އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް މިއަދު އަރުވައިފިއެވެ.

އެ ނިޝާންގެ އިއްޒަތް ޝާހިދަށް އެރުވީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓަރު ޝާހިދަށް އަރުވާފައިވަނީ "ދަ ޑުއާޓޭ، ސަންޗޭޒް، އެންޑް މެލާ އޯޑާ އޮފް މެރިޓް" ގްރޭންޑް ކްރޮސް ސިލްވާ ޕެލޭޓެވެ. މިއީ 1931 އިން ފެށިގެން އެ ގައުމުން ދެމުން އަންނަ އިއްޒަތެކެވެ.

އެ ނިޝާންގެ އިއްޒަތް ނިސްބަތްވަނީ އެ ގައުމުގައި އުފެދުމުގެ ބާނީން ކަމުގައިވާ ހުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ. އެ އިއްޒަތް އަރުވަނީ އެ ގައުމަށް ހާއްސަ ގައުމީ ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަގުވާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށެވެ.

ޑޮމިނިކަން ރިޕަބްލިކުން ޝާހިދަށް އެ ޝަރަފް އެރުވީ އެމަނިކުފާނުގެ "އދ. ގެ އުންމީދުގެ ރިޔާސަތު"ގެ ތެރެއިން ކޮވިޑް ހާލަތުން ދުނިޔެ އަރައިގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތު ކުރުމަށާއި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި އދ. އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކަށް ފާހަގަކުރައްވައި އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މިނިސްޓަރު ޝާހިދު ޑޮމިނިކަން ރިޕަބްލިކަށް ވަޑައިގެންނެވީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ ރައީސް ލުއިސް އަބިނަދެ އާ ބައްދަލުކުރައްވައި އެ ގައުމާއި އދ. ގެ އާންމު މަޖިލީހާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމާއި ކޮވިޑްގެ ހާލަތުން އަރައިގަތުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީއާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު ރޮބާޓޯ އަލްވަރޭޒް އާއެކު ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅުގައި ޑޮމިނިކަން ރިޕަބްލިކްގެ ހޯގާ ޑެލް ނިޏޯ އަށް ޒިޔާރަތް ކުރައްވައި ދެމެހެއްޓެނިވި ޓުއަރިޒަމް ތަރައްގީ ކުރުމަށްޓަކައި އެ ގައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.