ސްކޫލުގައި ނަމާދުކުރުމަކީ ދީނީ ހަރުކަށި ފިކުރުގެ އަމަލެއް ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރުން "ހަފްތާ ރެސް"ގެ ނަމުގައި ކުރިއަށްގެންދާ ވޯކްޝޮޕެއްގައި ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރަން ބޭނުންވުމަކީ ހަރުކަށި ފިކުރު ހުންނަ ކަމުގެ އަލާމާތެއް ކަމަށް ބުނާ މައްސަލައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލުތަކުން ނަމާދުކުރަން ބާރުއަޅާނެ ކަމަށާއި އެގޮތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއް ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އަދި ކަރިކިއުލަމްގެ މައިގަނޑު އަސާސަކީވެސް ޕްރެކްޓިސިން އިސްލާމް ކަމަށާއި ކަރިކިއުލަމް ތެރެއިން އިސްލާމް ދީނަށް އަމަލުކުރާ އަދި ދިވެހި ގައުމަށް ލޯބިކުރާ ހުނަހުރި ދަރިވަރެއް ބިނާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އައިޝަތު އިތުރަށް ވިދާޅުވީ ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރަން ބޭނުންވުމަކީ ހަރުކަށި ފިކުރު ހުންނަކަމުގެ އަލާމާތެއް ކަމަށް ބުނެ އެފަދަ ކަމެއް ހިނގިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސަރުކާރުން ކުރިޔަށް ގެންދާ "ހަފްތާ ރެސް" ޕްރޮގްރާމަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓާ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. އެ ވޯކްޝޮޕްގައި ހަރުކަށި ފިކުރާ ގުޅޭ ގޮތުން ދެއްކި ކަމަށް ބުނާ ބައެއް ވާހަކަތަކާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.