ދައުލަތުގެ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުމުގެ އެންމެހާ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތް ހެދުމަށް މާލިއްޔަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައި މަޖިލީހުގައި ބަހުސް ފަށައިފިއެވެ.

އެމްއެމްއޭގެ ބެލުމުގެ ދަށުން އެސްޑީއެފް މިހާރު ބަލަހައްޓަމުން ގެންދާ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑަކީ ފަހަށް ފައިސާ ރައްކާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އެ ބިލުގައި ވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ގާނޫނީ ބޭރު ދޭން ހުށަހަޅައިފައެވެ.

އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓް ކުރުމަށާއި ދައުލަތުގެ ދަރަނި އަދާކުރުމަށާއި ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ބޭނުމަށްޓަކައި އެސްޑީއެފްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކައުންޓެއް ގާއިމުކޮށް ބަލަހައްޓަންވާނެ ކަމަށް ބިލުގައިވެއެވެ.

ނަމަވެސް އެސްޑީއެފްއަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިްޔާ ކަމަށް ބިލުގައި ހިމަނާފައިވެއެވެ. އަދި އެމްއެމްއޭގެ އަތުން އެ ފަންޑު ނަގައި، އެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ.

އެ ބިލު ފާސްވެއްޖެ ނަމަ އެސްޑީއެފްއަކީ މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަންޖެހޭ ފަންޑެއްގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ. އެގޮތުން އެސްޑީއެފްގެ ފައިސާ ބަހައްޓަން ޖެހޭނީ އެމްއެމްއޭގައި ވަކި ހާއްސަ އެކައުންޓެއް ހުޅުވައިގެން ކަމަށާއި ޕަބްލިކް ބޭންކް އެކައުންޓާއި އެސްޑީއެފް އެއްކޮށްގެން ނުވާނެ ކަމަށާއި ސޮވަރިން ފަންޑް އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭނެ ކަމަށް ބިލުގައި ބުނެއެވެ.

އެ ކޮމިޓީ އެކުލަވާލަން ޖެހެނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކަމަށާއި އެސްޑީއެފް ހިންގާނެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ލިޔެ، އޮޑިޓްކޮށް ހިސާބުތައް ތައްޔާރުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ބިލަށް އެމްޑީޕީގެ ބައެއް މެންބަރުންނާއި އިދިކޮޅު މެންބަރުން ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.