ށ. ފުނަދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރު ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުނަދޫގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން އެރަށު ރައްޔިތުން އެދިފައިވާގޮތަށް ފުނަދޫ ބިން ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ފަށްޓަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ވަރަށް އަވަހަށް ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއުތަކެއްގެ ވަށާޖެހިފައިވާ ސިޔާސަތަކީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ. އަދި އެކަމުގެ އެންމެ މުހިންމު މަސައްކަތްތައް ހިންގަނީ ތައުލީމީ ދާއިރާގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
އެގޮތުން ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި ފުނަދުއަށް އައި ތަރައްގީގެ އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އެރަށު ސްކޫލުން ދަރިވަރުވި މީހުން ކަމަށާއި އެ ސްކޫލުގެ 50 އަހަރުގެ ދިގު ތާރީހުގައި ބިނާކޮށްދީފައިވާ އިންސާނީ ވަސީލަތްތަކަކީ އެ ސްކޫލުން މުޖުތަމައަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އީޖާދީ ވިސްނުންތަކެއް އުފަން ކުރެވޭ ފެންވަރުގެ ދަރިވަރުންތަކެއް ބިނާކުރުން ކަމަށާއި ދަރިވަރުންނަކީ މުޖުތަމައުގެ ބަދަހިކަން ދަމަހައްޓައި ލާމެހިގެން އުޅެން ލޯބިކުރާ ބަޔަކަށް ހެދުމަކީވެސް ސަރުކާރުގެ ވިސްނުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމް ފެއްޓީވެސް ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތުދީ އީޖާދީ ވިސްނުން ތައާރަފުކުރަން ކަމަށެވެ. އަދި ކުރިއަށްވުރެ ގިނައިން މިހާރު ރާއްޖެއިން ބޭރަށް ދަރިވަރުން ކިޔަވަން ފޮނުވަނީވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ ބަދަލުގައި ވަށައިގެން ހިނގާ ކަންކަމާ މެދުގައިވެސް ވިސްނަންޖެހޭ ކަމަށާއި ދަރިވަރުން މުޅި މުޖުތަމައާ މެދުގައިވެސް ވިސްނަން ޖެހެއެވެ.
ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫއެއް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު