ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުންވާ ހާލަތްތަކުގައި ދުރާލައި ވަގުތު އޮއްވައި ވިސާއަށް އެޕްލައިކުރުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް ވިސާ ހޯދުމުގައި މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށައަޅާއިރު، ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައި ހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި އެޕޮއިންޓްމަންޓް ތާރީހު އަވަސްކުރުމަށް އެދެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމުގެ ސަބަބުން ފުރަން ހަމަޖެހިފައި އޮންނަ ތާރީހަށް ވިސާ ނުލިބުން ފަދަ ހާލަތްތައް ތަކުރާރުވަމުންދާ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ، ވިސާ ދޫކުރުމަކީ އެ ގައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ އަދި އެކަމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ގައުމަކަށް ލިބިފައިވާ ކަމެއް ކަމަށެވެ.
އޭގެ ތެރޭގައި ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް ހުދު ވިސާއަށް އެދޭ ފަރާތް ހާޒިރުވާންޖެހުންވެސް ހިމެނޭ ކަމަށާއި އެހެންކަމުން އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށަހެޅުމާއި ލިޔެކިޔުންތައް ފުރިހަމަކުރުމާއި ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، އެ މިނިސްޓްރީ މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ހާލަތްތަކުގައި ވިސާ ޕްރޮސެސްކުރުމަށް މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ އެކަމަށް ސަމާލުވުމަކީ ވަރަަށް މުހިންމު ކަމެއް ކަމަށެވެ.
އޭގެ އިތުރުންވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އަދި ވަކިން ހާއްސަކޮށް، ޝެންގެން ގައުމުތައް ހިމެނޭހެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީތައް ގިނަ އަދަދަކަށް ހުންނަ ސްރީ ލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިގުތިސާދީ އަދި ހަކަތައިގެ ކާރިސާއާ ގުޅިގެން ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރައި، މަސައްކަތުގެ ގަޑިތައް މަދުކޮށް، އެޕޮއިންޓްމަންޓުތައް ލިމިޓްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އެ ދަނޑިވަޅުގައި ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި ދުރާލާ އެޕޮއިންޓްމަންޓް ހޯދައި ވިސާއަށް އެޕްލައިކުރުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ހޯދުމުގެ ކަންކަމުގައި އެ މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު