ސުވިމިން ޓްރެކަކާއި ހަޓްތަކެއް ހިމެނޭހެން ހުޅުމާލޭ ފޭސް ދޭއްގެ ބީޗު ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް މިރޭ ބޭއްވި "ހުޅުމާލެ ފޭސް 2 ލޭންޑް ޓްރާންސްޕޯޓް" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ހުޅުމާލެ ފޭސް ދޭއް ތަރައްގީކުރުމަށް ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށެވެ.
ހުޅުމާލެ ފޭސް ދޭއްގެ ބީޗު ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކުރަން ޖެހޭ ކަމަށާއި ހުޅުމާލެ ހިންގުމުގެ ޒިންމާ އޮތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެޗްޑީސީގެ ފަރާތުން މިހާރު އެތަން ތައްޔާރުކުރުމުގައި ޕްލޭނެއް އެކުލަވައިލައި، އަގުތައް ހޯދައި، އަމަލީގޮތުން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން އަޅުގަނޑަށް އެނގޭ. އެގޮތުން ސްވިމިން ޓްރެކަކާއި ހަޓްތަކާއި އަދި ޕަބްލިކް ޓޮއިލެޓާއި އާއިލާއާ އެކީގައި ގޮސް ގޮނޑުދޮށުގައި ހަމަޖެހިލައިގެން ތިބެ ޗުއްޓީ ހޭދަކޮށްލެވޭ އިންތިޒާމުތަކެއް ރާވަމުންގެންދާކަން އަޅުގަނޑަށް އެނގޭ. މިއީ ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ދިރިއުޅެމުންދާ ރައްޔިތުންނަށް އަދި އަންނަން ތިބި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކާއި އުފަލެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފޭސް ދޭއްގައި އިތުރު މިސްކިތްތަކާއި ހޮސްޕިޓަލާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން ސްކޫލުތައް އިމާރާތް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ފޭސް ދޭއްގައި ދިރިއުޅެމުންދާ ރައްޔިތުންނާއި އެ ރައްޔިތުންގެ ދަރިންނަށް ބޭނުންވާ ހުރިހާ ހިދުމަތްތައް ފޭސް ދޭކުން ހަމަޖެހިގެން ދިއުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު