ޚަބަރު

އާރަށު މައްސަލަ: ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި އޮފިސަރުގެ ހެކިބަސް ނަގައިފި

އަލީ ޔާމިން

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި ފުލުސް މީހާގެ ހެކިބަސް މިއަދު ނަގައިފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ، ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު ވަނީ ކުރިމިނަލް ކޯޓްގައި ބާއްވައިފައެވެ.

ކުރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރީ ފުލުހުންގެ ހިދުމަތުގައި ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނާއެއްގެ ގޮތުގައި މަސައްކަތް ކުރާ އިބްރާހިމް ޒުހައިރެވެ. އޭނާ ހާޒިރުކުރީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓާ ގުޅިގެން ހެކިބަސް ނެގުމަށެވެ.

ހެކިވެރިޔާ ބުނީ ލެޕްޓޮޕްގެ ހާޑްޑިސްކެއް ތަހުލީލު ކޮށްފައިވާ ކަމަށާއި އެ ލެޕްޓޮޕުން ހަތަރު ނަންބަރެއްގެ މުއާމަލާތް ތަކެއްގެ ޑޭޓާ ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދައުވާ ލިބޭ ޔޫސުފް ނައީމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ކޮށްފައިވާ މުއާމަލާތްތައްގެ ވައިބާ އިމޭޖް ފައިލް ހިމެނެއެވެ.

ހެކިވެރިޔާ ބުނީ ވައިބާ އިމޭޖް ފައިލްތައް ތަހުލީލުކުރި އިރު، އަބްދުﷲ ޒިޔަތުގެ ވައިބާ ޕީސީ ޑޭޓާބޭސް އެއް ފެނިފައިވާ ކަމަށާއި އެ ޑޭޓާބޭސް ތަހުލީލު ކުރިއިރު، ހިމެނެނީ ފެބްރުއަރީ 9، 2015 އިން ފެށިގެން ސެޕްޓެމްބަރު 6، 2015 އާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުން ވަނީ ހެކިވެރިޔާ ތަހުލީލުކުރި ޑޭޓާބޭސްތަކުން އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ އެއްވެސް އަމަލެއް ނުވަތަ ނުފޫޒެއް ފޯރުވަން ރައީސް ޔާމީން މަސައްކަތްކުރައްވައި، ކުރައްވާފައިވާ މެސެޖެއް ފެނުނުތޯ ސުވާލުކުރައްވައިފައެވެ.

ނަމަވެސް ދައުލަތުން ވަނީ، އެއީ ހެކިވެރިޔާގެ ސްކޯޕުން ބޭރު ސުވާލެއް ކަމަށް ބުނެ އެކަމަށް އިއުތިރާޒުކުރައްވައިފައެވެ. މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އެ އިއުތިރާޒު ބަލައިގެންފައެވެ.

އެ އިއުތިރާޒު ބަލައިގަތުމުން ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް ވަނީ ކޮންފިއުޓާ ފޮރެންސިކް ރިޕޯޓުގައިވާ މައުލޫމާތުން ރައީސް ޔާމީން އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތަށް އެއްވެސް ނުފޫޒެއް ފޯރުވިކަން އެނގެން ނެތް ކަމަށެވެ. ޝަމީމް އެހެން ވިދާޅުވުމުން ދައުލަތުންވެސް ޝަރީއަތުންވެސް އަދި ހެކިވެރިޔާވެސް އެކަމަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

"އެފަދަ އެއްވެސް މައުލޫމާތެއް އެނގެން ނެތް. އަޅުގަނޑު ޔަގީންކަން ދެން،" ޝަމީމް ވިދާޅުވިއެވެ.

ހެކިވެރިޔާގެ ހެކިބަސް ނަގައި ނިމުމުން ގާޒީ ޝަކީލް ވަނީ، ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 09:30 ގައި ކަމަށް ވިދާޅުވެފައެވެ. އެ އަޑުއެހުމުގައިވެސް އޮންނާނީ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އަދި އެ ހެކިވެރިޔާގެ ހެކިބަސް ނަގައި ނިމެންދެން އަޑުއެހުން ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ޝަރީއަތުން ގަސްތުކުރަނީ މިމަހުގެ ތެރޭގައި ހެކިބަސް ނަގައި ނިންމައި، ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އޮގަސްޓު މަހު އަޑުއެހުމެއް ބޭއްވުމަށެވެ. އަދި ހަމަ އެމަހު ހުލާސާ ބަޔާން އިއްވުމަށެވެ.

ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.