ދިވެހިން އާންމުކޮށް ބޭނުންކުރާ މުދަލުގެ އަގު ބޮޑުވަމުންދާތީ ތަކެތީގެ އަގު ހެޔޮކޮށް އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފެވެ.

މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ މެންބަރެކެވެ. ބަހުސްކުރަން ނުފެންނަ ކަމަށް 29 މެމްބަރަކު ވޯޓު ދެއްވިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޝަރީފު ވިދާޅުވީ، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް އުނދަގޫތައް ދިމާވަމުންދާ ކަމަށެވެެ.

އެގޮތުން ރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން މިފްކޯގެ މަސްދަޅުގެ އަގާއި އެތެރޭގެ އުދުހުންތަކުގެ ޓިކެޓާއި ކާގޯގެ ހިދުމަތުގެ އަގާއި އިމާރާތްކުރުމުގެ ދާއިރާއިން ސިމެންތިއާއި ދަގަނޑުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކާއި ބައެއް ބުއިމުގެ ބާއްވަތްތަކުގެ އަގުވެސް ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުން އުފައްދާ ތަކެތީގެ ތެރެއިން ދިވެހިން އާންމުކޮށް ބޭނުން ކުރާ މުދަލުގެ އަގުތައް ކޮންޓްރޯލް ކުރަން އެ ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި ބާޒާރުގައި އަތް ނުފޯރާ ހިސާބަށް އުފުލެމުންދާ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަަށްވެސް އެ މައްސަލައިގައި ގޮވާލާފައިވެއެވެ.