އަންހެނެއްގެ އަތުގައި ދަތްއަޅައި އިނގިލި ބުރިކޮށްލި، ގ. ޗެރީހައުސް/ އަލީ ހަސަން، 35އ، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
އަލީ ހަސަން ހައްޔަރުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު ވިލިނގިލީ، ޝާދީވިލާ ގެއަށް ހުއްދަ ނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދީ އޭގެ ތެރެއިން އެކަކުގެ އަތުގައި ދަތްއަޅައި އިނގިލި ބުރިކޮށްލި މައްސަލައިގައެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ގެންދިއުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި 150 ދުވަހަށް ޖަލަށްލުމަށް މެއި 3 ވަނަ ދުވަހު އެ ކޯޓުން ހުކުމްކުރިއެވެ. ނަމަވެސް މިމަހުގެ ދެވަނަ ދުވަހު ހަމަ އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.
އަލީ ހަސަން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދި ކޯޓަށް ފޯމު ހުށަހެޅީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ އޮފީހުން މިއަދު ބުނީ އަލީ ހަސަނު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ބުނީ އެ މައްސަލައިގައި އަލީ ހަސަންގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް މި މަހުގެ ހަ ވަނަ ދުވަހު ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ދައުވާތަށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ތިން އަހަރާއި 10 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
- އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުން
- ގައިގާ އަތްލުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން
- އަނިޔާއެއް ދިނުމުގެ ކުށުގެ ދެ ދައުވާ: އަސާސީ އަދަބަކީ ކޮންމެ ދައުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން
- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހަށް ޖަލަށްލުން
އަލީ ހަސަންގެ ފަރާތުން އަނިޔާ ލިބުނު މީހެއްގެ އާއިލާ މީހެއް ކަމަށްވާ ނަސްރު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އަލީ ހަސަން އެގެއަށް އައިސް މާރާމާރީ ހިންގަން ފެށީ އެ ދުވަހުގެ ފަތިހު ކަމަށާއި އެއިރު ގޭގައި ކުޑަކުދިންވެސް ތިބި ކަމަށެވެ. ނަމަވެސް މާރާމާރީގައި ކުއްޖަކަށް އަނިޔާވެފައިނުވާ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެންގެ ލޮބުވެތި މަންމައަށާއި އާއިލާގެ އިތުރު މެމްބަރުންތަކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާތަކެއް ދީފައި. އަނިޔާތަކުގެ ތެރޭގައި މަންމަގެ އަތުގެ ދެ އިނގިލި ވަނީ އެއްކޮށް ބިންދާލާފައި. ދައްތަގެ އަތުގެ އިނގިއްޔެއް ވަނީ އޭނާގެ އަނގައިން ކާލައި ކަނޑައި ވައްޓާލާފައި. ބޭބެގެ މޫނުމަތި ވަނީ ދުޅައަރުވާލާފައި،" ނަސްރު ބުންޏެވެ.
މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ އަލީ ހަސަން ވިލިނގިއްޔަށް ދިޔައީ އެ ރަށުގައި ދިރިއުޅޭ، އޭނާގެ ކުރީގެ ކައިވެންޏަކަށް ލިބިފައި ތިބި ދެ ދަރިންނާ ބައްދަލުކުރުމަށެވެ. މާރާމާރީ ހިނގަން މެދުވެރި ސަބަބަކަށްވީ ދަންވަރު 3:00 ހާއިރު އަލީ ހަސަން ފަތިސް ނަމާދަށް ކަމަށްވބުނެ ދަރިން ގެންދަން އުޅުމުން ކަމަށްވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު