މިދިޔަ ފިތުރު އީދު ބަންދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކުގެ މައްސަލައާ ގުޅިގެން ހޯދުމަށް ފުލުހުން ފޮޓޯ އާންމުކުރި މީހުންގެ ތެރެއިން އިތުރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

މާރާމާރީތަކާ ގުޅިގެން ފުލުހުން ފޮޓޯ އާންމުކުރި މީހުންގެ ތެރެއިން އެންމެ ފަހުން ހައްޔަރުކުރީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މައުސޫމް މުހައްމަދު ދީދީ (27އ)އެވެ.

ފުލުހުން ބުނީ، މައުސޫމް ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

އެ މާރާމާރީތަކާ ގުޅިގެން ހޯދުމަށް ފުލުުހުން ފޮޓޯ އާންމުކުރި ހަތް މީހުންގެ ތެރެއިން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ، ތ. ތިމަރަފުށީ، ސީނުގެ، އަހުމަދު ޝިމްހާޒާއި މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފާއި ގއ. ގެމަނަފުށީ، ކެނެރީގެ، އަހުމަދު ނާޒިހުގެ އިތުރުން ސ. މަރަދޫ/ ކޮރަލް އަހްމަދު ސާތިއު (21އ) އެވެ.

  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު (24އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ)

ފިތުރު އީދު ދުވަހު ހިންގި ދެ މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީއަކީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮމިސްކިތް ކައިރީގައި ފަތިހު ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި ޒަހަމްކޮށްލައިފައިވަނީ 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގައި އެދުވަހުގެ ހެނދުނެވެ. އެ މާރާމާރީގައިވެސް ދެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.

ފުލުހުން މީގެ ކުރިން ބުނީ، އަސްރަފީ މަގުގައި ހިންގި މާރާމާރީ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކަކީ ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާއު އިބްރާހިމް، 18އ އެވެ. އޭނާ ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފައެވެ.