ދައުރުވަމުންދާ ވީޑިއޯގައި ފެންނަ މިސްކިތަކީ ގަބުރު މަތީގައި ބިނާކޮށްފައިވާތީ މިސްކިތްތަކުގެ ދަފްތަރުން އުނިކޮށްފައިވާ ތަނެއް ކަމަށް ފ. ދަރަނބޫދޫ ކައުންސިލުން ބުނެފިއެވެ.

ދަރަނބޫދޫ މިސްކިތެއްގައި ބިދޭސީން ދިރިއުޅޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެރަށުގެ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތަށް ގެންގޮސްފައި ތިބި ބިދޭސީންތަކެއް އެ އިމާރާތުގައި ކައްކައި އަންނައުނު ދޮވެ، ނިދާ ހަދާ މަންޒަރު ފެނެއެވެ.

ދަރަނބޫދޫ ކައުންސިލް މެމްބަރު އަރުޔަޝް މުހައްމަދު "ވަން" އަށް މިރޭ ވިދާޅުވި ގޮތުގައި އެއީ ކުރިން އެރަށުގައި ބޭނުން ކުރަމުން އައި މިސްކެތެކެވެ. ނަމަވެސް މިސްކިތް ބިނާކޮށްފައިވަނީ ކުރީގެ ގަބުރުސްތާނެއްގެ މަތީގައި ކަމަށް ރަށުގެ ރައްޔިތުން ކިޔަން ފެށުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެރަށު ރައްޔިތުންނަށް އާ މިސްކިތެއް އަޅައިދީފައި ކަމަށެވެ. އަދި އޭގެ ފަހުން އެ މިސްކިތް ރާއްޖޭގެ މިސްކިތްތަކުގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އިމާރާތް އެކި ބޭނުންތަކަށް ބޭނުން ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު އެރަށު ބަނދަރު ހެދުމުގެ މަޝްރޫއަށް އެމްޓީސީސީން ގެންދިޔަ ލޭބަރުންވެސް ބޭތިއްބީ އެތަނުގައި ކަމަށާއި އެ ރަށަށް ނިސްބަތްވާ ޖަމިއްޔާއެއްގެ އިދާރީ މަސައްކަތް ކުރާ ތަނެއްގެ ގޮތުގައިވެސް އެ އިމާރާތް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މިސްކިތް ވާނީ ކުރީ ސަރުކާރުން ފެށިގެން ބަންދުކޮށްފަ. މިސްކިތްތަކުގެ ދަފްތުރުން އުނިވެސް ކޮށްފަ. މިސްކިތް ހުރީ ކުރީގެ ގަބުރުސްތާނެއްގެ މަތީގައި ކަމަށް ރައްޔިތުން ކިޔަން ފެށުމުން އާ މިސްކިތެއް އަޅައި އާ މިސްކިތުގައި މިހާރު ނަމާދުކޮށް ހަދަނީ. އިރެއްގައި މިސްކިތަކަށް ބޭނުންކުރީތީ މިހާރުވެސް މިސްކިތެކޭ ކިޔަނީ މީހުން. މިސްކިތުގެ ނަންބޯޑުވެސް ނަގާފައި ހުންނާނީ" އޭނާ ވިދާޅުވިއެވެ.

އަރްޔަޝް ވިދާޅުވި ގޮތުގައި އެ ތަނުގައި ބިދޭސީން ބައިތިއްބަން ފުރަތަމަ ނިންމީ ކުރީގެ ކައުންސިލުންނެވެ. އެގޮތަށް އެކަން ކުރަން ޖެހުނީ ރަށުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކަށް ގެންނަ ބިދޭސީން ބައިތިއްބާނެ އިތުރު އެއްވެސް ތަނެއް ރަށުގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ މިހާރު ބޭނުން ނުކުރާ މިސްކިތެއް ކަމަށެވެ. އަދި އެރަށުގައި އިމާރާތްކުރި އާ މިސްކިތް ބޭނުން ކުރަން ފެށުމުން 2017 ވަނަ އަހަރުން ފެށިގެން ކުރީގެ މިސްކިތް ހުންނަނީ ބަންދުކޮށްފައި ކަމަށެވެ.

މިސްކިތުގައި ނަމާދު ނުކުރާތީ ގުރުއާން ކުލާހެއް ހިންގުމަށް އެރަށު ކައުންސިލުން އެދިގެން 2017 ވަނަ އަހަރުން ފެށިގެން އެތަން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.