Close
ޚަބަރު

ހިސާނާއި ރިފްއަތު، ޔާމީން މައްސަލަ ބައްލަވާ ގާޒީއާ ބައްދަލުކުރެއްވި ވާހަކަ ދޮގުކޮށްފި

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްއާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައްދަލުކުރެއްވި ވާހަކަ ޖޭއެސްސީން ދޮގުކޮށްފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށްދާއިރު، އެ މައްސަލަ ބައްލަވާ ގާޒީ ޝަކީލް، ޖޭއެސްސީގެ ރައީސް ހިސާން އާއި ރިފްއަތުއާ ބައްދަލުކުރެއްވި ކަމަށް ބުނެ ސަންގު ޓީވީން މިރޭ ވަނީ ޓުވީޓެއް ކޮށްފައެވެ.

ސަންގުޓީވީން ކުރި ޓްވީޓުގައި ބުނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ދަންވަރުގެ ވަގުތެއްގައި ޖޭއެސްސިއަށް ގެންދިޔަ ކަމަށާއި އަދި އެ ގާޒީއާ އެޓާނީ ޖެނެރަލް ރިއްފަތުގެ އިތުރުން ހިސާން ބައްދަލު ކުރެއްވި ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ގާޒީ ޝަކީލްއާ ބައްދަލުކުރި ކަމަށް ބުނެ ދައުރުކުރާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

"... އަދި މި ކޮމިޝަނުގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާތީ މިކަން ކުށްވެރިކޮށް މިކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަމުގައިވެސް ދަންނަވަމެވެ،" ޖޭއެސްސީގެ ޓުވީޓުގައިވެއެވެ.

ޖޭއެސްސީގެ ޓުވީޓަށް ރައްދުދީ، ސަންގު ޓީވީން މިރޭ ކުރި އިތުރު ޓޫވީޓެއްގައި ބުނީ ޖޭއެސްސީއަށް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ގެންދިޔައީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ 12:00 ހާއިރު ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަތަކުގައި ސަރުކާރުން ޖޭއެސްސީ މެދުވެރިކޮށް ޝަރީއަތަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އެމަނިކުފާނުގެ ވަކީލުންގެ ޓީމާއި އިދިކޮޅު ޕީޕީއެމުން އަބަދުވެސް ކުރެއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީނަށް އުފުލާފައިވާ ދައުވާތަަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް އުފުލާފައިވާ ދައުވާތަކެކެވެ.