ފިހާރައަކުން ދެ ކޯސްޓު ކިރުދަޅާއި ދެ ކޮފީ ޕެކެޓު ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ހދ. މަކުނުދޫ/ ލުބޯގަސްދޮށުގެ، ހުސައިން މަހީލް، 29 އޭޕްރީލް 2021 ވަނަ ދުވަހުގެ ރޭ 9:20 އެހާކަންހާއިރު، މާލޭ މަޖީދީމަގު ރެޑްވޭވް ސްޓޭޑިއަމް ފިހާރައިގެ ރެކެއްގެ ބިތްދޮށުގައި ހުރެ އޭނާ ގެންގުޅުނު ރަތްކުލައިގެ ކޮތަޅަށް ކޯސްޓް ކެލްސިއަމް ބްރޭންޑް (900 ގްރާމް)ގެ ދެ ކިރުދަޅާއި ނެސްކެފޭ ކްލެސިކް ބްރޭންޑް (500)ގުރާމްގެ ދެ ކޮފީ ޕެކެޓުލުމަށް ފަހު، އެ އެއްޗިއްސަށް ފައިސާ ނުދައްކައި އެ ފިހާރައިން ނުކުންނަން އުޅުމުން އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ވައްކަންކުރުމުގެ ކުށުގެ މައްސަލައެކެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މަހީލް ވަނީ ދައުވާއަށް އިއުރާފުވެފައެވެ. އަދި ދައުވާއަށް އިއުތިރާފުވީ އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް ބުންޏެވެ. ނަމަވެސް މައްސަލަ އަވަސްނިޔާއިން ނިންމުމަށްޓަކައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
އެހެންކަމުން މައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ފިހާރާގައި އެ ވަގުތު ތިބި ހަތަރު މީހަކާއި ވީޑިއޯ ފުޓޭޖް ރިޕޯޓާއި މައްސަލައިގައި ހިމެނޭ މީހާ ފުލުހުންނަށް ދިން އިއުތިރާފުގެ ބަޔާނާއި ރެޑްވޭވް ފިހާރައިން ދޫކުރި ކޯޓޭޝަން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު މަހީލް ވަނީ އަނެއްކާވެސް ދައުވާއަށް އިއުތިރާފުވެފައެވެ.
އެހެންކަމުން އެ މައްސަލައި ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްޔެ އިއްވެވި ހުކުމުގައި ބުނީ މަހީލްގެ މައްޗަށް ދައުލަތުން އުފުލި ވައްކަންކުރުމުގެ ކުށުގެ ދައުވާއަށް ޝަރީއަތުގެ މަރުހަލާ ފެށުމަށް ފަހު މަހީލް އިއުތިރާފުވެފައިވާތީ ވައްކަންކުރުމުގެ ކުށުން މަހީލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ހަތަރު މަހާ 24 ދުވަހުގެ މުއްތަކަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން މަހީލް ބަންދުގައި 16 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ތަންފީޒުކުރަންޖެހޭނެ ޖަލު އަދަބަކީ 4 މަހާއި 8 ދުވަސް ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު