ޚަބަރު

ނަބިއްޔާގެ ދިފާއުގައި ސައިކަލު ބުރެއް، ގިނައީ ޒުވާނުން

އަލީ ޔާމިން

އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިއްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ދެ އޮފިޝަލަކު ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާތީ އެކަން ކުށްވެރިކޮށް، ރަސޫލާ އާއި އިސްލާމްދީނުގެ ދިފާއުގައި އަޑު އުފުލުމަށް މިއަދު މާލޭގައި ސައިކަލު ބުރެއް ބާއްވައިފިއެވެ.

"މަގޭ ނަބިއްޔާ"ގެ ނަމުގައި ދިވެހި ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު 4:00ގައި ރަސްފަންނު ސަރަހައްދުން ފެށި މި ސައިކަލު ބުރުގެ ބައިވެރީން މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުން ދުއްވަމުން ގޮސް، ހައެއް ޖެހިއިރު ބުރު ނިންމާލީ ރަސްފަންނު ސަރަހައްދަށެވެ. ސައިކަލް ބުރު ނިންމާލީ ހާއްސަ ދުއާއަކުންނެވެ.

އެ ސައިކަލު ބުރުގައި އެކިއެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ. އެ ސައިކަލު ބުރު ކުރިއަށްގެންދިޔައީ "ﷲ އަކްބަރު" ހަރުއަޑުން ގޮވަމުންނެވެ. އެ ސައިކަލު ބުރުގައި ގިނަ އަދަދަކަށް އަންހެނުންނާއި ދީނީ އިލްމުވެރިންވެސް ބައިވެރިވިއެވެ.

މިއަދުގެ ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުން ވަނީ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓާލަން ގޮވާލައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން އެ ގައުމުގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރު ޝަރުމާ، ރަސޫލާއަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކައި، ފުރައްސާރަ ކުރުމުގެ އިތުރުން ކީރިތި ޤުރުއާނަށްވެސް ވަނީ މަލާމާތްކޮށްފައެވެ.