މިދިޔަ 2020 ވަނަ އަހަރު ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ތިން ފަތުރުވެރިން ޒަހަމްކޮށްލި މައްސަލަ ރޭވީ ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތުވާ އަބްދުﷲ އަލިމަނިކު ކަމަށް، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާތީ އަބްދުﷲ އަލިމަނިކުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން ހުށަހެޅި ހެކިވެރިއެއް ބުނެފިއެވެ.

ކްރިމިނަލް ކޯޓުގަައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ހެކިބަސް ދެމުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު ބުނީ، އަލިމަނިކަކީ 2000 ވަނަ އަހަރުގެ ކުރިން ފެށިގެންވެސް ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހެއް ކަމަށެވެ. އަދި އޭނާއަކީ ސީރިއާގައި 2011 ވަނަ އަހަރު އުފެދުނު ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) އަށް ތާއީދުކުރާ މީހެއް ކަމަށް ބުންޏެވެ.

ހެކިވެރިޔާ ބުނީ، ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިނުމަށް އަލިމަނިކު ރޭވީ އޭނާގެ ދަރިފުޅު ސްކޫލަށް ނުފޮނުވާ އަދި ވެކްސިން ނުޖަހާ ގެންގުޅޭ މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގުމުން އެކަމުގެ ބަދަލެއްގެ ގޮތުން ކަމަށެވެ.

އެގޮތުން އެ ހަމަލާގެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް ދައުލަތް ޒިންމާވާން ޖެހޭނެ ފަދަ ހަމަލާއެއް ދިނުމަށް ހިތްވަރުދީ އަލިމަނިކު ވާހަކަ ދައްކާފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލެ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ 4 ފެބްރުއަރީ 2020ގައެވެ. ހަމަލާގައި ޒަހަމްވީ ޗައިނާގެ ދެ ފަތުރުވެރިންނާއި އޮސްޓްރޭލިއާގެ ފަތުރުވެރިއެކެވެ.

އެ މައްސަލައިގައި ހަތް މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރޭގައި އަލިމަނިކު ނުހިމެނެއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ބުނެފައެވެ.