ރިޕޯޓް

އެއްލައިލާ ސިނގެރޭޓުބުރިތަކާއި އެހެނިހެން ތަކެތި، ވިސްނައިލާން ޖެހޭ އެތައް ކަމެއް!

މިއީ މާލޭގެ މަގުތައް މަތިން ހިނގާފައި ދިޔަޔަސް، އަދި ދުއްވާ އެއްޗެއްގައި ދިޔަޔަސް މިހާރަކަށް އައިސް ފެންނަ ކަމެކެވެ. ދާދި އިހަކަށް ދުވަހުވެސް މިފަދަ ކަމެއް ދިމާވިއެވެ. ނަސީބު ރަނގަޅުކަމުން ދެރަ ގޮތެއް ނުވިނަމަވެސް، މަންޒަރު ފެނުމުން ހިތަށް އެރިއެވެ. މިއީ އަހަރެމެން ވިސްނާލަން ޖެހޭ ކަމެއް ނޫންބާވައެވެ.

ކެފޭތަކުގައާއި ރެސްޓޯރެންޓުތަކުގެ މަތީގައި، އަދި ގޭގޭގެ މަތީބުރީތަކުގެ ބެލްކަނިތަކުގައާއި ކުޑަދޮރުތައް ކައިރީ، ސިނގިރޭޓް ބޯ މީހުން ހަމަޖެހިލައިގެން، ތިބޭތަން ފެނެއެވެ. އަދި އެހެނިހެން ކަންތައްތަކުގައި ތިބޭތަން ފެނެއެވެ. މިގޮތަށް ތިބޭ ތިބުމުގައި، ބޯ ސިނގިރޭޓް ފިލްޓަރު މަގުމައްޗަށް އެއްލައިލެވެނީ ވަރަށް ފަސޭހަކަމާއެކީ، އެހައިމެ ހަމަޖެހުމާ އެކުގައެވެ. ބައެއް ފަހަރު ދުއްވާފައިދާ ކާރު، ޕިކަޕުތަކުގެ ތިރިކޮށްލާފައި ހުންނަ ބިއްލޫރިގަނޑުން ބޭރަށް ވެސް މިފަތަ ފިލްޓަރުތައް އެއްލައިލެވޭތަން ފެންނާނެއެވެ. ހަމައެކަނި ސިނގިރޭޓްފިލްޓަރެއް ނޫނެވެ. ކާރުގައި ދަމުން ހުސްކޮށްލާ ފުޅި، ދަޅު، ޗުއިންގަމް، ޕެކެޓް، ފަދަ ތަކެތިވެސް މަގުމައްޗަށް އެއްލައިލާތަން ފެެނެއެވެ. މިގޮތަށް އެއްލައިލި ދޮންކެޔޮ ތޮށިގަނޑެއްގެ މައްޗަށް، ކުއްޖަކަށް އެރި ކައްސާލައިގެން ވެއްޓި އަނިޔާ ވުމުން، އެކަމުގައި ކުށްވެރި ވަނީ ކާކުހެއްޔެވެ.

ބުނަން މިއުޅެނީ އެއްލައިލެވޭ ތަކެތީގެ ވާހަކައެއް ނޫނެވެ. ނުވަތަ މަގުތައް ހަޑިވެ، ނުސާފުވާ ވާހަކައެއްވެސް ނޫނެވެ. މިއީ އެއަށްވުރެ ސީރިއަސް މައްސަލައެކެވެ. މީގެ ހަތަރުވަރަކަށް ދުވަސް ކުރިން، ކެފޭއެއްގެ ތިރީގައި، "ޓޭކްއަވޭ"އަކުން ކާއެއްޗަކަށް އޯޑަރު ދީގެން ހުރި ބައްޕައެކެވެ. ބައްޕަގެ އިނގިލިކުރީގައި ހިފަހައްޓައިގެން ހުރީ ދެތިން އަހަރުގެ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ކުއްޖާ ލައްވާފައި ހުރީ ލޭސްފޮތީގެ ފްރޮކްއެކެވެ.

ވަރަށް ހެވިފައި ހުރި ކުޑަކުއްޖާ "އައްދޮދޮއައްދޮ ޑެޑެޑޭޑީހހ." ހަމަކުއްލިއަކަށް މިހެން ކިޔައި އަޑުން އަޑުނަގާައި ރޯން ފެށި އަޑު އިވުމުން ވެގެން އުޅޭ ގޮތް ބަލައިލަން ކައުންޓަރުގައި އިން ކުއްޖާވެސް ތެޅިގެންފިއެވެ. ބައްޕަ ކުއްޖާ ގަޔާއި ކައިރިކޮށްލާފައި އަތުން ކުއްޖާގެ ހެދުމުން ކޮންމެވެސް އެއްޗެއް ފޮޅަމުން ކަންބޮޑުވެފައި ކުއްޖާގެ އަތާއި ކަނދުރާއަށް ދާންދެން ބަލަމުންދިޔައެވެ. އިރުކޮޅަކުން ކުއްޖާ އުރާލައިގެން ކައުންޓަރުގައި އިން ކުއްޖާ ކުރެން ސުވާލުކޮށްލިއެވެ. އަދި ވެއިޓަރަކު މައްޗަށް ފޮނުވިއެވެ.

ވެގެންއުޅޭ ގޮތް އެނގުނީ ދެނެވެ. މަތީގައި، ކޮފީ ބޯން ތިބި ދެޖިންސުގެ ޒުވާން ކުދިންކޮޅެއް، ސިނގެރޭޓް ބޮއިފައި އެއްލައިލި ސިނގިރޭޓް ބުރި އައިސް ކުއްޖާގެ ގަޔަށް ވެއްޓުނީއެވެ. ހެދުމުގައި ލޭޒް ފޮތީގެ ހެދުމުގެ ތެރެޔަށް ތާށިވީ ނަމަވެސް ހުޅުހިފުމުގެ ފުރުސަތުވެސް ކުޑައެއް ނުވާނެއެވެ.

އެވަގުތު މަގުމަތީ އުޅުނު ޓްރެފިކު ފުލުހުންވެސް އައިސް، މަތީގައި ކޮފީ ބޯން ތިބި ކުދިންނަށް ގޮވައި ގެނައެވެ. އަދި ނަސޭހަތްތެރިވެ، އެފަދަ ކަމެއް ތަކުރާރުވެއްޖެނަމަ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ، ކެފޭގެ ކައުންޓަރުގައި އިން ކުއްޖާއާއި ވާހަކަތަކެެއް ދެއްކުމަށްފަހު ދިޔައީއެވެ.

މިއީ ވަރަށް އާއްމު މަންޒަރެކެވެ. ބައެއްފަހަރު ދުފައި ރަތްކޮށްލައިފައި، މަތީބުރީގެ ބެލްކަނީގައި ހުރެ މަގަށް ކުޅު ޖެހުން، ޕޮޓުތަކުން، ގަހަށްދޭ ފެނުން ބައެއް މަގުހިނގާ މީހުންގެ ގަޔަށް އެޅުން ފަދަ ކަންކަމަކީ މި މާލޭގައި އާންމު ކަންކަމެވެ.

މިފަދަ ކުދިކުދި، އާދައިގެ ކަންތައްތަކުން ކުރިމަތިވެދާނެ ބިރުވެރި، ހިތާމަވެރި އަދި ނުރައްކާތެރި ކަންތައްތަކާމެދު ސަމާލުވެ، ސަލާމަތްވެ ތިބުން ކިތަންމެހާވެސް މުހިންމުވެފައި، ބޭނުންތެރިއެވެ.