އެންމެ ކާމިޔާބު ސްކޫލަކީ ފަންނީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ހުނަރުވެރި ކުދިން އުފެއްދޭ ސްކޫލްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި އެ ސްކޫލުގެ އަލިމަސް ޔޫބީލް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލެއްގެ ހަޔާތުން 75 އަހަރަކީ ކުރު މުއްދަތެއް ނޫން ކަމަށާއި ނަމަވެސް އެ ސްކޫލެއްގެ ކާމިޔާބީ ވަޒަންކުރާ ތިލަފަތަކީ ހާސިލްކުރެވޭ ނަތީޖާ ކަމަށެވެ. އަދި އެ މިންގަނޑުން ކިރާއިރު، މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ވަރަށް މަތީ މަގާމެއް ހާސިލުކޮށްފައިވާ ސްކޫލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅުގައި އެންމެ ކާމިޔާބު ސްކޫލަކީ ފަންނީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ހުނަރުވެރި ކުދިން އުފެއްދޭ ސްކޫލްތައް ކަމަށާއި މޭނާ ސްކޫލަކީވެސް އެފަދަ ސްކޫލެއްކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި މޭނާ ސްކޫލުގެ އެންމެ ބޮޑު ކާމިޔާބީއަކީ ގައުމަށް ހިދުމަތްކުރާ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ސްކޫލުން ތައުލީމް ހާސިލުކުރެއްވި ވަރަށް ގިނަ ބޭފުޅުންތަކެއް، ސަރުކާރުގެ އިސް މަގާމުތަކުގައާއި ދައުލަތުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި މިހާރުވެސް އެބަ ތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގަޔާއި، ބައެއް ކުންފުނިތަކުގެ އެމްޑީންގެ މަގާމުގަޔާއި، ފުލުހުންނާއި އެމްއެންޑީއެފްގެ އިސް މަގާމުތަކުގެ އިތުރުން، ޔުނިވަސިޓީ ލެކްޗަރާއިންގެ ގޮތުގައި ވެސް އެބަތިއްބެވި" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމެއްގެ ރައްޔިތުން ތަރައްގީގެ މަގުގައި ކުރިއަށް ދާއިރު އެންމެ އަވަހަށް ބަދަލުވަމުން، ތަރައްގީވަމުން އަންނާނީ ތައުލީމީ ދާއިރާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ސްކޫލް މަދަރުސާތައް ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގަނީވެސް އެ ސަބަބަށްޓަކައި ކަމަށާއި ރާއްޖޭގެ ކުރިމަގަށް ބޭނުންވާ ފެންވަރަށް ތައުލީމީ ހުނަރުވެރި މީހުން ބިނާކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މޭނާ ސްކޫލަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަންތައްތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ޖާގައިގެ ދަތިކަމާހުރެ މޭނާ ސްކޫލް މިހާރު ހިންގަނީ ދެ ކެމްޕަހެއްގައި ކަމަށާއި ނަމަވެސް އެއް ކެމްޕަހަކަށް ސްކޫލް ބަދަލުކުރަން ބޭނުންވާ ޖާގަ އެއްވެސް ކެމްޕަހެއްގައެއް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އެ ސްކޫލުގެ އާ ކެމްޕަސް ކައިރީގައި 22 ކްލާސް ރޫމާއި އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތެއް އަޅުއްވައިދެއްވާނެ ކަމަށާއި ބާ ސްކޫލްގެ ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހޮޅުދޫ އަކީ ވަރަށް ތަފާތު ހުނަރުވެރި ފަންނާނުންތަކެއް އުފެދިގެން އައި ރަށެއް ކަމަށާއި އެކަންތައްތައް ދިރުވައި އާލާކުރުމަކީ މިއަދު ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި މޭނާ ސްކޫލްގެ މިހާރުގެ ހިންގުންތެރިން މިކަމުގައި އިސްނަގައިގެން ކަންތައްތަކެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު