ވަރަށް ގިނަ ވެރިންނާއެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ ހަރުދަނާ ރަނގަޅު ޝަހްޝިއްޔަތެއް ދެކެވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު (ކެރެފާ ނަސީމު) ވިދާޅުވެއްޖެއެވެ.

ނަސީމަކީ ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމް އަދި މުހައްމަދު ނަޝީދުގެ ސަރުކާރުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ނަސީމް ފޮރިން މިނިސްޓަރުކަން ކުރެއްވި އިރު، އޭނާއަކީ އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ 2023ގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފުރަތަމަ ފަހަރަށް ފާޅުކުރައްވައިފައެވެ.

އެކަމާ ގުޅިގެން "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ނަސީމު ވިދާޅުވީ, ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ. އެމަނިކުފާނަކީ ހަރުދަނާ, ރަނގަޅު ޝަހްޝިއްޔަތެއް ކަމަށާއި އަދި ވަރަށް ވިސްނޭ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެމަނިކުފާނަކީ މަޝްވަރާގެ މަތިން މީހުންގެ އަޑުއައްސަވައި, ރަނގަޅު ނިންމުންތައް ނިންމަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ, 2023ގައި އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ މުޅި ރާއްޖެއަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީން ވެރިކަން ބޭނުން ނަމަ އެމަނިކުފާނަކީ 'ޗޮއިސްއެއް' ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކޯލިޝަނަކާއެކު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވެފައެވެ.

އެ ވާހަކައަށް އިޝާރާތްކުރައްވައި ނަސީމު ވިދާޅުވީ, ކޯލިޝަނާއެކު އެމްޑީޕީއަށް ވެރިކަން ލިބުމަކީ ގައުމަށް ކުރިއެރުމާއި ހަމަޖެހުން އަންނާނެ ކަމެއް ކަމަށާއި އެކަމުން އެމްޑީޕީއަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި އެކަން މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ފެނިގެން ހިނގައްޖެ ކަމަށެވެ.

ރައީސް ސޯލިހަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވުމަކީ އެމްޑީޕީއަށް ކާމިޔާބީއާއި ފަހުރެއް ލިބޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.