ޚަބަރު

ކޮވިޑުޖެހިގެން އިތުރު މީހަކު މަރުވެ، ރާއްޖޭގެ ޖުމުލަ އަދަދު 300 އަށް

ރިފާ ހަލީލު

ކޮވިޑު ބަލީގައި އިތުރު މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 300 އަށް އަރައިފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު ކޮވިޑު ބަލީގައި މަރުވީ ދިވެހި އަންހެނެކެވެ. ނަމަވެސް އެ މީހާ އަކީ ކޮން އުމުރެއްގެ މީހެއްކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ތަސްލީމާ ވިދާޅުވީ ކޮވިޑު ބަލީގައި ޖުމުލަ ތިން މީހަކަށް މިހާރުވެސް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން ރާއްޖެއިން މި ބަލީގައި މީހަކު މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. މިއަދުގެ މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 300 އަށް އަރާފައެވެ. އެއީ 281 ދިވެހީންނާއި 19 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.