ފުޓްބޯޅައިގެ ގަވާއިދަށް ދޭތެރެދޭތެރެއިން ބަދަލު އާދެއެވެ. އިސްލާހުތައް އާދެއެވެ. މިއީ އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް، އައިއެފްއޭބީން ކުރާ ކަމެކެވެ. އައިއެފްެއޭބީއަކީ ދުނިޔޭގެ ފުޓްބޯޅައިގެ މުއައްސިސުންކަމަށް ބުނާ އިންގްލެންޑާއި ސްކޮޓްލެންޑާއި ވޭލްސްއާއި އުތުރު އަޔަލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ފީފާގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ކޮންމެ އަހަރަކުވެސް އެއްފަހަރު މިބޯޑު އެއްތަންވެ ފުޓްބޯޅަ ގަވާއިދުތައް މުރާޖައާކޮށް އިސްލާހުތަކާމެދު ބަހުސްކުރެއެވެ. ގެންނަންޖެހޭ އިސްލާހުތައް ފާސްކުރެއެވެ. އެގޮތުން މިއަހަރުވެސް މުހިއްމު ދެ އިސްލާހެއް ވަނީ ފާސްކޮށްފައެވެ. މިތަނުން އެއް އިސްލާހަކީ ރަސްމީ ފުޓްބޯޅަ މެޗުތަކުގައި ބަދަލު ކުޅުންތެރިން ބޭނުން ކުރެވޭ އަދަދަށް ގެނައި އިސްލާހެކެވެ.
ރަސްމީ ފުޓްބޯޅަ މެޗުތަކުގައި ބަދަލުކުޅުންތެރިންގެ ގޮތުގައި މިހާތަނަށް ގިނަވެގެން ބޭނުން ކުރެވެމުން އައީ ތިން ކުޅުންތެރިންނެވެ. އަދި ޓީމު ލިސްޓުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ޖެހެނީ ބާރަ ކުޅުންތެރިންނެވެ. އެހެންނަމަވެސް އައިއެފްއޭބީން ހުސްވި ހަފުތާގައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ފަސްކުޅުންތެރިން ބޭނުންކުރުން ހުއްދަކޮށް އެ އިސްލާހު ފާސްކޮށްފައެވެ. މިގޮތަށް ނިންމުމާއެކު ޓީމު ލިސްޓުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ފަނަރަ ކުޅުންތެރިން ޖެހިދާނެއެވެ. ހަގީގަތުގައި މި ބަދަލަކީ ކޮވިޑުގެ ތެރޭގައި މަޖްބޫރީ ހާލަތެއް މެދުވެރިވެގެން އަޖުމަބަލައި ވަގުތީގޮތުން އަމަލުކުރަމުން އައި ބަދަލެކެވެ. މި ބަދަލު މިހާރު ރަސްމީވީއެވެ. އެހެންވީމާ މިއަހަރުގެ ވޯލްޑްކަޕުންވެސް މި ބަދަލު ފެނިގެންދާނެއެވެ.
އޮފްސައިޑް ދެނެގަތުމަށްޓަކައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޑިޓެކްޓަރު ބޭނުންކުރުމަށްވެސް އައިއެފްއޭބީން ވަނީ ހުއްދަ ދީފައެވެ. އެކަމަކު އަދިވެސް އަޖުމަބެލުމުގެ އިތުރު ވަގުތު ބޭނުންވާތީ މިފަހަރުގެ ވޯލްޑްކަޕުގައި މި އާލާތް ބޭނުންކުރުމާމެދު ވަކިގޮތެެއް ނުނިންމައެވެ. ފީފާގެ ރެފްރީންނާބެހޭ ކޮމިޓީގެ ޗެއަރމަން އިޓަލީގެ ޕިއެރްލުއިޖި ކޮލީނާ ވިދާޅުވެފައިވަނީ މިފަހަރުގެ ވޯލްޑްކަޕުގައި މި އާލާތް ބޭނުންކުރަން ފެށޭނެކަން އޭނާއަށް ކަށަވަރު ކަމުގައެވެ. ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯ ވިދާޅުވެފައިވަނީ މި އާލާތް ވޯލްޑްކަޕުގައި ބޭނުންކުރާނެތޯ ނުވަތަ ނޫންތޯ ވަރަށް އަވަހަށް އައިއެފްއޭބީން ނިންމާނެ ކަމުގައެވެ. މި ނިޒާމާއި މި އާލާތަށް ރަސްމީގޮތުން ކިޔަނީ ސެމީ އޮޓޮމޭޓެޑެވެ. މިއީ އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ، ވީއޭއާރްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
ސެމީ އޮޓޮމޭޓެޑުން ކުރާ ކަމަކީ ކުޅުންތެރިޔާއަށް ބޯޅަ ލިބޭވަގުތު އޭނާގެ ޕޮޒިޝަން ދެނެގަނެ އޭނާގެ ހަރަކާތްތަކަށް ބިނާކޮށް މޮޑެލްއެއް ޖެނެރޭޓްކުރުމެވެ. ލައިންސްމަނަށް ގޮތް ނިންމަން ދަތި ހާލަތުގައި ރެފްރީ ބަލާނީ ދަނޑުގެ އަރިމަތީގައި ބެހެއްޓިފައި ހުންނަ މޮނިޓަރެކެވެ. އެއަށް ބަލައިފައި ގޮތް ނިންމާނީ ރެފްރީއެވެ. މިއަށް ސެމީ އޮޓޮމޭޓެޑޭ ކިޔަނީ އެހެންވެގެންނެވެ. މި ސިސްޓަމުގެ އަޖުމަ މިދިޔަ އަހަރުގެ ފީފާ އަރަބި ކަޕުގައި ވަނީ ބަލައިފައެވެ. އަދި މިއަހަރުގެ ކްލަބް ވޯލްޑްކަޕުގައިވެސް ވަނީ ބަލައިފައެވެ. ތަޖުރިބާކާރުން ބުނަނީ މިއީ ވަރަށް ބަރާބަރު ނިޒާމެއް ކަމުގައެވެ. އެހެންވީމާ ކޮލީނާވެސް ވިދާޅުވެފައިވާ ފަދައިން ނޮވެމްބަރު އެކާވީހުގައި ފަށާ ވޯލްޑްކަޕުގައި މި ނިޒާމް ބޭނުންކުރެވޭނޭކަން ގާތްގަޑަކަށް ކަށަވަރެވެ.
ދަނޑުމަތީގައި ކުޅުންތެރިންނަށް ލިބޭ އަނިޔާގެ ތެރެއިން އެންމެ ސީރިއަސް އެންމެ ނުރައްކާތެރި އެއްއަނިޔާއަކީ ބޮލަށް ލިބޭ ގެއްލުމެވެ. އެޒާތުގެ އަނިޔާއެއް ކަމަށް ޝައްކު ކުރެވެންޏާ އެ ކުޅުންތެރިޔާ ނިސްބަތްވާ ޓީމުގެ ކޯޗު ވަކި ގޮތެއް ނިންމިޔަސް ނުނިންމިޔަސް އެކުޅުންތެރިޔަކު ދަނޑުން ބާލައި ބަދަލުގައި އެހެން ކުޅުންތެރިޔަކު ނެރުމުގެ އިޚުތިޔާރު ރެފްރީއަށް ދިނުމަކީވެސް އައިއެފްއޭބީން ވަރަށް ބޮޑަށް ދިރާސާކުރަމުންދާ ކަމެކެވެ. މިދިރާސާގެ އަޖުމަބެލުންތައް 2023 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް އައިއޭއެފްބީން މިހާރު ވަނީ ނިންމައިފައެވެ. އަދި ކުޅުންތެރިންގެ ކިބައިން ރެފްރީންނާއި ލައިންސްމަނުން ސަލާމަތްކުރުމަށްޓަކައި ބޮޑީ ކެމެރާ ބޭނުންކުރުންވެސް އަޖުމަބެލުމުގެ މަރުހަލާގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.
ބޯޅަ ބޭރުވީމާ އެއްލުމުގެ ބަދަލުގައި ޖެހުމެއް ދިނުމަކީވެސް އައިއެފްއޭބީން ވިސްނަމުންދާ ކަމެކެވެ. މިކަމާދޭތެރޭ ވިސްނާތާ ދުވަސްތަކެއްވެސް ވެއްޖެއެވެ. މިކަމާއި ބެހޭ ހުށައެޅުންތަކެއް ދަނީ ދިރާސާކުރަމުންނެވެ. ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ހުށައެޅޭ ކޮންމެ އެއްޗެއް ތަންފީޒުކުރުމަކީ ފުޓްބޯޅަޔަށް ފައިދާކުރަނިވި ކަމަކަށް ނުވެދާނެ ކަމަށާއި ތަޖުރިބާކާރުންގެ ހުށައެޅުންތައް ދިރާސާކޮށް އެތައް މަރުހަލާއެއްގައި އަޖުމަބެލުމަށްފަހު ނޫނީ ގަވާއިދަށް ބަދަލެއް ނުގެނެވޭނޭ ކަމުގައެވެ. ކޮންމެއަކަސް މިދެންނެވިހެން އެއްލުމުގެ ބަދަލުގައި ޖެހުމެއް ތައާރަފު ކުރުމަކީ މުސްތަގުބަލުގައި ފެނިގެންދިޔުން އެކަށީގެންވާ ބަދަލެކެވެ. އެބަދަލު ތައާރަފުކޮށްފިއްޔާ ކޯނަރު ދަނޑި ކައިރިން އިދިކޮޅު ޓީމަށް ލިބޭ ޖެހުން ވެގެންދާނީ ކޯނަރު ކަހަލަ ހަދިޔާއަކަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022