"އެސްޓީއޯ ޕީޕަލްސް ޗޮއިސް" ގެ އިތުރު ފްލޯތަކުގެ ސްލޮޓްތައް އަމިއްލަ ފަރާތްތަކަށް ދޫކުރަން ނިންމައިފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު "ވަން" އަށް މިރޭ ވިދާޅުވީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އެންމެ ތިރީބުރިއެކޭ އެއްގޮތަށް ފުރަތަމަ ބުރީގައިވެސް ތަކެތި ވިއްކޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށާއި މިހާރު ކުރިއަށްދަނީ ޑިޒައިނިންގެ މަސައްކަތް ކަމަށެވެ.
"އަންނަ ހަފުތާއަށް ޑިޒައިނިންގެ ކަންކަން ނިންމާލެވޭނެ. އެއިރަށް އަޅުގަނޑުމެންނަށް އެނގިގެންދާނެ ކިހާ ސްލޮޓެއްކަން ދޫކުރެވޭނީ" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ފުރަތަމަ ފްލޯއިން ވަކިވަކި ހަރުފަތްތައްވެސް ދޫކުރާނެ ކަމަށާއި އެއިރުން މިހާރު ވިޔަފާރި ނުކުރާ ފަރާތްތަކަށްވެސް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެސްޓީއޯ ސުޕަމާޓް ބަދަލުކޮށް، ޕީޕަލްސް ޗޮއިސްގެ ނަމުގައި އަލުން އެތަން މިދިޔަ މާޗު މަހު ހުޅުވީ ކުރިއަށް ވުރެ ތިން ގުނަ ޖާގަ ބޮޑު ކުރުމަށް ފަހު، އެސްޓީއޯ އިން ވިއްކާ މުދަލުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށްވެސް މުދާ ވިއްކުމުގެ ފުރުސަތު ދިނުމަށެވެ.