ނ. ހޮޅުދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 30 ހައުސިން ޔުނިޓް އެރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ހޮޅުމީދުއަށް ބަދަލުކޮށް، އެރަށް އާބާދުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި އެ ސްކޫލުގެ އަލިމަސް ޔޫބީލް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ހޮޅުދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަކީ އަވަހަށް ހައްލު ހޯދަންޖެހިފައި އޮތް މައްސަލައެއް ކަމަށާއި ނަމަވެސް އެރަށުގެ ފަޅުގައި ޖާގަ ނެތުމުން ރަށުގެ ބިން އިތުރަށް ހިއްކެން ނެތް ކަމަށެވެ.
"މިރަށުގެ ރައްޔިތުން ބޭނުންވާ މި ރަށުގައި އަޅަން ސަރުކާރުން މިވަގުތަ ނިންމާފައި އޮތް 30 ހައުސިން ޔުނިޓް، މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް، އެރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން. އަދި އެރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވެސް ހަމަ އެއާއެކުގައި ގާއިމުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ހޮޅުދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ވެސް އަލި އަޅުއްވާލައި ވާހަކަފުޅު ދައްކަވައިފައެވެ. ރައީސް ވިދާޅުވީ ހޮޅުދުއަށް ދިމާވެފައިވާ ގިރުމުގެ މައްސަލަ ހައްލު ކުރުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައި ވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުގެ ތެރެއަށް ވާޓަރުވެސް ހިމަނައިގެން ކަމަށާއި އެ މަޝްރޫއުގައި މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އެ މަޝްރޫއު ބިޑަށް ހުޅުވައިލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގައި މިހާރުކުރިއަށްގެންދާ ސާފު ބޯފެނުގެ ނިޒާމު ގާއިމުކޮށް ނިމުމާއެކު އެރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަށާވީސް ހެކްޓަރު ބިމެއް އޮންނަ ހޮޅުމީދޫއަކީ ހޮޅުދޫ ކައިރީގައި އޮންނަ ދަނޑުވެރިކަން ކުރާ ފަޅު ރަށެކެވެ. ހޮޅުދޫގައި ބިން ދަތިވުމުގެ ސަބަބުން މީހުން ދިރިއުޅުމަށްޓަކައި ހޮޅުމީދޫ ކަނޑައަޅައިދޭން އެރަށު ރައްޔިތުން އެދުމުން، އެރަށަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ފުރަތަމަ ހަމަޖައްސާފައި ވަނީ 2002 ވަނަ އަހަރު އޭރުގެ އެޓޯލް އެޑްމިނިސްޓްރޭޝަނުންނެވެ. ފަހުން ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް، ގަރާރަކުން އެ ރަށް ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސިއެވެ.
ނަމަވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ހޮޅުދޫގެ ބައެއްގެ ގޮތުގައި އެރަށް ކަނޑައެޅޭނެ ޖާގަ ގެއްލުނެވެ.
ނަމަވެސް ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ހޮޅުމީދޫ އަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމަނިކުފާނު ވަނީ ގަރާރެއް ނެރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު