Close
ޚަބަރު

ރަނިލްގެ ދައުވަތަކަށް ނަޝީދު ލަންކާއަށް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު ވަން އަށް ވިދާޅުވީ މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރު ފުޅުގައި މަޖިލީހުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެދަތުރު ފުޅާބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން މުޅި ގައުމު ބަނގްރޫޓުވެ، ރައްޔިތުންނަށް ދިމާވި ދަތިތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ނުކުގެ ބޮޑު ހަމަނުޖެހުންތަކެއް ހިންގުމާ ގުޅިގެން އެއިރު ހުންނެވި ބޮޑުވަީރު ރާޖަޕަކްސާ އިސްތިއުފާ ދެއްވިއެވެ.

އެއަށްފަހު ލަންކާގެ ބޮޑު ވަޒީރުކަމާ ރަނިލް ހަވާލުވެ ވަޑައިގަތުމަށްފަހު، ރައީސް ނަޝީދާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ލައްކާއަށް ބޭރުގެ އެހީ ހޯއްދެވުމުގެ މަސައްކަތް ރައީސް ނަޝީދާ ހަވާލު ކުރެއްވިއެވެ.

ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރައީސް ނަޝީދު މިހާތަނަށް ކުރެއްވި މަސައްކަތް ޕުޅުން ލަންކާއަށް އަދި ބޭރުގެ އެހީތެރިކަމެއް ލިބިފައެއް ނުވެއެވެ. އެގޮތުން އަދި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި އެމިރޭޓްސްގެ ރައީސް މުހައްމަދު ބިން ޒާއިދަށް ގުޅުއްވައިގެން ލަންކާއަށް އެހީ ހޯއްދެވުމަށް މަޖިލިސް ރައީސް ކުރެއްވި މަސައްކަތްވެސް ވަނީ ކާމިޔާބު ނުވެފައެވެ.

ހާއްސަކޮށް އެގައުމަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން ތެޔޮ އެތެރެކުރެވޭނެ ގޮތެއް ނެތި، އެ ގައުމުން މުޅިން ތެޔޮ ހުސްވުމާ ގާތްވެފައިވާ ކަމަށާއި ހުރީ އެންމެ ހަތަރު ދުވަހަށް ބޭނުންވާ ވަރުގެ ތެޔޮކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ތެލުގެ އިތުރުން ބޭހާއި މުހިއްމު އެހެން އެތައް ބާވަތެއް އެގައުމަށް އެތެރެކުރަން ވަނީ ދަތިވެފައެވެ.