ދުނިޔެ

160 ކުދީންގެ ބައްޕަގެ ހުވަފެނަކީ ކުދީންނާއެކު ކުޑަވަގުތުކޮޅެއް!

1

ކޮންމެ އަހަރެއްގެ ޖޫންމަހުގެ ތިންވަނަ އާދީއްތަ ދުވަހަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބައްޕައިންގެ ދުވަހެވެ. މަންމައިންގެ ދުވަސް ފަދައިން ބައްޕައިންގެ ދުވަހަކީވެސް ނުރަސްމީ ދުވަހެކެވެ. ބައްޕައިންނާ ބައްދަލުކޮށް ހަދިޔާދީ ޝުކުރުވެރިވުމުގެ ހަރަކާތްތައް ބާއްވާ ދުވަހެކެވެ.

ބައްޕައިންގެ ދުވަހަކީ މިއަހަރު ޖޫން 19 ވީ އާދީއްތަ ދުވަހެވެ. މިދުވަސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކުރި އެކަކީ އެމެރިކާގައި ދިރިއުޅޭ އިނގިރޭސިވިލާތުގެ އުމުރުން 51 އަހަރުވީ ފިރިހެނެކެވެ. ޖޯ ނަމަކަށް ކިޔުނު މިމީހާގެ ފުށުން 160 ކުދިން އުފަންވެފައިވެއެވެ. އެހެންވީމާ ޖޯއަކީ އެންމެ ގިނަ ކުދީންގެ ބައްޕައެވެ. ދުނިޔޭގެ ރިކޯޑް އޮތީވެސް އޭނާއަށެވެ.

އެހާ ގިނަކުދީންގެ ބައްޕަޔަކަށް ޖޯ ވެފައިވަނީ ތިޔަ ހީފުޅުކުރައްވާ ގޮތަކަށް ނޫނެވެ. ޖޯއަކީ "ސްޕާރމް ޑޯނަރ" އެކެވެ. ދަރީން ނުލިބޭ މީހުންނަށް މިޒަމާނުގެ ސައިންސްގެ އެހީގައި ދަރިން ހޯދުމަށް "ސްޕާރމް" ހަދިޔާކުރާ މީހެކެވެ. އޭގެ މާނަޔަކީ ގުދުރަތީ ވަސީލަތްތަކުގެ އެހީގައި އާދައިގެ ގޮތަށް އޭނާއަށް ދަރީން ލިބިފައި ނެތުމެއް ނޫނެވެ. އެހެން ފިރިހެނުންނަށްވެސް ދަރީން ލިބޭ ގޮތަށް ޖޯއަށްވެސް ދިހަބާރަ ދަރީން ލިބިފައިވެއެވެ.

ޖޯއަށް ގުދުރަތީގޮތުން ލިބިފައިވާ ހުރިހާ ކުދީން އޭނާއަށް އެނގުނަސް ލެބޯޓަރީގެ ވަސީލަތްތަކުން ލިބިފައިވާ ކުދިންގެ ތެރެއިން ގިނަ ކުދީން ތިބި ތަންތަނާއި އުމުރާއި ކުރާކަމެއްވެސް ޖޯއަކަށް ނޭނގެއެވެ. ބައްޕައިންގެ ދުވަހު އޭނާ އެންމެ ބޭނުންވަނީ ކުދީންގެ ފުށުން ކޮންމެވެސް ކުޑަކުޑަ ހަދިޔާއަކާއި ހެޔޮ ބަހެކެވެ. އަދި އެކުދީން ބޭނުމިއްޔާ ތިން ހަތަރު ކުއްޖަކާއެކު ބައްޕައިންގެ ދުވަހު ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. އޭނާގެ ހުވަފެނަކީވެސް އެއީއެވެ.