ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނަ އަށް އުފުލިފައިވާ ކަމަށާއި އޭގެ ސަބަބުން މި އަހަރު ރާއްޖޭގެ އިންފްލޭޝަން ތިން ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޑެޕިއުޓީ ގަވަރުނަރު، އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިމާދު ވިދާޅުވީ މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވް ހުރީ 316 މިލިއަން ޑޮލަރުގައި ކަމަށާއި މިއަހަރު ނިމޭއިރު ނެޓް ރިޒާވް 214 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ރިޒާވް ދަށްވާނެ ކަމަށް ބެލެވެނީ އިންފްލޭޝަންގެ ސަބަބުން ތަކެތި އިމްޕޯޓް ކުރުމަށް ހިނގާ ހަރަދު ބޮޑުވާނެތީ ކަމަށާއި މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ތިން ޕަސެންޓަށް މައްޗަށް ދާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް އިމާދު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 1.1 ޕަސެންޓުގައެވެ. ސަރުކާރުން ކުރިން ލަފާކޮށްފައި އޮތީ އިންފްލޭޝަން ރޭޓު އެވަރުގައި މިއަހަރު ހިފެހެއްޓޭނެ ކަމަށެވެ.
"ތެލަށް ކުރާ ހަރަދު ދެގުނަ ބޮޑުވެގެން މިދަނީ. ރާއްޖޭގައި މިވާގޮތަކީ ތެޔޮ އެތެރެ ކުރާ ޕްރައިވެޓް މީހުން ވެސް ތެޔޮ އަގުބޮޑުވީމާ ނުގެނޭ. އެހެންވެ އެސްޓީއޯއަށް މި ޖެހެނީ އިގްތިސާދަށް ބޭނުންވާ ހުރިހާ ތެޔޮ ގަންނަން. އެ ޕްރެޝަރު ހުންނާނެ،" އިމާދު ވިދާޅުވިއެވެ.
ގަވަރުނަރު ހާޝިމް ވެސް ލަފާކުރައްވަނީ އަންނަ އަހަރާ ހަމައަށް ރާއްޖޭގައި އިންފްލޭޝަންގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އިންފްލޭޝަން ބޮޑުވުމަކީ މިވަގުތު އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި ހާއްސަ ގޮތެއްގައި ކާބޯތަކެތީގެ އަގުތައް ބޮޑުވުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ހާޝިމް ވިދާޅުވިއެވެ.
ހާޝިމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި މިވަގުތު ރާއްޖޭގެ ފިސްކަލް ހިސާބުތައް ދައްކާގޮތުން ދަރަނި ނުދެއްކޭ ހާލަތެއްވެސް އަދި ރިޒާވް ހުސްވެދާނެ ހާލަތެއްވެސް ނުފެންނަ ކަމަށެވެ.
"ހިސާބުތައް އެހެރީ އަޅުގަނޑުމެން ނެރެފައި. އޭގެއިން އަޅުގަނޑުމެންނަކަށް ނުފެނޭ ދަރަނި ނުދެއްކޭ ރިޒާވް ހުސްވާ ހާލަތެއް" ގަވަރުނަރު ވިދާޅުވިއެވެ.
ނަމަވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ދަރަނިތަކާ މެދު ކަންބޮޑުވާ ކަމަށާއި މެދު ރާސްތާ އާއި ދިގު މުއްދަތުގައި ދަރަނި އަދާކުރަން ގެންގުޅޭ ސިޔާސަތުތަކާ މެދު ކަންބޮޑުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.
ދިގު ރާސްތާއެއްގައި ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެއްކުމަށްޓަކައި މިހާރަށް ވުރެ ރަނގަޅަށް ކަންކަން ރާވަން ޖެހޭ ކަަމަށާއި އާމްދަނީ އިތުރުވަމުން އަންނަ މިންވަރަށް ބަލައި ގާނޫނަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށް ހާޝިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު