ވާހަކަ

ފިނިމެންދަމަކުން 03

މަރިޔަމް ޝަފާ އިބްރާހިމް

4

(12 ޖޫންގެ އަދަދާ ގުޅޭ)

"މިރޭދެން ނިދާލާ. މާދަމާ ދުވާލު ގޮޅި ދޮވެލާނީ."

އަށި މަތީގައި ކުނާ ފަތުރާލުމަށްފަހު ފަޒީލް ބާލީސް، އަށީގެ ބޯލާކޮޅުގައި ބާއްވާފައި އިށީނދެލިއެވެ. މުޅި ޖަލުތެރެއިން އިވެމުންދިޔަ އަޑުތައް މަޑުވެ މަރުގެ ހިމޭންކަން ވެރިވިތާ އިރުކޮޅެއް ވެއްޖެއެވެ. ހީވާގޮތުން މެންދަމުން އަލިވެ އެކެއް ޖަހާ ބޮޑުވެދާނެއެވެ.

ފަޒީލު ބޭނުންވަނީ ނިދާލާށެވެ. ޑިއުޓީން ހެލިފެލިވީ ވަގުތު، އޭނާ ކުޑަކޮށް މޫނާއި އަތާއި ފައި ދޮވުނީ އަވަހަށް ނިދާލުމަށެވެ.

ދަންވަމުން އަންނަ ވަރަކަށް ގޮޅީގެ ފިނިކަން ވެސް އަންނަނީ ބޮޑުވަމުންނެވެ. ގައިމަތީގައި އަޅާކަހަލަ ރަޖައެއް މިތާކުން ނުލިބޭނެއެވެ. ދުރުގައި ހުރި ގޮޅިއަކުން ކުއްޖަކު ފޮނުވި މުންޑުފަޅިއެއް އެބައޮތެވެ. އެއިން ޖެހޭނީ ވާނެ ވަރެއް ކުރާށެވެ.

ހަށިގަނޑަށާއި ސިކުނޑިއަށް ލިބިފައިވާ ލޮޑުކަމާއި ވަރުބަލިކަމުގެ ސަބަބުން އިސާހިތަކު ފަޒީލުގެ އެސްފިޔަތައް ބަރުވާން ފަށައިފިއެވެ. އެއްފަރާތަކަށް އެނބުރި ބޯދޮށަށް އެއްއަތް ލައިގެން، ކުރުކޮށްލި ދެފައިގެ ދެމެދުން ކަކުލުގައި ހިފަހައްޓާލައިގެން، ގައިމަތީގައި އެމުންޑުފަޅި އަޅައިގެން އޮތް ފަޒީލް ހީވަނީ ބާރަ ވަރަކަށް އަހަރުގެ ކުއްޖެއްހެނެވެ.

ފަޒީލް ބޭނުންވީ ނިދާލާށެވެ. އެކަމަކު އޭނާއަށް ކޮންމެވެސް ވަހެއްގެ އުނދަގޫ ވަމުންދިޔައެވެ. ނަސީބު ރަނގަޅުކަމުން މިރޭ ވީ ވަރަށްވެސް ވިއްސާރަ ރެއަކަށެވެ. އެހެންކަމުން އެހެން ގައިދީންގެ އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ހުރިހާ ގޮޅިތަކެއްހެން މަރުގެ ހިމޭންކަމުގެ ތެރެއަށް ގެނބިގެން ދިޔައީ ކަހަލައެވެ.

ދުރުން މާދުރުން ގަސްތަކާއި ރުއްތަކުގައި ވައިރޯޅި އަޅައިގަންނަ އަޑު ދޭތެރެއަކުން ބޫން އަޑަކަށް އިވެމުންދިޔައެވެ. ޔޫޓޫގެ ފާރަވެރިންވެސް ދަގަނޑު ގޭޓުތައް ތަޅުލާފައި އެމީހުންގެ ޕޯސްޓަށް ވަދެ ފިލައިފިއެވެ.

ފަޒީލްގެ ނޭފަތުގައި ޖެހެމުންދިޔަ ވަސް ކިތަންމެ ނުބައި ވިޔަސް އެފަކީރުގެ ސިކުނޑިއާއި ހަށިގަނޑު ވެފައި ހުރި ވަރުބަލިކަމުގައި މާގިނައިރު ތެޅޭން ނުޖެހި ނިދީގެ ތެރެއަށް ގެންގޮސްފިއެވެ. އެވެސް ހެޔޮ ނަސީބެވެ. އެހެންނޫންނަމަ އޭނާއަށް ނިދުނުފަހުން އެގޮޅިތެރޭގައި ހިނގައިދިޔަ ކަންތައްތައް އޭނާގެ ހޭވެރިކަން ނަގައިލާނެކަން ގައިމެވެ.

ނިދިފައި އޮތް ފަޒީލަށް ފެންނަމުން ދިޔައީ ބިރުވެރި ހުވަފެނެކެވެ. ގޮޅީގެ ކަބަޑުސެޓުގޮތަށް ހަދާފައި ހުރި ސިމެންތި ޝެލްފު ތިރިން މޭޒެއްގެ ބޭނުން ހިފޭހެން ހުރި ސިމެންތި މޭޒުމަތީގައި ރޯކޮށްފައި ހުރި އުއްބައްތީގެ ވަށައިގެން ކަޅުކުލައިގެ ބޯ އިސްތަށިގުޅަވަރުތަކެއް ހުއްޓެވެ. އަދި ކޮށާފައި ހުރި ކޮންމެވެސް ޒާތެއްގެ މަހެއްވެސް އެއާއެކު ހުއްޓެވެ. ސާފުލޭގެ ވަސްދުވާ ބޮޑު ކަޓޫރާއެއް ފުރެންދެން ހުރީ މިނިލެޔެވެ. ދިއްލާފައި ހުރި ބޮޑު އުއްބައްތީގެ އަނެއް ފަރާތުގައި ކޮންމެވެސް ގުޅަވަރެއް އޮތެވެ. ބަލާބެލުމަށް އެއެއްޗެއް ވައްތަރީ އިންސާނެއްގެ ސިކުނޑިއަކާއެވެ. އަށިމޭޒުކައިރީގައި ހުރި ސިމެންތި ގޮނޑީގައި އިން މީހާ އިނީ އިސްޖަހާލައިގެން ފުރަގަސްދީގެންނެވެ. ކުއްލިއަކަށް ވިދުވަރުގެ އަލިކަހަލަ އައްޔެއް އެޅިފައި އެމީހާ ސިފަވެއްޖެއެވެ.

އަސްތަޣްފިރުﷲއެވެ! ސަހަރޯއެވެ. އެއީ ފާޑަކަށް ހުރި އިންސާނެއް ނޫނެކެވެ. އެއީ އިންސާނެއްގެ ސިފަ ކުޑަކުޑަކޮށް ހުއްޓަސް ޖަނަވާރެއް.... ނޫނެކެވެ. އެއީ ޖަނަވާރެއްވެސް ނޫނެވެ. އެއެއްޗެއްގެ ބޯހުރީ އެނބުރިފައެވެ. ކަނދުރާއިން އެނބުރިފައި ހުރި ބޯ ހުރީ، ކަނދުރާއިން ދެމިގެން ގޮސް މޭކަށިގަނޑާއި ބަނޑާއި ދިމާލުން ތިރިއަށް ލެނބިފައެވެ. އަތުގެ ކުޑަހުޅުން ތިރިއަށް އަތްތިލަ ދިގުވެފައި އިނގިލިތައް ދިގުކަށްޓެއްހެން އޮޅިފައި ހުރިއިރު ވައްތަރީ ކޮންމެވެސް މިނިކާ ޖަނަވާރެއްގެ ވަކިތަކެއް ދިގުވެގެންގޮސް ލެނބިފައިހުރިކަހަލަ ގޮތަކާއެވެ. ހުތުރު ސިފައަކަށް ހުރި މޫނެކެވެ. ބޮލުގައި އިސްތަށީގެ ބަދަލުގައި ހުރީ ދެދަޅެވެ. ފުއްލާއެއްގެ ދަޅުން ބައެއް އޮޅިފައި ހުރި ކަހަލައެވެ. ދެދަޅުގެ ކޮޅަށް ތޫނެވެ. ދެލޯވަށްވެފައި ވަލުކުއްތާއެއްގެ ލޮލެއް ފުރޮޅިފައި ހުރީމަ ހުންނަ ފާޑެވެ. ނޭފަތް ފަތާވެފައި ކޮޅަށް ދިގެވެ. އަނގަމައްޗާއި ދެތުންފަތް އެންމެ ވައްތަރީ ދަތްދިގުވެ ނިކުމެފައިހުރި މަހެއްގެ އަނގައަކާއެވެ. ދެމިޔަކަނުން ދަވަފައިބަމުންދާ ކަހަލައެވެ. މުޅި ގައިގައި އޮތީ ފެހިޖަހާފައި އޮތް ބޯކެހެރިއެވެ. ދެފައި ކުރިއަށް ކުރެވެ. ހީވަނީ ނުބައި ޒާތަކަށް އެލިފައި އޮތް އިންސާނެއްގެ ހަށިގަނޑުގެ އެއްބަޔާއި ގުޅިފައި އޮތް ހުތުރު ޖަނަވާރެއްގެ ބޮލާއި ފައިހެނެވެ. އެއެއްޗެއްގެ އަނގައިން ބިންމަތީގައި ހުރި އެއްޗެއް ކައިފައި އެތަނުގައި ހުރި އެއްޗެއް ދުލުން ލޮއި ސާފުކުރަނީއެވެ. އެއެތި ކާން އުޅޭ އެއްޗަކާއި އެންމެ ވައްތަރީ ކޮންމެވެސް ޖަނަވާރެއް ނުވަތަ އިންސާނެއްގެ ވިޔަސް ހިތަކާއި ލަގޮނޑިއަކާއެވެ. ދެން ހުރި އޮލަ ދިޔާ އެއްޗަކީ އެއިން ފައިބާފައި ހުރި ލެޔެވެ. މުޅި ތަން އެއްވަސްވެފައި އޮތީ ކުނިލޭގެ ވަހާއި ދޮސްފިލުނދުވަހުންނެވެ.

ހަމަޖެހިގެން، އިން ގޮނޑީގައި ކޮންމެވެސް މީހަކު އެބައިނެވެ. އޭނާ އެއިނީ އިސްޖަހާލައިގެންނެވެ. ކޮންމެވެސް އެއްޗެއް ކިޔަވަނީ ކަހަލައެވެ. އިސްކޮޅުން ކުރު، ދޮން، ހިކި މީހެކެވެ. ލައިގެން ހުރީ ކުރު ސޯޓެކެވެ. އިތުރު އެއްޗެއް ގައިގައި ނެތްއިރު މުޅި ގައި އޮތީ ޓެޓޫއިން ފުރައިލައިފައެވެ. ނިކަމެތި ހޯލި އިސްތަށިކޮޅެކެވެ. އުނަގަނޑުން ތިރިއަށް ދިގުކޮށްފައި އޮތް އިރު އޭނާގެ މޫނުމަތިން ވައްތަރީ ދިވެހި ނޫން ފާޑެކެވެ. އެހެންނަމަވެސް އޭނާ ވާހަކަ ދައްކަން ފެށީ ދިވެހިންނެވެ.

"މިހާރުދެން ކަލޭގެ ޝަރުތު ފުރިހަމަވެއްޖެއެއްނު. ދެންވެސް އަހަންނަށް މިނިވަންކަން ހޯދައިދީ. މިހާރު މިތަނުގައި އަހަރެން މޮޔަވާން ކައިރިވެއްޖެ. ކަލެއާ އަހަރެން ޑީލް ހެދީ އަހަރެން މިނިވަންކޮށްދޭން ބުނެގެނެއްނު."

މޭޒުމަތީގައި އޮތް ސިކުނޑި، މީރުކޮށް ކާން އިން ޝައިތާނާ ދެލޯ އަނގުރުގަނޑެއްހެން ހަދާފައި ބޫން އަޑަކުން "ހޫއް"އޭ ބުނެލިއިރު ހީވަނީ ފާރުތައް ވެސް ގުޑައިގެންދިޔައީހެނެވެ. އެއްފަހަރާ ދެމުށްވަރު ޖަހާލާފައި ލަގޮނޑިއާއި ހިތް އެކަށް ކާލަމުން ޝައިތާނާ ޒުވާނާއަށް ބަލައިލިއެވެ.

"ކަލޭ މިނިވަނެއް ނުވޭތަ؟ އަދިއަދަށްދާނދެންވެސް ކަލޭ ތިއުޅެނީ މިނިވަންކަމުގައެއް ނޫންތަ؟" ޝައިތާނާގެ އަޑު ހީވަނީ ބައްވެފައި ހުރި ޖާޑިއަކުން ނުކުމެގެން އަންނަ ގުގުރުމެއްހެނެވެ.

"ހައް...މިނިވަނޭ ތިބުނަނީ ކޮން ގޮތަކަށް؟ އަހަންނަކީ ކަލޭގެ އަޅެއް... ވީއިރު މިނިވަންވީ ކޮންތަނެއް؟ އަނެއްކާވެސް މިފަޅި ހުޅުވަން ފެށީ....ކަލެއަށް އެނގޭނެ މިފަޅިއަކީ އަހަރެންގެ ގެދޮރުކަން.... މިހާރުދެން މިތަނުގައިވެސް މިނިވަންކަން ގެއްލުނީތަ؟ ބައެއްފަހަރު ހިތަށް އަރާ ކަލެއާ ޑީލް ހެދުނު މޮޔަކަމޭ....!"

"އޭހްހޭ..." ނުބައި ޒާތަކަށް ކަރުބުޑުން ޝައިތާނާ އަޑެއް ގޮއްވާލިއެވެ. ޒުވާނާ ދިޔައީ އެއްލިގެން ކަހަލަ ގޮތަކަށް ފަހަތަށް ޖެހިގެންނެވެ.

"ބަލަ ކަލޭ އަހަންނާ ބައިއަތު ނުހިފިނަމަ އަދިވެސް އޮތީހީ މިތަނުގެ ކުޑަގޮޅިއެއްގަ... ކަލޭގެ ކިތައް ކަންތައް އަހަރެން ފުރިހަމަކޮށްދިނީ.... މިހާރު އަމުދުން ކަލޭ ތީ ބޭނުން ކޮންމެ ކަމެއް ކުރެވޭ މީހެއް... އެކަމަކުވެސް ކަލޭގެ ޝަކުވާ ހުހެއްނުވޭ..."

"އަހަރެން މިތަނުގެ ކުޑަގޮޅީގައި އޮތްއިރު އަހަރެންގެ އަނބިމީހާ މަގުގެއްލުވައިލީ ކަލެއެއްނު....އެއީ ކަލޭ މަށަށް ކޮށްދިން ހެޔޮކަމެއްތަ؟" ޒުވާނާ ފާޑަކަށް ނުރުހިފައި ދެބުމަގޮށް ޖަހާލިއެވެ.

"އެއީ ޒުވާންރީތި އަންހެނެކޭ... ކަލޭ އޭނާއަށް އަރާމާއި އުފާ ދީފަ އައިސް މިތަނުގަ އޮތީމަ ވާނެގޮތް ވީ.... އޭނައަކަށް އިހުސާސްތަކެއް ނުހިފެހެއްޓޭނެއެއްނު...."

ޝައިތާނާ، މޭޒުމަތީގައި އޮތް ސިކުނޑި އޭނާގެ ހުތުރު، ދިގު އިނގިލިތަކުން ނަގައި، ކަޅުނަޖިސް ނިޔަފަތިތަކުން އެތިކޮޅެއް ނައްޓައިގެން ކާލިއެވެ. ނުބައިޒާތަކަށް ކަރު ފުއްޕާލާފައި، ޒާތެއްގެ ގޮތަކަށް ވައެއް ލުމަށްފަހު އަނެއްކާވެސް އެސިކުނޑިން ބައެއް ނައްޓާލިއެވެ. ހީވާގޮތުން މިއީ ޝައިތާނާއަށް އެންމެ މުހިންމު އަދި އެންމެ ކަމުދާ ބައެވެ.

"މިއީ ކަލޭމެން މޮޅުކުރުވާ އަދި ދެރަ ކުރުވާވެސް ބައި، ކަލޭމެން އިންސާނުންގެ ސިކުނޑި... ކަލޭމެން ބުއްދި ކުރަނީ މިބައިން.... އެކަމަކު ކަލޭމެންނަށް މީގެ ބޭނުން ނުހިފޭތީ ދެރަ..... ކަލޭމެންނަށް އަމިއްލައަށް ކަންތައް ކުރަން ވިސްނާލާނެ ހިތްވަރެއް ނުހުރޭ..."

ނުބައި ޒާތަކަށް ހީނގަތުމާއެކު، ޝައިތާނާގެ ދިގުފުޅާ ދޫ، އެ އެތީގެ ފުރޮޅިފައި ހުރި ދެތުންފަތުގައި ހާކާލިއެވެ. ދެމިޔަކަނުން ފައިބާ އޮލަ ދަވަ ދުލުން ސާފުކޮށްލިއެވެ.

"ބީލްޒުބާނު ފޭރިއަސް ލުސިފަރ.... އަހަރެންގެ އަނބިމީހާ ކަލެއަށް ތަބާވި... އަހަރެން ކަލެއަށް ސަޖިދަކުރިން.... އެކަމަކު އަދިވެސް އަހަރެން ބޭނުންވާ ކަންތައް މުޅިން ނުވޭ.... ދެންވެސް އަހަންނަށް މިތަނުން ނުކުމެވޭނެ ގޮތެއް ހަދައިދޭންވީއެއްނު.... މިހާރު ދެން އެއޮތީ އަނެއް މުސީބާތާ ކުރިމަތިލާން ޖެހިފައި..."

ކުރިމަތީގައި ހުރި އަށީގައި ނިދިފައި އޮތް ފަޒީލަށް އިޝާރާތް ކޮށްލާފައި ޒުވާނާ އާދޭހުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ.

"ހައްހް... ކަލޭގެ ދުލުން އަހަރެންގެ ފުރިހަމަ ނަން ހާދަ ފުރިހަމައޭ..." ޝައިތާނާ ހީނގަތުމުން މުޅިތަނުން ފިލުނދުކުނިވަހެއް އަރައިގެންދިޔައެވެ.

"ބީލުޒުބާނެފޭރިއަސް ލުސިފާރ....ކިހާ ފުރިހަމަ....ހުތުރު، ނަޖިސް، އެކަމަކުވެސް ވެރިޔާ...." ފޭރިއަސް ލުސިފާރ ހީނގަތެވެ.

"މިހިރަ ރަށްފުށުގެ މޮޔަ އަޅުކަލޭގެއާ... ކަލޭ މިތަނުން މިނިވަން ވާން ތިއުޅެނީ ކޮންތަނަކަށް ދާންކަމަށްތަ؟ ކަލެއަށް އަހަރެމެންގެ މިދުނިޔެ ކަމުނުދާނަމަ އަހަރެމެންގެ މީހަކަށްނުވީސް.... އެކަމަކު ކަލޭ އަހަރެންގެ އަޅަކަށް ވީ އަމިއްލައަށް... މިހާރުދެން ކަލޭ ބޭނުންވަނީ ކޮންކަމެއް؟"

"ފޭރިއަސް ލުސިފާރ.... އަހަރެން ބޭނުންވަނީ އެ އެންމެންގެ ކަރުއަޅަން.... އަދިވެސް މަރާނުލެވޭ އެތައް ބަޔަކު އެބަތިބި..... ހައްވައަށް މަގުދެއްކި މީހުން.... އަހަރެން މިއީ ވަގެކޭ، އަނިޔާކުރާ މޮޔަގެރީގެ ބަލި ހުންނަ މީހެކޭ ކިޔާ ހައްވަ މަށާ ދެކޮޅުވެރި ކުރުވައި، މިޖަލަށް ފޮނުވި މީހުން އެބަތިބި.... އަދި އަހަރެން ބޭނުން ހުރިހާ ކަމެއް ނުވޭ..... މިކަން ކޮށްދީ...."

ޒުވާނާ، ޝައިތާނާއަށް އާދޭހުގެ ލޮލަކުން ބަލާލިއެވެ.

"އެއޮތީ ކަލޭގެ އާ ވަޒީފާ. މިފަހަރު ކަލޭ ފެއިލް ވެއްޖެނަމަ ދެނެއް ދުވަހަކުވެސް މިނިވަންކަމެއް ނުލިބޭނެ..... އަދި އަމުދުން ކަލޭ ތިބޭނުންވެގެން އުޅޭ ކަންތައް.... ކަލޭ ތިބުނާ މީހުން އެއީ ތިހީކުރާ ކަހަލަ ފަސޭހަ ކަމެއް ނޫން..." ފޭރިއަސް ލުސިފާރ އިޝާރާތްކޮށްލީ ފަޒީލާ ދިމާއަށެވެ.

"ކިހިނެއް ވާންޖެހޭ ކަމެއް؟" ޒުވާނާ އަހާލިއެވެ.

"ހެހެ.... އާ ދައުރަކަށް މަރުހަބާ... މިފަހަރަކީ ދެމީހުންގެ ފަހަރަކަށް ވާންޖެހޭނެ.... ކަލެއަކަށް ނޭނގޭނެ.... މިއީ ޒަމާންވީ ދުޝްމިނުކަމެއް..."

ހުރިހާ މަސްތަކެއް ކައިގެން ލޭކަޓޫރާއިން ގަޑުގަޑު ކިޔާފައި ބައެއް ކަރަށް އަޅާލުމަށްފަހު އެބައި ބަހައްޓާފައި ލުސިފާ ގޮނޑިން ކޮޅަށް ތެދުވިއެވެ. އޭތީގެ ކުރުދެފައިގެ ފުޅާ ދިގު، ބަޅު އިނގިލިތަކުގެ އޮޅިފައި ހުރި ކަޅު ހުތުރު ނިޔަފަތިތައް ބިންމަތީގައި ކާއްތަމުން، ކުރު ފުޅާ ހަށިގަނޑު މައްޗަށް ނެގިއެވެ. އެނބުރިފައި ހުރި ކަނދުރާ ރީތިކޮށް ސީދާ ކޮށްލިއެވެ. މިހާރު އެންމެ ވައްތަރީ ދެފައި މައްޗަށް ކޮޅަށް ހުރި ނުކުޅެދޭ ބޮކަކާއި ބޮނޑެއް އެކުލަވާލީމަ ހުރި ވައްތަރެއްގެ ޖަނަވާރަކާއެވެ.

ނިޔަފަތިތައް ދަމަމުން ގައިގައި ފަޅާފައި ހުރި ފެހިޖަހާފަހުރި ކެހެރިގަނޑު ވިހުރުވަމުން ލުސިފާ، ފަޒީލު އޮތް އަށްޓާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. އޭތީގެ ނޭފަތުން ޒޫންއަޑަކުން ނޭވާލާއިރު ނުކުންނަ ވައިގައި ހުރި ނުބައި ފިލުނދުކުނި ވަސް ގަދައަށް ނިދައި، ހުވަފެނަށް ޣަރަގުވެފައި އޮތް ފަޒީލުގެ ސިކުނޑިއަށްވެސް ފޯރިއެވެ. ނިދީގައިވެސް ފަޒީލަށް އޯކާއެއް ދެމުނެވެ.

"ބިއުޓިފުލް ބޯއި..."

ލުސިފާ އޭތީގެ ނިޔަފައްޗެއްގެ ކޮޅުން ފަޒީލުގެ ހޭވިފައި އޮތް އިސްތަށިގަނޑުން މޫނުމައްޗަށް އެޅިފައި އޮތް ހައެއްކަ އިސްތަށިކޮޅު އެއްފަރާތްކޮށްލިއެވެ. އަދި އަނެއްކާވެސް އެނބުރި، އެހުރި ގޮތަށް ހުރެ މޭޒުމަތީގައި އޮތް ސިކުނޑީގެ ބައިތައް މުށަށް ނެގިއެވެ. އަދި ދެއަތުގެ ނިޔަފަތިތަކުން ދެބައިކޮށްލުމަށްފަހު، އެއްބައި ޒުވާނާއަށް ދިއްކޮށްލިއެވެ.

"މުޅިން އާ އެއްޗަކަށް މަރުހަބާ.... ބައްރާ..."

ޝައިތާނުންގެ މައި އެތީގެ ނަން، އިނބިލީހުގެ ނަން، ލިބިފައިވާ ނުބައިވެގެންވާ، ނަޖިސްވަހާއި ހުތުރުއަމަލާއި ސިފަލިބިގެންވާ ލުސިފާ، އޭއްޗަށް އަޅުވެތިވެފައި ހުރި ޒުވާނާއަށް، އޭނާގެ ކެއުމުގެ އެންމެ ހާއްސަ ބައި، އިންސާނުންގެ ސިކުނޑިން އެއްފަޅި ދިއްކޮށްލިއެވެ.

"ކަލޭގެ ނަންހާ ކަލޭވެސް ސީދާވިނަމަ ކޮންފަދަ... ބައްރާ...."

ކަޓޫރާގައި ހުރި ލޭ ބުއީ ޝައިތާނާ އެކަންޏެއް ނޫނެވެ. އެއިން ބައެއް ބައްރާއަށްވެސް ދިނެވެ.

"ކޮބާ....؟ ތައްޔާރު...؟! މުޅިން އާ މަސައްކަތަކަށް...."

"އާނ....އަހަރުތަކަކަށްފަހު އަހަރެމެންނަށް ގޮވާ ތެދުކުރީމަ އޭގެ މާނައަކީ އަހަރެމެންގެ ބޭނުން ޖެހިއްޖެއޭ.... މިއީ އަހަރެމެންގެ ކުށެއްނޫނޭ... އަހަރެމެންނަށް ގޮވައި އެހީއަށް އެދުމުން އަހަރެމެން ދާނަމެއްނު.... ދެންވާ ކަންތަކަށް ޒިންމާ ވާކަށް ނުޖެހޭނެ އަހަރެމެން..... އެބައިމީހުންނަށް ނުވިސްނޭނެ....." ބައްރާ އޭނާގެ އަނގަމަތީގައި ހުރި ލޭފޮދު ދުލުން ސާފުކޮށްލިއެވެ.

"ހައް....އޭ ބައްރާ....ކަލޭގެ ނަން އެނގޭތަ....؟"

ސިމެންތި މޭޒުމަތީގައި، އަނދައަނދާ ހުރި އުއްބައްތީގެ އެއްފަރާތުން ލުސިފާ އޮޅިގަތެވެ. ހީވީ އޭނާގެ ކަނދުރާ އެއުއްބައްތީގެ އަލިފާނުގެ ތެރެއަށް ވަދެގަތްހެނެވެ. އަނެއްފަރާތުން ބައްރާގެ މޫނުފެނިއްޖެއެވެ. ޝައިތާނާ، އަލިފާންކޮޅުގެ އެތެރެއިންގޮސް ބައްރާގެ ގައިގެ ތެރެއަށް ވަދެ ގެއްލި ހުސްވެއްޖެއެވެ. މިހާރު ގޮޅި ތެރޭގައި އަށީގައި އޮތް ފަޒީލްގެ އިތުރުން ހުރީ ބައްރާއެވެ. ގޮޅި މެދުގައި ހުރި ބައްރާގެ ދެލޮލުގެ ތެރެއިން ކަނިކަނިލާފައި ލުސިފާގެ ލޮލުގެ ކަޅި ހަމަސާފުކޮށް ފެންނަން ހުއްޓެވެ.

ނިދީގައި އޮތް ފަޒީލަށް ހޭލެވުނީ ފަތިސް ނަމާދަށް ބަންގި ގޮވާއަޑަށެވެ. ހީވާ ގޮތުން މިޔޫޓޫ އާ މާދުރުނޫން ތަނެއްގައި މިސްކިތެއް ހުރެއެވެ. ބަންގީގެ އަޑު އެއްކަލިމަ ބާރުބާރަށް އިވުނިއްޔާ އަނެއް ކަލިމަ އިވޭ ފަހަރާއި ނީވޭފަހަރުވެސް ދެއެވެ.

ހަގީގަތުގައި ފަޒީލަށް ހޭލެވުނީ ފާހާނާއަށް ދާންބޭނުންވެގެންނެވެ. ވަރަށް ގަދަ ނިންޖެއްގައި އޮވެވުނުކަން އެނގުނީ އޮށޯވެ އޮތްގޮތަށް ހޭލެވުނުއިރުވެސް އޮތީމައެވެ. އަދި ނޭފަތް ބެދި އަނގައިން ނޭވާ ލުމަށް އަގަ ހުޅުވިފައި ހުރުމުން އަނގައިން ފޭބި ދަވަ، ސޮނި ބާލީހު އުރައިގެ އިތުރުން ކޮނޑުމަތީގައިވެސް ހުއްޓެވެ.

ގޮޅި ތެރޭގައި އަދިވެސް އޮތީ އަނދިރިކަމެވެ. ގޮޅިން ބޭރު ކޮރިޑޯ ތެރޭގައި ހުރި ބޮކީގެ އަލިން ގޮޅި ތެރެއަށް އެޅިފައި ހުރުމުން ފަނޑުކޮށް ތަންތަން ފެނެއެވެ. މުޅި ގޮޅި ތެރެއިން ދުވާ ނުބައި މިނީލޭ ކުނި ވަހާއި އިންސާނެއްގެ މަސްގަނޑު މުޅަވެ، ފިލުނދުވެފައިވާ ކަހަލަ ވަހުން ފަޒީލްގެ މެއަށް އުނދަގޫވެ، ހޮޑު އަންނަގޮތް ވަމުންދިޔައެވެ. ފަޒީލް ބޭނުންވީ ޑިއުޓީއަކަށް ގޮވާލާފައި ހޮޑުލަވާތީ ބޭސްގުޅައަކާއި ކޮންމެވެސް އެހެން ބޭހެއްވެސް ހޯދާށެވެ. އެކަމަކު ބަސްނުމޮށުނެއްކަމަކު ގޮޅީގެ ތޭރިތަކަށް ދާނދެން އޭނާގެ މިވިސްނުމަށް މަލާމާތްކޮށްލި ކަހަލައެވެ.

ފާހާނާއަށް ވަދެފައި ނުކުމެ، ފަޒީލް އޭނާ ގޮޅިއަށް ވެއްދިއިރު ގެނައި ބޭނުންކުރާ ސާމާނު އަޅާ، ބަނދެފައި ހުރި ބާޒާރު، ރަތްކުލައިގެ ކޮތަޅު ހުޅުވާލިއެވެ.

"އޭހހެއޭހއޭ..."

ގޮށް މޮހާލައި ކޮތަޅުތެރެއިން އުދުހިގަތް ކުދިކުދި ދިރޭސޫފިތަކެއް ފަޒީލުގެ މޫނުމަތީގައި އެނބުރިގަތެވެ. ހައެއްކަ ސިކުންތު ވަންދެން "ބޫން" އަޑު ލައްވާފައި ފަޒީލުގެ މޫނުމަތީ އެނބުރެން އެއެއްޗެހި އުޅުނެވެ. ހީވަނީ ލޮލަށް ވަދެފާނެ ހެނެވެ.

އެތަކެތިން ސަލާމަތް ވެގެން ފަޒީލު ބަލައިލިއެވެ. ގޮޅި ތެރޭގައި އެއްވެސް އެހެން ހިލަމެއް ނެތެވެ. އެކަމަކު މީހަކު ފެންނަން ނެތެއްކަމަކު ކޮންމެވެސް މީހަކު އެތަނުގައި އުޅޭ ކަމުގެ ހިލަމެއް ފަޒީލަށް ކުރެވެމުން ދިޔައެވެ.

ކޮތަޅުން ނެގި ކުޑަކުޑަ ތުވާލިކޮޅު ހިފައިގެން ރަނގަޅަށް ކޮތަޅު ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ފަޒީލް އައިސް އަށީގައި އިށީނދެއްޖެއެވެ. މުޅި ޔޫޓޫއަށް އަދިވެސް އޮތީ ނިދީގެ ހިމޭންކަމެވެ.

**************

ލޯ ހުޅުވާލެވުމާއެކު، ބޮލުގައި އަދިވެސް ރިހުމުގެ އަސަރު ހުރި އިހުސާސް ކުރެވިފައި އަނެއްކާވެސް ލޯ މަރާލެވުނެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގެ ތެރޭގައި މާހީގެ ލޯ ހައިރާންކަމާއެކު ހުޅުވިއްޖެއެވެ. އެސްފިޔަ ތަޅުވަމުން ވަށައިގެން ކަޅި ހިންގާލިއެވެ. ހާސްވެ ކަންބޮޑުވެފައި، ގާތުގައި އިށީނދެގެން އިން އޭނާގެ ލޯބިވާ ފިރިމީހާގެ މޫނު ފެނިފައި ލޮލުގެ އިޝާރާތުން ސުވާލުކޮށްލެވުނެވެ.

"ސްވިޓީ... ކުޑަދޮރުން ބޭރުން ކޮންއެއްޗެއް ފެނިގެން ހޭނެތުނީ...؟ ނިކަމެތި ޑޮކްޓަރަށް ހާޓްއެޓޭކެއް ނުޖެހުނީ ކިރިޔާއެއްނު!"

ވީގޮތް މާހީގެ ހަނދާނަށް އައީ ޔޫޝައުގެ ވާހަކަ އިވުމުންނެވެ. ހަމަކުއްލިއަކަށް ރޭގައި އޭނާއަށް ދުވަހަކުވެސް ނުފެންނަ މަންޒަރެއް ފެނުނީއެވެ. ކުރިއަކުން އޭނާގެ ހިތަށްވެސް އަރާފައި ނެތް ކަމެއްގެ މަންޒަރު ލޮލަށް ފެނުނަސް އެކަމަށް އޭނާއަށް ކެތް ކުރެވުނީހެވެ. އެކަމަކު އެފެނުނީ ހައިރާންވާވަރަށްވުރެ ބޮޑު މަންޒަރެކެވެ. އެއީ މާހީގެ މުޅި އުމުރުގައިވެސް ތަޖުރިބާ ކުރެވިފައި ނެތް ކަމެކެވެ. އެކަހަލަ ކިތަންމެ މެންދަމެއްގައި އޭނާ ސްޓަޑީ ތެރޭގައި އެކަނި އުޅެފައި ހުންނާނެއެވެ. ގަދަފަދަ ތޫފާނީ ރޭތަކާއި އަނދިރި، ކަޅުފޮއި ރޭތަކުގައިވެސް މެއެވެ. އެކަމަކު ދުވަހަކުވެސް ރޭގައި އެ ދިމާވިފަދަ ކަމެއް މާހީއަކާ ދިމާވެފައެއްނެތެވެ.

"މަމީ...ޔޫ އޯކޭ...؟" ޔަޝަލް އާއި މައުވާ ކޮޓަރިއަށް ވަދެގެން އައީ ކޮންމެވެސް ތަށިތަކެއް ހިފައިގެންނެވެ. ދެކުދިން އަތުގައި ހުރި މަތިޖެހި ދެތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު މަންމަގެ ގާތަށް ޖެހިލުމުގެ ކުރިން ބައްޕައާ ގާތްވެލިއެވެ. "ޑަޑާ...އިޒް ޝީ އޯކޭ...؟" ވަރަށް މަޑުމަޑުން މައުވާ އަހާލިއެވެ.

"މަމީގެ ޑާލިންގް...ކީއްވެ ތިހާ ގިނައިން މަމީ އޯކޭހޭ ތިއަހަނީ؟ މަމީޒް ފައިން"

މާހީއަށް ޖުމްލަ ނިންމާ ނުލެވޭނެއެވެ. ދެކުދިން އެނދުގެ ދެފަރާތުން ފުއްމައިގެން އަރާ މާހީގެ ގައިގައި އޮޅުލައިގަތެވެ. ދެކުދިންގެ މިލޯބިން އުފާ ލިބިގަންނަމުން މާހީވެސް ދެކުދިން ގަޔާލައި ބޮނޑިކޮށްލިއެވެ.

"މުހުތަރަމާ...މެޑަމްގެ ކޯޓު އޮތީ ކޮން ދުވަހަކު...؟ މިއަދު ކޯޓަށް ވުރެ މުހިންމު ދަތުރެއްގެ ވާހަކަ ސިރީ އެބަ ކިޔާ.... މެންދުރު ދޭއްޖަހާއިރު ލޯންޗް އޮންނާނެ... ކެންސަލް ކޮށްލަންވީ...؟" ޔޫޝައު އޭނާގެ ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުން ވާހަކަދެއްކިއެވެ.

މާހީ ހަނދާން ވެއްޖެއެވެ. މިއަދަކީ މާފުށީ ޖަލަށް ދާން ޖެހޭ ދުވަހެވެ. ރޭގައި އެ ފެނުނު ޖަނަވާރު އޭނާއަށް ފެނުނީ، އެ ކޭސް ސްޓަޑީ ކުރުމަށް އުޅުމުގެ ތެރޭ ކުޑަދޮރު ކައިރިއަށް ގޮސް ހުއްޓައެވެ. މާހީ އަނެއްކާވެސް ހައިރާންކަމުގެ ފުންކަނޑަކަށް ގެނބިއްޖެއެވެ. އެއީ ކޮންއެއްޗެއްބާވައެވެ. ކޮންތާކުން ކާކު ގެނެސްގެން އުޅޭ އެއްޗެއްބާވައެވެ؟

"ޔޫޝައު ޖާން....ޖެހިގެން އެހެރަ ގޭގައި އެއްވެސް އާބަޔަކު އައިސްގެން އުޅެނީތަ؟" މާހީ އޭނާގެ ދެކުދިން ގަޔާ ދުރުކޮށްލަމުން އަހާލިއެވެ.

"ހޫމް...އެގޭ ދައްތަ އިއްޔެ ދެއްކި ކޮންމެވެސް ކުއްޖަކު އަންނަ ވާހަކައެއް.....އެގޭގެ ކޮޓަރިއަށް ގޮދަޑިއެއް ނުވެއްދިގެން އަހަންނަށް ގޮވި....އެއީ އިއްޔެ ހަވީރު ޖިމުން އައިތަނާހެން....."

"އޯހް.." މާހީއަށް ބޯހަލުވާލެވުނެވެ. ޔޫޝައުގެ ދެލޯ ކުޑަކޮށްލާފައި އޭނާއަށް ބަލާލި ނަޒަރު ފެނުމުން މާހީއަށް ބޭއިހުތިޔާރުގައި ހީނގަނެވުނެވެ.

"ކަންބޮޑުނުވޭ....މާހީ އަކީ ހަމައެކަނި ޖާންގެ... ދެންވެސް ކާއެއްޗެއް ދީބަލަ.... ވަރަށްބޮޑަށް ބަނޑުހައިވެއްޖެއޭ...."

ދެކުދިންވެސް މަންމައަށް ކާން ދޭން ފޯރި ދައްކާފައި، ގެނައި ތަށިތައް، ކާންދޭ ޓްރޭ މަތީ އެތުރުމަށް ބައްޕައާ އެހީވާން ފެށިއެވެ.

ސީރިއަލް އާއި އޯޓްސް އަޅާފައި މާމުޔާއި ކިރާއެކު ތަށްޓަކަށް އަޅާފައި ސަމުސާއެއް ލުމަށްފަހު ޔޫޝައު މާހީއަށް ތަށިދިއްކޮށްލިއެވެ. މާހީ އަވަހަށް ނާސްތާ ކޮށްގެން މިއަދުގެ ދަތުރަށް ތައްޔާރުވާން ޖެހޭ ވާހަކަ ބުނުމާއެކު ޔޫޝައު ދެބުމަ ގޮށްޖަހާލިއެވެ.

"ތި ފަޒީލުގެ ކޭސްތަ؟" ޔޫޝައު ފާޑަކަށް ހިތްހަމަނުޖެހިފައި އަހާލިއެވެ.

މާހީއަށް ލިބުނީ ހައިރާންކަމެކެވެ. މީގެ ކުރިން ދުވަހަކުވެސް ޔޫޝައު އޭނާގެ ވަޒީފާއާ ބެހޭ އެއްވެސް ކަމަކަށް ފާޑު ކިޔައި، ސުވާލުކޮށްފައެއް ނުވެއެވެ. އެކަމަކު މިފަހަރު މިވީ ކީއްކަންވެސް އޭނާއަށް ވިސްނޭކަށް މާގިނަ ވަގުތެއްވެސް ނުނެގިއެވެ.

"ދަރިފުޅުމެން ޓީވީ ބަލާލަން ދާންވީނު.... މަމީއާއި ޑެޑާ ކުޑަ ކަމެއް ޑިސްކަސްކޮށްލަން ވެގެން...."

ކުދިން ކިތަންމެ ކުޑަވިޔަސް އެކުދިންގެ އުމުރާ އެކަށީގެންވާ ގޮތަށް އެކުދިންނަށް ދިރިއުޅުމާއި ދުނިޔޭގެ ކަންތައްތައް ސާފުކޮށް ބުނެދިނުމަކީ ދެމަފިރިންވެސް ވިސްނުންތެރިކަމާއެކު ކުރާ ކަމެކެވެ. ދެކުދިން ބޯޖަހާލާފައި މަންމަގެ ކޮލުން ދޮނެއް ނަގައިގެން ބައްޕަގެ ގައިގައި ބައްދާލުމަށްފަހު، ދުވެފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

"އޭހ...ޖާން...ކޮންކަމަކާ މޫނު ހެދީ؟" ޔޫޝައުގެ އަތުގައި ހިފާލަމުން ނުހަނު ލޯތްބާއެކު މާހީ އަހާލިއެވެ.

"ފަޒީލުގެ ކޭސް އެހެން މީހަކު ނުނަގާ. އޭނަ ވަކީލަކު ބޭނުމެއް ނޫން...ހުކުމް ކޮށްފި...ޖަލަށް ހުކުމް ކޮށްފި....އޭނަ ތިހުކުމް އިސްތިއުނާފު ކުރާކަށް ބޭނުމެއް ނޫން....ވީއިރު މާހީ ތިއުޅެނީ ކީއްކުރަންކަމަށް؟"

"ޖާނޫ....ކަމްއޯން....އިޓްސް ނޮޓް މައި ޔޫޝައު... ސައުންޑްސް ލައިކް އާންޓްސް...." މާހީ ހީނގެންފައި ޔޫޝައުގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. "އިތުބާރު ނުކުރަނީތަ؟"

ޔޫޝައު، އޭނާގެ ހަޔާތުގައި ހަމައެންމެ ފުރަތަމަ ނަޒަރުން، މިއީ އޭނާގެ ބައިވެރިޔާކަމުގެ އިހުސާސް ކުރުވި އަންހެންމީހާއަށް ބަލައިލިއެވެ. ފަހަރެއްގައިވެސް އެއްވެސް ކަމެއްގައި މާހީގެ ނިންމުން ގޯހެއް ނުވާނެއެވެ. ހަމަގައިމުވެސް މިއަދާ ހަމައަށް ނުރަނގަޅު ކަމެއްގައި ހިއްސާ ވެފައެއް ނެތެވެ. އެކަމަކު މިފަހަރު ކީއްވެގެންކަމެއް ނޭނގެއެވެ. އޭނާގެ ހިތް ނޭނގޭ ބިރެއްގެ ސަބަބުން ގޯސްވަނީއެވެ. އެހެންވިޔަސް މާހީއަށް މިކަމުގައި އިތުރު ބުރައަކަށް ވާނެ އެއްވެސް ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.

"ޖާނޫ...ވަކާލާތު ކުރުމަކީ މާތްﷲ އޯގާވަންތަކަމުން މިމާހީ އަށް ދެއްވާފައިވާ ވަރަށް އަގުބޮޑު ހަދިޔާއެއް އަދި ހުނަރެއް....އެކަމުގައި އެއްވެސް ޝައްކެއް ނެތް....އެކަމަކު އެނގޭތަ....ޔޫޝައުއާ ނުލައި މި މާހީ ފުރިހަމައެއް ނުވާނެ....ކޮންމެ މައްސަލައެއްގައިވެސް ޔޫޝައުގެ ހިޔާލު އަހަންނަށް މުހިންމު.... މިއަދު މާފުށްޓަށް ދިއުމުގެ ކުރިން ހިޔާލެއްވެސް ބޭނުން...."

މާހީގެ އިތުބާރުން ފުރިފައިވާ ބަސްތައް އަޑުއިވިފައި ޔޫޝައުގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. މަޑުމަޑުން އޭނާ، ލޮބުވެތި އަނބިމީހާގެ ނިއްކުރީގައި ބޮސްދިނެވެ. އެވަގުތު ދާދި ކައިރީގައި ހުރި މޭޒުމަތީގައި ހުރި މާވަށިގަނޑު ތެޅިލުމަކާއެކު އޭގައި ހުރި ސަންފްލާވަރގެ ކަރުގަނޑުން ކޮންމެވެސް އެއްޗެއްގެ ސޫރައެއް ސިފަނުކުރެވޭފާޑަކަށް، ހިޔަނިހެން ފެނިފައި ގެއްލުނުތަން، މާހީއަށް ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ. އެހެންނަމަވެސް މާހީ އެމައުލޫއަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އެއަށްވުރެ ފަޒީލާ ބެހޭ ގޮތުން ޔޫޝައު އާ ކުޑަކޮށް ހިޔާލުބަދަލުކުރުމާއި، މެންދުރު ގަޑިއަށް މާފުށްޓަށް ދިއުމަށް ތައްޔާރުވުން އޭނާއަށް މިވަގުތު މާމުހިންމެވެ.

(ނުނިމޭ)