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم އާ މުޚާޠަބުކޮށް ކަލޭގެ ތިޔަ ވާހަކަ ދައްކަނީ ވަރަށް އަދަބު ކުޑަކޮށެވެ."
އިތުރު ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم عــمــر ގެފާނު ވާހަކަފުޅު ދެއްކެވުން މަނާކުރެއްވިއެވެ. ޙަދީޘު ކުރެއްވިއެވެ. "އޭ عــمــر ގެފާނެވެ! ކަލޭގެފާނާމެދު އަހުރެން އުންމީދުކުރަނީ މި ޔަހޫދީންގެ މީހާއަށް އޭނާގެ ޙައްޤު ލިބިގަތުމަށް ރިވެތިގޮތުގައި އެދޭން ވިސްނައިދެއްވާނެ ކަމުގައެވެ. މީނާގެ ދަރަނި އަވަހަށް އަދާކުރަން އަހުރެންނަށް އަންގަވާނެކަމުގައެވެ. އިތުރު ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ހަމައެވަގުތު އެ ޔަހޫދީންގެ މީހާގެ ދަރަނި އަދާކުރެއްވިއެވެ. ވިހި ޞާޢުގެ ކަދުރު އިތުރަށް ދެއްވިއެވެ. (ބައިހަޤީ، ޠަބަރާނީ)
އިސްލާމްދީން ވަނީ ޖުމްހޫރީ އަގުތަކާ އެއްގޮތްވާ ގޮތުގެމަތިން އެންމެންނަށްވެސް ދީނީ މިނިވަންކަން ދީފައެވެ. މިދެންނެވީ ކުޅޭކުޅިވަރެއް ފަދައިން ދީން ބަދަލުކުރާ ވާހަކައެއް ނޫނެވެ. މުސްލިމުންގެ ދަރީން ޣައިރު މުސްލިމުންގެ ގޮތުގައި ބޮޑުކުރާ ވާހަކައެއް ނޫނެވެ. އިސްލާމްދީންވަނީ ހުރިހައި ދީންތަކެއްގެ މީހުންގެ އަޅުކަންކުރާ ތަންތަނަށް ޙުރުމަތްތެރިކޮށް ހިތަން އަމުރުކޮށްފައެވެ. ވެރިކަންކުރުމުގެ އިސްލާމީ ނިޒާމުގައިވާގޮތުން އެއްވެސް ބައެއްގެ އަޅުކަންކުރާ ތަނެއް މުގުރައެއް ނުލެވޭނެއެވެ. އެތަނެއްގައި ކަނޑައެޅި ބަޔާންވެގެންވާ ފަސާދައެއް ހިންގަމުން ނުގެންދާހައި ހިނދަކު އެތަނަކާ ހުށަހޮޅިއެއް ނުގެންނެވޭނެއެވެ. ދީނީ އެއްވެސް ގްރޫޕެއްގެ ދީނީ ޖަޒުބާތު ޒަޚަމުކޮށްލުމުގެ މިނިވަންކަމެއް ނުދެވޭނެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މާނައަކީ އެހެންމީހުންގެ ޖަޒުބާތުތަކުގެ ލޭކޮށައިލުމެއް ނޫނެވެ. ދޫނުބައިކޮށް ބަދުބަހުން މޮށުމެއް ނޫނެވެ. އިނގިރޭސިބަހުގެ މުޙާވިރާއެއްގައި އޮވެއެވެ. ތިބާގެ އަވަށްޓެރިޔާގެ ނޭފަތުކުރި ފެށޭހިސާބަކީ ތިބާގެ މިނިވަންކަން ނިމޭހިސާބެވެ. ކޮންމެ އެއްޗެއްގެވެސްވަނީ ޙައްދެއް ނުވަތަ އިމެއް ކަނޑައެޅިފައެވެ. އެގޮތުން މިނިވަންކަމަކީވެސް އިމެއް ނޯންނަކަމެއް ނޫނެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްސަލައިގައި ޔޫރަޕުގައި އޮންނަނީ ހައްދުފަހަނެޅުމެވެ. މިނިވަންކަމުގެ މާނައަކީ އަނެކުންގެ ހިތްދަތި ކުރުވުމެއް ނޫނެވެ. އެހެންކަމުން އިސްލާމްދީނުގައި މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޙައްޤު ޤަބޫލުކުރުމާއެކުވެސް އެދީންވަނީ އަނެކުން އަޅުކަންކުރާ ތަކެއްޗަށްވެސް ނުބައިބަސް ބުނުން މަނާކޮށްފައެވެ. އެހެނީ އެކެއްގެ މިނިވަންކަމުގެ މާނައަކީ އަނެކެއްގެ ހިތްދަތިކުރުވުމެއް ނޫނެވެ. ކުރީންވެސް ދެންނެވިފަދައިން ޔޫރަޕުގައި ޚިޔާލުފާޅުކުރުމުގެ ޙައްޤުވަނީ މެދުމިނުން އެއްކިބާވެފައެވެ. ހައްދުފަހަނަޅައިފައެވެ. އެހެންކަމުން އިހާނެތިކޮށް ހިތުމުގެ ކާޓޫނުތަކާއި މަލާމާތާއި ހަޖޫކިޔުމުގެ ފިލްމުތަކުގެ ސިލްސިލާއަކަށް ހުއްޓުމެއް ނާދެއެވެ. އިސްލާމްދީނުގައި މިނިވަންކަމުގެ ތަޞައްވުރަކީ ޔޫރަޕް މީހުން ފަދައިން ހިތުހުރިކަމެއް ކުރުމެއް ނޫނެވެ. އެއްފަރާތަކަށްޖެހި ހުސްވުމެއް ނޫނެވެ. އިސްލާމްދީނުގައި މިނިވަންކަންވަނީ ހަމަތަކަކަށް ތަބާކުރެވިފައެވެ. ޒިންމާދާރު ކުރެވިފައެވެ. އިސްލާމްދީން އަނިޔާވެރިވުމުގެ ހުއްދައެއް ނުދެއެވެ. ދީނީގޮތުން މީހުންގެ ޖަޒުބާތާ ކުޅެ ހިތްދަތިކުރުވުމަކީވެސް އަނިޔާގެ ބާވަތެކެވެ. ހަމަ ހިފެހެއްޓުމާއި ޢަދުލުއިންޞާފަކީ އިސްލާމީ ނިޒާމުގެ ވެރިކަމެއްގެ އިމްތިޔާޒީ ފާހަގައެކެވެ.
"އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށްވެސް އަމުރުކުރައްވަތެވެ." (الـنّسـاء: 58)
ކީރިތި ޤުރްއާނުގައި އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"އޭ داؤد ގެފާނޭވެ! ހަމަކަށަވަރުން ބިމުގައި ޚަލީފާއެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމް ކުރައްވާށެވެ." (ص: 26)
އިސްލާމްދީނުގެ އިޖްތިމާޢީ ނިޒާމު ބިނާވެފައިވަނީ ދެތަނބެއްގެ މަތީގައެވެ. އެއްތަނބަކީ މާތް اللّــه ގެ ވަހްދާނިއްޔަތެވެ. އަނެއް ތަނބަކީ އިންސާނީ ހަމަހަމަކަމެވެ. އިތުރު ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم އިރްޝާދު ދެއްވައިފައިވެއެވެ.
"ދަންނާށެވެ! ތިޔަބައިމީހުންގެ ރައްބަކީ އެއްރައްބެކެވެ! ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މީހެއްގެ މައްޗަކަށް މާތްކަމެއް ލިބިގެންނެއް ނުވެއެވެ. ޢަޖަމީންގެ މީހަކަށް ޢަރަބީންގެ މީހެއްގެ މައްޗަކަށްވެސްމެއެވެ. ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށްވެސް، ކަޅުމީހަކަށް ދޮންމީހެއްގެ މައްޗަކަށްވެސްމެއެވެ. މާތްކަން ލިބިގެންވަނީ ހަމައެކަނި ތަޤުވާގެ ބިންގަލުގެ މަތީގައެވެ." (ބައިހަޤީ)
އިސްލާމީ ޖުމްހޫރިއްޔާއެއްގައި ޣައިރުމުސްލިމަކަށްވެސް ރައްޔިތަކަށްވުމުގެ ޙައްޤު ދެވޭނެއެވެ. ޝަރުޠަކީ އެމީހަކު އިސްލާމީ ދައުލަތުގެ ރަށްވެހިކަމުގެ ޤާނޫނު ޤަބޫލުކުރުމެވެ. އެޤާނޫނަށް ޢަމަލުކުރަން ރުހި ޤަބޫލުވުމެވެ. އިސްލާމީ ދައުލަތުގެ ޣައިރުމުސްލިމް ރައްޔިތުން (ޒިންމީން) ޢަސްކަރީ ޚިދުމަތްކުރުން ލާޒިމެއް ނުވާނެއެވެ. އެހެންކަމުން ޢަސްކަރީ ޚިދުމަތުން އިސްތިސްނާވާތީއާއި އިސްލާމީ ދައުލަތުން އެމީހެއްގެ ޖާނާއި މާލު ރައްކާތެރިކޮށް ބަލަހައްޓައިދޭތީ އެކަމުގެ ބަދަލެއްގެގޮތުން އެމީހަކު ފައިސާގެ ޢަދަދެއް ދައްކާންޖެހޭނެއެވެ. ޖިޒީގެ ނަމުގައެވެ. އެމީހަކު ޢަސްކަރީ ޚިދުމަތުގައި ބައިވެރިވާން ތައްޔާރަށް ހުރިކަމުގައިވާނަމަ އެމީހެއްގެ އަތަކުން ޖިޒީއެއް (ޢަސްކަރީ ޓެކުހެއް) ނުނެގޭނެއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު