އަންނަ އަހަރުގެ ނިޔަލަށް އިތުރު 22 ރިސޯޓު ރާއްޖޭގައި އަލަށް ހުޅުވޭނެކަމަށް ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން ކްރޮސްރޯޑްސްގައި މިއަދު ބޭއްވި ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓު އޮން ކޮމިއުނިޓީ ބޭސްޑު ޓޫރިޒަމް ސަމިޓު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުރުވެރިކަމުގެ 426 ފެސިލިޓީއެއް ހުޅުވައި ބެޑް ކެޕޭސިޓީއަށް ގާތްގަނޑަކަށް 14،000 އެނދު އިތުރުކޮށްފައިވާ ކަމަށެވެ.

ނައިބުރައީސް ވިދާޅުވީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިިކަމުގެ ހިދުމަތްދޭ އިތުރު 22 ތަނެއް ހުޅުވޭނެކަމަށް ލަފާކުރެއްވޭ ކަމަށާއި މިހާރުވެސް 107 ރިޒޯޓެއްގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. އަދި އެތަންތަން ތަރައްގީކޮށް ނިމޭއިރު 5000 އެނދު އިތުރުވެގެންދާނެ ކަމަށް ކަންވެސް ފާހަގަކުރެއްވިއެވެ.

"ފާއިތުވީ ތިން އަހަރާއި ބައިގެ ތެރޭ 33 ރިސޯޓު، 2 ހޮޓެލް، 343 ގެސްޓުހައުގެ އިތުރުން 2 ހޯމް ސްޓޭ ފެސިލިޓީ ހުޅުވާފައިވޭ. އަދި 19 ސަފާރީއެއް އަލަށް އޮޕަރޭޝަނަށް ގެނެސްފައިވޭ. މިއާއެކު ބެޑް ކެޕޭސިޓީއަށްވަނީ 14000 އިތުރުވެފައި" ނައިބް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އިތުރު 45 ގެސްޓުހައުސްއެއް ތަރައްގީކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށާއި މިއާއެކުވެސް ފަތުރުވެރިކަމަށް 820 އެނދު އިތުރުވެގެންދާނެކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބުރައީސްގެ ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، އިގުތިސާދަށް ލިބެމުން އައި ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވައިފައެވެ.

ނައިބުރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އިއާދަކޮށް ގެއްލުންތަކުން އަރައިގަތުމަށް މަގުދައްކަވައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ. އަދި އިގުތިސާދު އިއާދަކޮށް ހަރުދަނާ ކުރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށާއި، އެންމެން ޝާމިލުވާ ތަރައްގީއަށްޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުރުކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.