ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ހަރަދުކުރާ ގޮތް އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލަން ފަށައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ދޭ ފައިސާ ހަރަދުކުރާގޮތް ބެލުމުގެ ގޮތުން އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށެވެ.

"ސިޔާސީ ޕާޓީއަށް ލިބޭ އާމްދަނީ/ހަރަދު ޕާޓީތަކުން ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން، އީސީގެ އިންޓާނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ ހަތަރު ޕާޓީގެ އޮފީހަށް ދާގޮތަށް ކޮމިޝަނުން ހަމަޖައްސައި އެކަން ފަށައިފި،" ހަބީބު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓުގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭނެއެވެ. އެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް އެ ފައިސާ ލިބޭނީ އީސީގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީތަކަށް އެކަންޏެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ވަނީ ސިޔާސީ ޕާޓީތަކަށް ޖުމުލަ 30.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

  • އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)
  • ޕީޕީއެމް: 9.4 މިލިއަން ރުފިޔާ (34،237 މެމްބަރުން)
  • ޖުމްހޫރީ ޕާޓީ: 5.53 މިލިއަން ރުފިޔާ (20،107 މެމްބަރުން)
  • އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެމްބަރުން)

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވަނީ ހޯދަ ދުވަހު ބިލެއް ހުށަހަޅައިފައެވެ.

މަޖިލީހަށް އެބިލް ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.

އުޝާމް އެބިލް ހުށަހަޅުއްވައިދެއްވަމުން ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި 3،000 މެންބަރުން ހަމަނުވިޔަސް ޕާޓީތައް އުވާ ނުލެވޭ ގޮތަށް ހެދުމަށް ވެސް އުޝާމް ވަނީ ހުށަހަޅުއްވައިފައެވެ.

އުޝާމް މަޖިލީހަށް ހުށަހެޅުއްވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އޮންނަ މާއްދާ އުވައިލުމަށެވެ. އުޝާމް ވިދާޅުވެފައިވަނީ، އެ މާއްދާ އުވާލުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އުޝާމް އެގޮތަށް ބިލެއް ހުށަހަޅުއްވާފައި މިވަނީ ޕާޓީތަކަށް ސައްހަ ނޫން ފޯމް ހުށަހަޅައިގެން މެމްބަރުން ވައްދާ ކަމުގެ މައްސަލަ އިތުރުވެފައިވާތީ، އެކަމުގެ ކަންބޮޑުވުން އާންމުންގެ ފަރާތުން ލިބެމުންދާ ދަނޑިވަޅެއްގައެވެ.