ޚަބަރު

"ހަވީރު" ނޫހުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ޑރ. ޒާހިރަށް ސުޕްރީމް ކޯޓުން ދީފި

އިބްރާހިމް ޒަކީ

ރާއްޖޭގައި އެންމެ ދުވަސްވީ ނޫސް "ހަވީރު" ނޫހުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ އެ ނޫހުގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންނަށް ލިބިގެންވާ ކަމަަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އެ ބޭފުޅުންގެ ހިއްސާއެއް އޮތް ކަމަށް ވިދާޅުވެ ހިއްސާގެ ބައި ހޯއްދެވުމަށް އަބްދުﷲ ފާރޫގު ހަސަންއާއި އިބްރާހިމް ރަޝީދު މޫސާ 2016 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ އެ ކޯޓުން ނިންމީ އެ ބޭފުޅުންނާ ދެކޮޅަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ސިވިލް ކޯޓަށް ތަހުލީލު ކުރިއެވެ.

ނަމަވެސް ހައިކޯޓުގެ އެ ނިންމުން ޑރ. ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ އެ ކޯޓުން ބެލުމަށްފަހު 2019 ވަނަ އަހަރު ނިންމާފައި ވަނީ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ޑރ. ޒާހިރަށް ދޭން ނުޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ކުރީގެ ނިންމުން ގޯސްކޮށް އެ ކޯޓުން މިއަދު ހުކުމް ކުރީ އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެދި ޑރ. ޒާހިރުގެ ފަރާތުން ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ސުްޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި، ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ހަވީރު ނޫސް އެޖެންސީއާއި ޑރ. ޒާހިރާ އޮތް ގާނޫނީ ގުޅުމަކީ ކޮބައިކަމާމެދު އުފައްދާފައިވާ ސުވާލަކީ އެ ކޯޓުގެ އިސްތިއުނާފީ މަރުހަލާއިން ބަލައި، އެކަމަށް ޖަވާބު ލިބެންޖެހޭ ފަދަ ގާނޫނީ ބަހުސެއް އޮތް މައްސަލައެއް ކަމަށެވެ.

އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މީގެ ކުރިން ނިންމި ނިންމުމަކީ އެކަމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ހަވީރު ނޫހުގައި ފާރޫގާއި ރަޝީދުގެ ހިއްސާ އޮންނަ ކަމަށް ކޯޓަށް ހުށަހެޅުއްވީ 1985 ގައި "ހަވީރު ނޫސް އެޖެންސީ" ކިޔާ އެޖެންސީއެއް އުފައްދަން އެ ބޭފުޅުންގެ މެދުގައި ކުރެއްވި އެގްރިމެންޓަކަށް ބިނާކޮށްގެން ކަމަށް އެ މައްސަލައިގައިވެއެވެ. އެ އެއްބަސްވުމުގައި އޮތް ގޮތުން ހަވީރާއި ހަވީރުގެ ޗާޕްހާނާ ހިންގާނީ ހަވީރު ނޫސް އެޖެންސީންނެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރަށް އެ އެޖެންސީން ހަވީރު ހިންގުމާ ބެހޭ އެއްވެސް މަސައްކަތެއް ކުރިކަން އެނގޭކަށް ނެތެވެ.