ހުޅުމާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު އަންހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއްގެ ތިން ވަނަ ބުރިން ވެއްޓިފައިވަނީ 22 އަހަރުގެ ޒުވާނެކެވެ. އެ އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެ ދުވަހު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަންހެން މީހާއަށް މިހާރު ވޯޑުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭނާގެ ހާލަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޮފިސަރު ވިދާޅުވީ ވޯޑުގައި ފަރުވާދެމުންދާނީ ހާލު ރަނގަޅުވުމުން ކަމަށެވެ.

ލިބިފައި ހުރި އަނިޔާގެ ތަފުސީލު ޑޮކްޓަރުން އާއިލާއާ ހިއްސާކުރާނެ ކަމަށާއި އެހެންކަމުން އެފަދަ މައުލޫމާތެއްވެސް ހިއްސާ ނުކުރެވޭނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ.