ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، މިޔަޓް ފުޓްސަލް ފިއެސްޓާ 2022 ގެ ޓައިޓަލް ސްޕޮންސަރަކަށް އަރާމު ހޮލިޑޭސް އެންޑް ސްޕާ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިއްޔެ އެއްބަސްވުމުގައި ސޮއިކޮށް، މުބާރާތުގެ ނަން ވަނީ އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާ 2022 އަށް ބަދަލުކޮށްފައެވެ. އެއްބަސްވުމުގައި މިޔަޓްގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުހައްމަދު ހަމީދެވެ. އަރާމު ހޮލިޑޭސް އެންޑް ސްޕާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު އިސްމާއީލް ނަސީމެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމް ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖު އަންނަ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ އިރު، މިއަހަރުގެ މުބާރާތުގައި 15 ޓީމަކުން ވާދަކުރާނެއެވެ.
މީގެ ކުރިން ދެ މުބާރާތެއް މިޔަޓްއިން ކާމިޔާބުކަމާއެކު ހިންގާފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް 30،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅައިފައިވެއެވެ.
މުބާރާތުގެ ލޯގޯ އިފްތިތާހު ކުރުމަށް ފެބްރުއަރީ މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި މުބާރާތުގެ ލޯގޯ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެ ހަފްލާގައި މިޔަޓް ޖަމިއްޔާގެ މެމްބަރުންނާއެކު މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލާއި ގައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިންވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ވެސް ހިމެނެއެވެ.
މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިވެވޭނެ ފުރުސަތު ވަނީ ދީފައެވެ. އަދި ރަށުން، އަތޮޅުން ބޭރުން ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ގެންދެވޭނެ އުސޫލެއްވެސް އެކުލަވާލާފައިވާ ކަމަށް މިޔަޓްއިން މައުލޫމާތު ދީފައިވެއެވެ.
މުބާރާތުގައި ރާއްޖޭގެ ތަރިން ފެންނާނެއެވެ. މުބާރާތުގައި ތުލުސްދޫން އަށް ޓީމު ވާދަކުރާ އިރު، ކުޑަ ވިލިނގިއްޔާއި ދިއްފުށިން ވަނީ ކޮންމެ ރަށަކުން ދެ ޓީމު ބައިވެރިވެފައެވެ. ދެން ޓީމުތައް ބައިވެރިވީ ގާފަރުންނާއި ހިންމަފުށި އަދި ހުދުރަންފުށިންނެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް