ޚަބަރު

ހިޔާ ސަރަހައްދުގައި ކެފޭއެއް ހުޅުވައިފި

ހިޔާ ފްލެޓުތައް ސަރަހައްދުގައި ކެފޭއެއް ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހިޔާގެ އެޗް 13 ވަނަ ޓަވަރުގައި ގްރީން ފްލައިގެ ފަރާތުން "އެޗް 13 ކެފޭ" ނަމުގައި ކެފޭއެއް ހުޅުވާފައިވާ ކަމަށެވެ.

ލުއިފަސޭހަކަމާ އެކު އާންމުންނަށް ހިދުމަތްތައް ލިބިގެންދާނެ ސަރަހައްދަކަށް ހިޔާ ފްލެޓް ސަރަހައްދު ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މީގެ ކުރިން ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ރެސްޓޯރެންޓެއްވެސް ހުޅުވައިފައެވެ.

ހިޔާ ފްލެޓްތަކުގައި 35،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު، އެތަނުގައި ގިނަ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް އެޗްޑީސީން އަދިވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ފިހާރަތައް ހެދުމަށް ތަންތަން ދޫކޮށްފައިވާއިރު، އެތަންތަނުގައި މިހާރު ވަނީ ގިނަ ފިހާރަތަކެއް ހުޅުވައި ހިދުމަތް ދޭން ފަށައިފައެވެ. މީގެ އިތުރުން ސެލޫންތަކާއި ބޭސްފިހާރަތައްވެސް ވަނީ އެސަރައްދުގައި ހުޅުވައިފައެވެ. އަދި ފޮޓޯ ސުޓޫޑިއޯ އާއި ޕްރިންޓުކުރާ ތަންތަނާއި ޖިމްތައްވެސް އެސަރަހައްދުގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.