އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހެޅޭ މައްސަލަތަކުގައި ބަހުސްކޮށްގެން ގޮތް ނިންމަން ފުރުސަތު ނުދީ ނެރޭ ވިޕްލައިނަކަށް ތަބާނުވެގެން ހަދާނެ އެއްޗެއް ހަދަންވީ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނުރުހުންވެއްޖެއެވެ.
އީވާ، އެމްޑީޕީ ޕީޖީ ގުރޫޕުގައި އެ ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެމްޑީޕީން ނެރޭ ވިޕަށް އެ ޕާޓީގެ 65 މެމްބަރުންވެސް ތަބާވާންޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވާން ފެއްޓެވުމުންނެވެ.
އީވާ ވިދާޅުވީ ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުމާއެކު މައިނޯރިޓީއަށާއި މައިނޯރިޓީގެ ބަހަށް ޖާގަ އޮތުން ކަމަށެވެ.
"އަޅުގަނޑު ހަމަ ގައިމުވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާ ވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ. އަޅުގަނޑު އިންތިހާބު ކުރީ ބަހުސްކުރަން،" އީވާ ވިދާޅުވިއެވެ.
ވިޕްލައިނާ ގުޅޭ ގޮތުން އެމްޑީޕީގެ ތެރޭގައި ބަހުގެ ހަމަލާތަކެއް ރައްދުކުރަން މި ފެށީ، ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން ހުސައިން ޝަމީމު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ އަގުލަބިއްޔަތުން އިއްޔެ ނިންމުމާ ގުޅިގެންނެވެ. އެ ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ހިމެނޭހެން 19 މެންބަރުން ވަނީ ދެކޮޅު ހައްދަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު