ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚުން ސަފުހާއެއް: އެލިޒަބަތު ދެވަނައިގެ ރަނިކަމުގެ ފެށުން ދިވެހިރާއްޖޭގައިވެސް ކުލަގަދަކޮށް ފާހަގަކުރިއެވެ.

އިމާދު ލަތީފު

ބޭރުގައުމެއްގެ ސަރުކާރުވިޔަސް އަދި ރަސްކަމެއްވިޔަސް ބަދަލުވުމަކީ ދިވެހިރާއްޖޭގައި ރަސްމީގޮތުން ފާހަގަކުރާ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިލީމާ ފެންނަނީ މިކަމުގެ އެންމެ އިސްތިސްނާއެކެވެ. މީގެ 70 އަހަރު ކުރިން އިނގިރޭސި ތަޚުތުގައި ރާނީ އެލިޒަބަތު ދެވަނަ ވެޑުވުން ވަރަށްވެސް ކުލަގަދަ ގޮތެއްގައި މާލޭގައި ފާހަގަ ކުރިއެވެ. ރާއްޖޭގެ އޭރުގެ އާދަކާދަތަކާއި ވިސްނުންތަކަށް ރިއާޔަތްކުރެވިގެން ރާނީއަށް ދިގު އުމުރުފުޅެއް މިންވަރު ކުރެއްވުން އެދި ދުއާކުރުމާއި ރަސްމީ ޖަލްސާއެއް ބޭއްވުންފަދަ ކަންކަން ދިވެހި ސަރުކާރުން ކުރިއެވެ. ދުވަހަކީ 2 ޖޫން 1953 އެވެ. ދިވެހިރާއްޖޭގައި އޮތީ އައު ޖުމްހޫރީވެރިކަމެކެވެ. ރައީސަކީ އަތިރީގޭ މުހައްމަދު އަމީނެވެ. އެދުވަހަކީ ރާނީ ރަސްމީގޮތުން ތަޚުތުގައި ވެޑުވުނު ތާރީޚީ ދުވަހެވެ.

މިއީ 2022 ވަނަ އަހަރެވެ. އިނގިރޭސި ތަޚުތުގައި އަދިވެސް އެއިންނެވީ ރާނީ އެލިޒަބަތެވެ. އެކަމަނާގެ ރަނިކަމަށް 70 އަހަރުވުމުގެ ހަފުލާތަކަށް މިއަހަރު ވަނީ ޚާއްސަ ކުރެވިފައެވެ. މީގެ 70 އަހަރު ކުރިން ރާނީގެ ރަނިކަން ފެށުން ދިވެހިރާއްޖޭގައި ރަސްމީކޮށް އެހާ ކުލަގަދަކޮށް ފާހަގަކުރުމުގެ މުހިއްމު ސަބަބެއް އޮތެވެ. ދިވެހިރާއްޖެއަކީ އޭރު އިނގިރޭސި ދައުލަތުގެ ހިމާޔަތުގެ ދަށުގައި އޮތް ގައުމެކެވެ. ރާނީ އެލިޒަބަތުގެ ރަނިކަމުގެ ދަށުގައި އޮތް ގައުމެކެވެ. އެހެންވީމާ އެކަންކުރަން އޭރު ލާޒިމުވީއެވެ. ތަޚުތުގައި ވެޑުވުނު ގޮތަށް އަދިވެސް އެއިންނެވީ ހަމަ އެރާނީއެވެ. ބަދަލުވަމުންދަނީ ރާނީގެ އުމުރުފުޅާއި ދިވެހިރާއްޖޭގެ ހާލަތެވެ. ރާނީގެ އުމުރުފުޅަކީ މިހާރު 96 އަހަރެވެ. ރާއްޖެއަކީ މިހާރު ރާނީގެ ހުކޫމަތުގެ ދަށުގައިވާ ގައުމެއް ނޫނެވެ.

އިނގިރޭސި ރަސްކަމުގެ ތަޚުތު އެލިޒަބަތު ދެވަނައަށް ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ. އެދުވަހުން ފެށިގެން އެލިޒަބަތު ދެވަނަޔަކީ ރާނީއެވެ. އެހެންނަމަވެސް އާދަކާދަތައް ނިޔާކުރާގޮތުގެ މަތިން ރަސްމީކޮށް ތަޚުތުގައި ވެޑުވުމަކީ ރަސްމީ ބޮޑު ހަފުލާއެއް ބާއްވައިގެން ކުރާ ކަމަކަށްވާތީ އެ ހަފުލާ ބޭއްވީ ރާނީގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމަތައް ފިލައި ދިޔުމަށްފަހު އޭގެ ދޮޅު އަހަރު ފަހުންނެވެ. އެހެންވީމާ ހަގީގަތުގައި ރާނީގެ ރަނިކަން ފެށިފައި އެއޮތީ ދިވެހިރާއްޖޭގައި މުހައްމަދު އަމީނު ގާއިމު ކުރެއްވި ފުރަތަމަ ޖުމްހޫރިއްޔާގެވެސް ކުރިންނެވެ. ދިވެހި ރަސްކަމަށް އިންތިޚާބު ކުރެވިފައި ހުންނެވި އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައެވެ. އަބްދުލްމަޖީދު އަވަހާރަވީ ރާނީގެ ރަނިކަން ނުރަސްމީކޮށް ފެށުނުތާ ބަރާބަރު 15 ދުވަސްފަހުން 21 ފެބްރުއަރީ 1952 ގައެވެ.

ރާނީ އެލިޒަބަތުގެ ރަނިކަމުގެ ފުރަތަމަ ތޭރަ އަހަރަކީ ދިވެހީންގެ މަސްލަހަތުވެސް އެކަމަނާގެ މަސްލަހަތުގެ ތެރޭގައި ހިމެނުނު އަހަރުތަކެކެވެ. ދިވެހިރާއްޖެއަށް 26 ޖުލައި 1965 ގައި ފުރިހަމަ މިނިވަންކަން ލިބުމާ ހަމަޔަށް ދިވެހި ސަރުކާރު އޮތީ ރާނީ އެލިޒަބަތަށް ޖަވާބުދާރީވާންޖެހޭ ސަރުކާރެެއްގެ ގޮތުގައެވެ. އަދި 1976 މާރޗް 29 ވަނަ ދުވަހު އިނގިރޭސި ސިފައިން އައްޑުއަތޮޅު ގަމުން ރަސްމީކޮށް ފޭބުމާ ހަމަޔަށް ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ރާނީ އެލިޒަބަތުގެ ހުކޫމަތު ހިނގާ ސަރަހައްދެއްގެ ގޮތުގައި ދެމިއޮތެވެ. އެހެންވީމާ ރާނީ އެލިޒަބަތުގެ ދިގު ރަނިކަމުގެ ތެރެއިން ފުރަތަމަ 24 އަހަރަކީ ރާނީގެ މަސްލަހަތުގެ ތެރެއަށް ދިވެހިރާއްޖެ ވަދެފައިއޮތް 24 އަހަރެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ދިވެހީންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނޭއްގާނީ ގޮތުގައި ރާނީގެ ނަންފުޅުގައި އިނގިރޭސިން ވަދެފައިވެއެވެ.

ރާނީގެ ރަނިކަމުގެ ފުރަތަމަ ސައުވީސް އަހަރުގެ ތެރޭގައި އިނގިރޭސި ދައުލަތާއި އެކި ގޮތްގޮތުން މުއާމަލާތު ކުރެއްވި ދިވެހި ޒައީމުންތައް އަވަހާރަވިތާ ކިތަންމެ ދުވަހެކެވެ. އަބްދުލްމަޖީދާއި މުހައްމަދު އަމީނެވެ. މުހައްމަދު ފަރީދާއި އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. އިބްރާހިމް ނާސިރާއި އަހުމަދު ޒަކީއެވެ. އަދި ރާނީގެ ނަންފުޅުގައި އިނގިރޭސީން އެހީތެރިވެދީގެން ރާއްޖޭގެ ދެކުނުގައި ގާއިމްކުރި ސުވާދީބު ސަރުކާރުގެ ވެރިޔާ ހިތަދޫ އަބްދު ﷲ އަފީފެވެ. ރާނީގެ ދައުރު ފެށުނުފަހުން އިނގިރޭސިވިލާތުގައިވެސް 14 ބޭފުޅުން ބޮޑުވަޒީރުކަން ކުރައްވައިފިއެވެ. އަދި ރާނީގެ މަސްލަހަތު އޮންނަ ގައުމުތަކުގައި 170 ބޭފުޅުން ބޮޑުވަޒީރުކަން ކުރައްވައިފިއެވެ. އިބްރާހިމް ފާމުލަދޭރިކިލެގެފާނާއި މުހައްމަދު އަމީނާއި އިބްރާހިމް ނާސިރުވެސް އެލިސްޓުގައި ހިމެނިވަޑައިގަންނަވައެވެ.

ރާނީގެ ޕްލެޓިނަމް ޖުބިލީ ދިވެހިރާއްޖޭގައި ފާހަގަ ނުކުރިއަސް ކުރިން ދެންނެވި ގޮތަށް ދިވެހިރާއްޖޭގައި އެކަމަނާގެ ރަނިކަމުގެ ފެށުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިފައިވާތީ އަދި ދިވެހިރާއްޖޭގައި ބޭރުގެ އިއްޒަތްތެރީންނަށް އަރުވާ އިއްޒަތުގެ އެންމެ މަތީ ޝަރަފު އެކަމަނާއަށްވެސް އެރުވިފައިވާތީ ތާރީޚީގޮތުން އެކަމަނާގެ ދިގު ރަނިކަމަށް ބަލައިލުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް ފެންނާތީ މި ލިޔުން ލިޔުނީއެވެ. ކޮންމެއަކަސް އެލިޒަބަތު ދެވަނަޔަކީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް އެންމެ ގިނަ ދުވަހު ތަޚުތުގައި ހޭދަކުރެއްވި ބޭފުޅާއެވެ. އަދި އިތުރު ދެ އަހަރު ތަޚުތުގައި އިންނަވައިފިނަމަ ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ގިނަ ދުވަހު ތަޚުތު ހޫނުކުރެއްވި ބޭފުޅާކަމަށް ވުމުގެ ރިކޯޑު ލިބިވަޑައިގަންނަވާނެއެވެ. އެ ރިކޯޑުގެ މިހާރުގެ ވެރިޔަކީ 72 އަހަރު ތަޚުތުގައި ހޭދަކުރެއްވި ފްރާންސްގެ ސާދަވަނަ ލުއިސްއެވެ.