މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނުނީ މ. ނަގުމާގޭގެ ތެރޭގައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މާފަންނު ގެއެއްގެ ތެރެއިން މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު 11:00 ޖަހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލުމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ކުމުދު ނަމަކަށް ކިޔާ ލަންކާ ފިރިހެެނެކެވެ.
ކުމުދު މަރުވެފައި ވަނީ ބަލިވެ އުޅުމަށްފަހު ކަމަށް އޭނާގެ ގާތް މީހަކު ވަނީ "ވަން" އަށް ބުނެފައެވެ. އަދި ރޭ އޭނާއަށް ބޭސްވެސް ދިން ކަމަށް އެމީހާ ބުންޏެވެ.
"ކުމުދު ބުނީ ހެނދުނު 7:00ގައި ގުޅަން. އެކަމަކު ފޯނު ނުނެގީމަ 11:00 ޖަހަން އުޅެނިކޮށް އެގެއަށް ދިޔައީ. ދޮރުގަ ޓަކި ޖެހީމަވެސް ނުހުޅުވާ. ދެން އެހެން މީހަކަށް ގޮވާ ގެނެސް ގަދަކަމުން ދޮރު ހުޅުވާފަ ބެލި އިރު، އެނދުމަތީގަ އޮތީ ހަރުވެފައި. އޭރުވެސް އޮތީ މަރުވެފައި" އޭނާ ބުންޏެވެ.
ކުމުދު ރާއްޖޭގައި އުޅޭތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އޭނާ ދަންނަ މީހަކު ބުންޏެވެ.
ޚަބަރު
ޚަބަރު