މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އެދުނު ގޮތަށް، އެ އިމްތިހާން ފަސްކޮށްދޭން ބާ ކައުންސިލަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ އިމްތިހާނު ފަސް ކުރުމާ ބެހޭގޮތުން އެ އިމްތިހާނުގައި ބައިވެރިވާ ބައެއް ދަރިވަރުންނާއި ބާ ކައުންސިލްގެ މިހާރުގެ އެކްސްކޯ އާއި އިންތިހާބީ އެކްސްކޯގެ މެންބަރުންނާ ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ބައްދަލުކޮށްފައެވެ.

އިއްޔެގެ ބައްދަލުވުމަށްފަހު، ކޮމިޓީން ބޭއްވި މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ ދަރިވަރުންނާއި ވަކީލުން ހުށަހަޅާފައިވާ ގޮތަށް ބާ އިމްތިހާނު ލަސްކޮށްދެވެން އޮތްނަމަ އެކަން ކޮށްދިނުމަށް އެދި ސިޓީއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

އެ ސިޓީ ކޮމިޓީން ފާސްކުރުމުން ވީހާ އަވަހަކަށް އެ ސިޓީ ބާ ކައުންސިލަށް ފޮނުވާނެ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ މިހާރު ކަނޑައަޅާފައިވާ ފީގެ އަގު ބޮޑުވުމުގެ މައްސަލައެވެ. އެ އިމްތިހާނުގެ ފީއެއްގެ ގޮތުގައި ކނޑައަޅާފައި ވަނީ 10،000 ރުފިޔާގެ ފީ އެކެވެ. އެ ފީ ކުޑަކޮށްދޭން އެދި މީގެ ކުރިން ދަރިވަރުން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައާ މެދު ކޯޓުން ގޮތެއް ނިމެންދެން އިމްތިހާން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކޯޓަކުން އެ އަމުރެއް ނުނެރުނެވެ.