ދުނިޔެ

އަދުގެ ދުނިޔެ: ޓައިވާން ހިފޭވަރުގެ އުރައްޕެއް ޗައިނާގެ ކިބައިގައި އެބަހުރިތަ؟

އިމާދު ލަތީފު

ޗައިނާ އާއި ޓައިވާނުގެ މަސްރަހު މިދުވަސްވަރު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ހަނގުރާމައެއް ފެށުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޓައިވާން ހިފަން ދިމާކޮށްފިނަމަ އެމެރިކާއިން ސީދާގޮތެއްގައި ޗައިނާއާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ވަންނާނޭ ކަމަށް އެމެރިކާއިން އެބަބުނެއެވެ. ޓައިވާނަށް އަރަން ޖެހިއްޖެނަމަ ލަހެއްފަހެއްނެތި އެކަން ކުރާނޭ ކަމަށް ޗައިނާއިންވެސް އެބަބުނެއެވެ. ހަނގުރާމައެއް ފެށިއްޖެނަމަ ދެންވާނީ ކިހިނަކުން ބާވައެވެ. ޓައިވާނަކީ އަސްކަރީގޮތުން ޔުކްރޭނަށްވުރެވެސް ގަދަ ބާރެކެވެ. އެއީ ވަރުގަދައަށް ދިފާއީ ކަންކަން އިންތިޒާމު ކުރެވިފައިވާ ކިއްލާއެކެވެ. ޗައިނާއަށް ޓައިވާން ހިފިދާނެ ބާވައެވެ. އެކަމަށް ހުރި ހުރަސްތަކަކީ ކޮބައިބާވައެވެ. ދެފަރާތުގެ ބާރުގެ ތިލަފަތް އޮތީ ކޮންގޮތަކަށް ހެއްޔެވެ. މިކަންކަމަށް ބަލައިލަމާބަހީއެވެ.

ޗައިނާގެ ކަނޑުގެ ލަޝްކަރު

ދުނިޔޭގެ އެންމެ ބޮޑު ނޭވީ އޮތީ ޗައިނާގައެވެ. ހަނގުރާމަމަތީ 360 އުޅަނދު އެބައޮތެވެ. އެމެރިކާގެ އުޅަނދުތަކުގެ އަދަދުވެސް 300 ހަމަނުވެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެންމެ ބޮޑު މާރޗަންޓް ފްލީޓް އޮތީވެސް ޗައިނާގައެވެ. ކޯސްޓްގާޑް ފްލީޓްވެސް ނުހަނު ބޮޑެވެ. ކަނޑު ހުރަސްކޮށް ޓައިވާނަށް އަރައިގަތުމަށްޓަކައި މަސްވެރިންގެ ފްލީޓްގެ އުޅަނދުތައްވެސް ބޭނުން ކުރެވޭނެއެވެ. އެއީވެސް ނުހަނު ބޮޑު ފްލީޓެކެވެ. އެކަމަކު މިއީ ރައްކާތެރިކަމާއެކު ކުރެވޭން އޮތް ކަމެއް ނޫނެވެ. މަދުވެގެން ބައިމިލިޔަން މީހުންގެ ލަޝްކަރަކާއި އެތައް ހާސް ޓޭންކަކާއި އެޒާތުގެ ބަރުހަތިޔާރު ޓައިވާނަށް އުފުލާން ޖެހެނީ 177 ކިލޯމީޓަރުގެ ފުޅާ ކަނޑުއޮޅިޔެއް ހުރަސްކޮށްފައެވެ. ހަނގުރާމައެއްގެ ތެރޭގައި މި ކަނޑުއޮޅިޔަށް ފްލީޓެއް ނެރުމެކޭ ކަތިލުމަށްޓަކައި މޭޒެއްގެ މަތީގައި އަސްދޫނިތަކެއް އަތުރާލުމާ ފަރަގެއް ނެތެވެ.

މިމަގުން ޓައިވާނަށް އަރާން ދިމާކުރުމަކީ ޗައިނާގެ ލަޝްކަރު ގުރުބާންކުރުން ކަހަލަ ކަމެކެވެ. ޓައިވާނުގެ އަތުގައި މަނަވަރަށް ހަމަލަދޭ ޒާތުގެ މިސައިލްތައް ގިނަ އަދަދަކަށް އެބަހުއްޓެވެ. އަމިއްލަޔަށްވެސް އުފައްދައެވެ. މިހުރިހާ އެއްޗެއް އެއްފަހަރާ ނައްތާލުމަކީ ޗައިނާއަށްވެސް އަދި އެހެން ބަޔަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ. މިސައިލް އަގުހެޔޮވެފައި ނުރައްކަލެވެ. މަނަވަރުތަކާއި އުޅަނދުތައް އަގުބޮޑުވެފައި ނާޒުކެވެ. އެހެންވީމާ އަދާކުރަންޖެހޭ އަގުގެ ބޮޑުކަން ޗައިނާއަށް މޭރުންވާނެއެވެ. އެތައްހާސް ބަޔަކު ގުރުބާންކޮށްގެން އަދި އެތައް ސަތޭކަ އުޅަނދެއް ފެތިގެންވިޔަސް ޓައިވާނު ހިފުމުގެ ބޭނުންތެރިކަން ބޮޑުކަމަށް ނިންމައިފިއްޔާ އެކަން ކުރާނެއެވެ. އަދަދުގެ ގޮތުން އެކަން ކުރެވޭން އެބައޮތެވެ. ހަމައެކަނި މައްސަލަޔަކީ އަދާކުރަންޖެހޭ އަގުގެ ބޮޑުކަމެވެ.

ޗައިނާގެ ވައިގެ ލަޝްކަރު

ހަނގުރާމައެއް ފެށިއްޖެނަމަ ޗައިނާއިން އެންމެ އަވަހަށްވެސް ކުރަން ބޭނުންވާނެ ކަމަކީ ޖައްވުގެ ކޮންޓްރޯލް އަތުލުމެވެ. މިކަމުގައި ތިލަފަތް ބަރުވަނީ ޗައިނާ ކޮޅަށެވެ. ޓައިވާނުގެ އަތުގައި އޮތީ ހަނގުރާމަމަތީ ތިންސަތޭކައެއްހައި ޖެޓެވެ. ޗައިނާގެ ވައިގެ ލަޝްކަރުގައި އެފަދަ އެންމެ ޒަމާނީ ސޯޅަސަތޭކަ ޖެޓް އެބައޮތެވެ. ޓައިވާނުގެ އުއްމީދަކަށްވާނީ އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް ވަނުމެވެ. އެމެރިކާއިން ވައިގެ ހަނގުރާމައެއްގައި ބައިވެރިވާނަމަ އެކަން ކުރަން ޖެހެނީ ޖަޕާނާއި ފިލިޕީންސްގައިވާ ވައިގެ މަރުކަޒުތައް ބޭނުންކޮށްގެންނެވެ. އަދި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ބޭނުންވެސް ހިފައިގެންނެވެ. ހަނގުރާމައިގެ ހާލަތުގައި މިދެންނެވި މަރުކަޒުތަކާއި މަނަވަރުތަކަށް ހަމަލަދީ ހަލާކުކޮށްލުމަކީ ޗައިނާއިން ފަސްޖެހޭނޭ ކަމެއް ނޫނެވެ.

އެހެންވީމާ ޓައިވާނުގެ ދިފާއުގައި ޗައިނާގެ އައްސޭރިޔަށް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތައް ފޮނުވުން ދުރެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޓައިވާނުގެ ވައިގެ ބާރު ނައްތައިލުމަކީ ދާދި ފަސޭހައިން ޗައިނާއަށް ކުރެވިދާނޭ ކަމެކެވެ. އެކަމަކު އެމެރިކާ އާއި ޗައިނާގެ މެދުގައި ވައިގެ ހަނގުރާމައެއް ފެށިއްޖެނަމަ އެއްވެސް ބަޔަކަށް އަނެއް ބައެއްގެ މައްޗަށް ކުރިލިބުމަކީ ނާދިރު ކަމެކެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ޚާއްސަކޮށްގެން ޗައިނާއިން މިސައިލް ނިޒާމެއް ތަރައްގީ ކުރަމުން ގެންދާތާ އަހަރުތަކެއް ވަނީ ވެފައެވެ. މިޒާތުގެ މަނަވަރެއް ނުފެތޭނެޔޭ، ފައްތައެއްވެސް ނުލެވޭނެޔޭ އެމެރިކާއިން ބުންޏަސް ޗައިނާގެ ހަގީގީ ބާރާއިމެދު އެމެރިކާ ޖެހިލުންވެއެވެ. ބިރުގަނެއެވެ. އެހެންވީމާ ކުރިމަތިލުމަކަށް ދިޔުމަކީ އެމެރިކާގެ މަސްލަހަތެއް ނޫނެވެ.

ޗައިނާގެ އެއްގަމުގެ ލަޝްކަރު

ޗައިނާއާއި ޓައިވާނު އޮތީ ފުޅާ ކަނޑުއޮޅިޔަކުން ވަކިވެފައެވެ. އެހެންވީމާ ޗައިނާގެ އެއްގަމުގެ ލަޝްކަރަށް ޓައިވާނަށް އެރެން އޮތީ ކަނޑުގެ މަގުން ނުވަތަ ވައިގެ މަގުން އެންމެ ފުރަތަމަ މިދެންނެވި ކަނޑުއޮޅި ހުރަސްކޮށްގެންނެވެ. މި ހުރަސްކުރުމެެއް ކުރާއިރު ކަނޑުގެ މަގުންނާއި ވައިގެ މަގުން ދިމާވާ އެންމެހައި ހުރަސްތަކާއި ގޮންޖެހުންތައް ކަޑައްތުކޮށް ޓައިވާނާ ހަމަޔަށް ފޯރިއަސް އެތަނަށް އެރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޓައިވާނުގެ އެއްގަމު ސިފައިންގެ އަދަދަކީ ދޮޅު ލައްކައެވެ. ރިޒާވަރުންގެ ގޮތުގައި 2.5 މިލިޔަން މީހުން އެބަތިއްބެވެ. އެހެންވީމާ މަދުވެގެން ދޮޅު މިލިޔަނެއްހައި މީހުންގެ ފައުޖެއް ފޮނުވާން ޗައިނާއަށް ޖެހޭނެއެވެ. ޓައިވާނުގެ މުޅި ދިފާއީ ނިޒާމު ބައްޓަން ކުރެވިފައިވަނީ ޗައިނާއިން މިގޮތަށް އަރައިގެންފާނެ އަރައިގަތުމެއް ހުއްޓުވުމަށް އަމާޒު ކުރެވިގެންނެވެ.

ޓައިވާން އުފެދިފައި އޮންނަ ގޮތުން ކޮންމެ ކޮންމެ ދިމާލަކުން އެރޭކަށްވެސް ނެތެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އެފަދަ ކަމަކަށް އެކަށީގެންވާ އޮތީ ސާދަ ސަރަހައްދެކެވެ. އެއީ ކޮން ސަރަހައްދުތަކެއްކަން ޓައިވާނަށްވެސް އެނގެއެވެ. މުޅި ޓައިވާނުގެ ވަށައިގެން ބިންގަރާސް މަގުތައް ކޮނެ ކޯއްޓޭހަދައިގެން ޓައިވާނުގެ ސިފައިން އެތިބެނީ ތައްޔާރުވެގެންނެވެ. އެހެންވީމާ ޗައިނާ ސިފައިންނަށް ހަގީގީ ބޮޑު އިމްތިހާނު ކުރިމަތިވާން އޮތީ އެ މަރުހަލާގައެވެ. މި މަރުހަލާގައި ދެފަރާތަށް ލިބޭން އޮތް ގެއްލުމާއި ހަލާކަކީ ފަސޭހައިން އަންދާޒާކޮށްލެވޭ ވަރަށްވުރެވެސް ބޮޑު ގެއްލުމެކެވެ. އެކަމަކު ޗައިނާގެ ސިފައިންގެ އަދަދާއި ހަތިޔާރުގެ އަދަދާއި ވަސީލަތަށް ރިއާޔަތްކުރާއިރު އެންމެ ފަހުން ކުރިހޯދާނީ ޗައިނާއިން ކަމަށް ބެލެވެއެވެ. އެކަމަކު އިންތިހާއަށް ބޮޑު އަގެއް އަދާކޮށްގެންނެވެ.